ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:10
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުގައި ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް ވޯޓު ދިނުމަށް ރިޔާޒު އެދިވަޑައިގެންފި
އަދުލްއިންސާފު ގާއިމްކުރުމަށް އެންމެހައި ދިވެހި ރައްޔިތުން ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓަށް ވޯޓު ދޭން ޖެހޭ
ރާއްޖޭގައި މިވަގުތު ގާއިމްވެފައި މިއޮތް ފަސާދައާއި ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމަށް މަގުފަހިކުރާ ނިޒާމް ބަދަލުކުރަންޖެހޭ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމަށް ވޯޓްދެއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު އެދިވަޑައިގެންފިއެވެ.

ރިޔާޒުގެ ފަރާތްޕުޅުން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަދުލްއިންސާފު ގާއިމްކުރުމަށް އެންމެހައި ދިވެހި ރައްޔިތުން ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިގައުމު ވެއްޓިފައި މިވާ ފުން އަނދަވަޅުން ސަލާމަތްކޮށް ގައުމު އަމާން އައްސޭރިއަކަށް ގެންގޮސްދެއްވުމަށް ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހިފުމަށް ރިޔާޒު ގޮވާލެއްވިއެވެ.

ރިޔާޒު ވިދާޅުވީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ގާއިމްކޮށް ދިވެހިރާއްޖޭގައި މިވަގުތު ގާއިމްވެފައި މިއޮތް ފަސާދައާއި ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމަށް މަގުފަހިކުރާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުން ފަރުދީ ޒިންމާއެއްގެ އޮތްކަމުގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫއަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ދިވެހި ގައުމުގެ ވެރީންގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުގެ ފުރުސަތު އެދެބޭފުޅުންނަށް ލިބިއްޖެނަމަ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި، ހާމަކަމާއެކު، ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް އެ ދެބޭފުޅުން ގައުމަށް ޚިދުމަތްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކަށް ނުހައްގުން އަނިޔާވެރި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މުސްތަގީއްލުކަން ކަށަވަރުކުރައްވާނޭ ކަމުގެ ފުރިހަމަ އިތުބާރުވެސް އެބައޮތް ކަމަށާއި، އަދި އެދެބޭފުޅުން ވަނީ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރުމުގައިވެސް ރިވެތި ނަމޫނާއެއް ދައްކަވާފައިވާ ކަމަށެވެ.

މީގެ އިތުރަށް ރިޔާޒު ވިދާޅުވީ މިސަރުކާރާއި ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު މަސައްކަތްކުރުމުން ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި އެއްގޮތަށް ހެޔޮ ވެރިކަމެއްކުރުމަށް ނޫންކަން ކަށަވަރުވި ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގަޔާއި ސިޔާސީގޮތުން ކުރަމުން އައި މަސައްކަތް ހުއްޓުވުމަށް އަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ޖަލުގައި ބަންދުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތުން މަހުރޫމް ކުރީ ކަމަށެވެ.

މިސަރުކާރުން ވެފައިވާ ވައުދުތަކަށް އަލިއަޅުއްވާ ލައްވަމުން ރިޔާޒު ވިދާޅުވީ ކިނބިދޫ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ މައިގަނޑު ވައުދުތަކުގެ ތެރެއިން އަސާސީ ޚިދުމަތްތަކާއި، ބައެއް ޕްރޮޖެކްޓްތައް ވެރިކަމުގެ ފުރަތަމަ ދެއަހަރުގެ ބަޖެޓްގައި ހިމަނައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވީ ނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓެއް އަމަލީގޮތުން ހިންގަވާފައިނުވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ތެރެއިން އެއްވެސް ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ގާއިމްވެފައި ނެތް ކަމަށާއި، ހިރިލަންދޫ ބިން ހިއްކުމަށް ވެފައިވާ ވައުދު ފުއްދައިދީފައި ނުވާ ކަމަށެވެ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށާއި، އޮމަދޫ ބަނދަރު ހެދުމުގެ އިތުރުން މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތަރައްގީގެ މައިގަނޑު އެއްވެސް ޕްރޮޖެކްޓެއް އަމަލީ ގޮތުން ހިންގާފައިނުވާ ކަމަށް ރިޔާޒު ފާހަގަކުރެއްވިއެވެ.

މިސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނަށް އަލިއަޅުވާލައްވަމުން ރިޔާޒު ވިދާޅުވީ މިސަރުކާރުން އަނިޔާވެރިކަން އިސްކޮށް އަދުލު އިންސާފު ގާއިމްކުރުމުގެ ބާރާއި ސިފައިންނާއި ފުލުހުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ޚުދުމުޚްތާރު ސިފަތައް އެކުލެވޭ ގޮތަށް ވެރިކަމުގެ ނިޒާމް ވަނީ ބައްޓަންކޮށްފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ މިގައުމުގެ ވެރިން ހިންގަވާކަމަށް ތުހުމަތުކުރެވޭ ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޖިނާއީ އަމަލުތަކާއި ގުޅިގެން ދުނިޔޭގެ ކުރިމަތީގައި ފަޟީހަތްވެ ބާކީވެ އެކަހެރިކޮށްފައިވާ 'ރޯގް ސްޓޭޓެއްގެ' ގޮތުގައި ދަނީ ސިފަކުރެވެމުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި ފާއިތުވެގެން މިދާ ފަސް އަހަރަކީ ދިވެހި ދައުލަތުގެ އެތަކެއް ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ނިކަމެތިކަމާ ވޭނާ ކެކުޅުމުގައި ހޭދަވާ ފަސް އަހަރު ކަމަށާއި، ދިވެހި ދައުލަތުގެ އަބުރާ އިއްޒަތާއި ޝަރަފް ވެއްޔާއި މޮޑެވި ގައުމު ލަދުވެތިވެފައިވާ ފަސް އަހަރު ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ރާއްޖޭގެ ގާނޫނު އަސާސީ އެމައްޗަށް ބިނާވެފައިވާ އަސާސްތަކާއި ތަނބުތަކަށް ލޮޅުން އަރައި އަވަސް ހައްލެއް ނުލިބިއްޖެނަމަ އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ދިވެހި އުންމަތަށް މެދުވެރިވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖޭގެ ވެރިއެއްގެ ގޮތުގައި އިތުރު ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރުމަކީ މިލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ދެކޮޅުކަމެއް ކަމަށެވެ.

އެގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ރިޔާޒު އިލްތިމާސް ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް