އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަޑައިގަންނަވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށް ފަހުއެވެ. މަޑުމައިތިރި ސިޔާސީ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ އިބޫ ވަނީ ރާއްޖޭގެ 153 ރަށަކަށް ވަޑައިގެންފައެވެ. ސުވާލަކީ ރަށްރަށަށް ވަޑައިގެން އިބޫ ކުރެއްވީ ކޮން ކަމެއް ހެއްޔެވެ؟ މީހުން އިބޫ ބަލައިގަތީ ކިހިނެއްތޯ ވެސް މިއީ މީހުންކުރާ ސުވާލެކެވެ.
އިބޫ ރަށްތަކަށް ވަޑައިގެންނެވި އިރު ފެނުނީ އެމަނިކުފާނަށް މަރުހަބާ ކިއުމަށް ކެތްމަދުވެފައި ތިބި ބައެކެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ރަށްތަކުން މެޖޯރިޓީ އެމަނިކުފާނަށް އޮތްކަން ފެނިގެންދިޔައެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނުގެ ސަޕޯޓަރުންގެ ފުރިހަމަ ތާއީދު އެމަނިކުފާނަށް އޮތްތަން ފެނުނެވެ.
ރައީސް ޔާމިނަށް ކުރި ތާއީދު އަނބުރާ ގެނެސް އިބޫއަށް ތާއިދުކުރިކަން ހާމަކުރި
އިބޫ ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމާ އެކު މީގެ ކުރިން ރައީސް ޔާމިނަށް ތާއީދުކޮށްގެން ތިބި މީހުންގެ ތެރެއިން އެތައް ބަޔަކު އިބޫއަށް ތާއީދު ކުރަން ނިންމިއެވެ. އެމަނިކުފާނު ރަށްތަކަށް ވަޑައިގެންނެވުމުން ރާއްޖޭގެ އުތުރާއި ދެކުނުން އެކި މީހުން އިބޫއާ ބައިތުހިފިއެވެ.
ނ. މިލަދޫ އިން ފެނުނު ބޮޑު ތާއީދާއި އެ ރަށުން ގުޅުނު މީހުންނަކީ މީގެ ކުރިން ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮން އުޅުނު މީހުންނެވެ. އަދި ޅ. ހިންނަވަރު ކައުންސިލަރުންގެ ތެރޭގައި ހިމެނޭ އަހްމަދު ރިޝްވާން އާއި އިބްރާހިމް އާތިފް ޕީޕީއެމް ދޫކޮށް އެމްޑީޕީއާ ގުޅުނީ އެރަށުގައި އިބޫ ބޭއްވި ޖަލްސާގައިއެވެ. ނ. އަތޮޅު ކައުންސިލަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ރައުޝަމް ޕީޕީއެމް ދޫކުރައްވައި، އެމްޑީޕީއަށް ސޮއިކުރައްވައި އިބޫއަށް ތާއިދުކޮށް ވެލިދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަ ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އަދި ހަމައެހެންމެ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ހަކީމާއި ގއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަހްމަދު އަޒްމީން އިބޫއަށް ބައިތުހިފުން ވެސް ހަމަ ހިމެނިގެން ދަނީ މި ލިސްޓްގައެވެ. އަދި ދުވާފަރުގައި އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓުން އިންތިހާބު ކާމިޔާބުކޮށް ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. އަދި އޭނާއާ އެކު އިބޫއަށް އެތައް ވޯޓެއް އިތުރުވެގެން ދާނެ ކަމީ އެރަށު މީހުން ޝައްކުރާނެ ކަމެއް ނޫނެވެ. މި ނޫން ވެސް އެތައް ބަޔަކު އިބޫ ރަށްތަކަށް ކުރެއްވި ޒިޔާރާތުގައި އެމަނިކުފާނާ ބައިތުހިފިއެވެ. ރ. އަލިފުށިން ގިނަ އަދަދެއްގެ ޒުވާނުން ނިކުމެ ކީ މަރުހަބާ އަށް އިތުރުވެގެން ދިޔައީ އެރަށުގެ ވިޔަފާރިވެރިން އިބޫއަށް ތާއިދުކޮށް ނިކުތުމެވެ. އައްޑޫ ސިޓީގައި ބޭއްވި ޖަލްސާ އިން ވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ.
ކުރިން ޕީޕީއެމްއަށް ތާއީދު އޮތް ރަށްތަކުން އިބޫއަށް ބޮޑު ތާއީދެއް ފެނުން
ބައެއް ރަށްތަކަށް އިބޫ ވަޑައިގަތުމުން ފެނިގެންދިޔަ ތާއިދަކީ މީގެ ކުރިން އެރަށް ރަށުން ނުފެންނަ މަންޒަރުތަކެވެ. އޭގެ ތެރެއިން ވެސް ކ. ގާފަރާއި ރ. އަލިފުއްޓާއި، ދުވާފަރާއި ޅ. ނައިފަރާއި، އޮޅިވެލިފުށި ކަހަލަ ކިތަންމެ ރަށަކުން ފެނުނު މަންޒަރުތަކަކީ ފާހަގަކޮށްލެވޭ މަންޒަރުތަކެކެވެ.
މީގެ ކުރިން ވެސް އެމްޑީޕީއަށް ބޮޑު ތާއީދު އޮތް ރަށްތަކުން ވެސް ފެނުނީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ގުޅުމުން އެ ތާއީދު އެތައް ގުނަ އިތުރުވި މަންޒަރެވެ. މީގެ ކުރިން އެމްޑީޕީއަށް މެޖޯރިޓީ އޮތް އެއްވެސް ރަށެއްގެ ތާއީދު އެޕާޓިއަށް ކުޑަވެ، ފާއިތުވި ފަސް އަހަރެއް ހާ ދުވަހުގެ ތެރޭގައި، އެ ތާއީދު ރައީސް އަބްދުﷲ ޔާމިނަށް އަނބުރާލެވުނު އެއްވެސް ރަށެއް ނެތޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އެކަން އެ ރަށްރަށުގެ މީހުންނާ ވާހަކަ ދައްކާލުމުން ސާފުވިއެވެ. އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ތާއީދު އަދި ވެސް ބޮޑީ ކޯލިޝަނަށް ކަމަށް މަންޒަރުތައް ފެނެއެވެ.
އިބޫގެ ވައުދުތަކާ އެކު ގިނަ ރަށްތައް ބަދަލުވާން ފެށި
އިބޫ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި، ވެވަޑައިގެންނެވި ވައުދުތަކުގެ ސަބަބުން އެމަނިކުފާނަށް އޮތް މަގުބޫލުކަން އިތުރުވިއެވެ. އިބޫ ވެޑައިގެންނެވި ގިނަ ވައުދުތައް ވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އަދި އެންމެ ބޭނުންވާ ކަންކަން ކަމުގައެވެ. ނުހައްގުން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް ވަޒީފާ އަނބުރާ ދެއްވާނެ ކަމަށާއި ސިޔާސީ ފިކުރެއްގެ ސަބަބުން އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު އޭގެ ތެރޭގައި ހިމެނެއެވެ. އަދި އެހެންމެ ފެނާއި ނަރުދަމާގެ ނިޒާމް ނެތް ރަށްރަށުގައި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެ ކަން ކޮށް ނިންމައިދެއްވާނެ ކަމަށް ވިދާޅުވުމާއި ގޯތިގެދޮރު ނެތް ފަރާތްތަކަށް ގޯތިގެދޮރު ހޯދައި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އެކު ރަށްރަށުގައި ދިރިއުޅޭ ގިނަ ފަރާތްތަކުން އެމަނިކުފާނަށް ވޯޓު ޔަގީންކުރިއެވެ.
މީގެ މައްޗަށް ބަލާފައި އަންދާޒާ ކުރުމުން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުގެ އެންމެ ބޮޑު ފުރުސަތު ބޮޑީ އިބްރާހިމް މުހައްމަދު ސޯލިހެވެ.