ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 16:01
ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް
ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް
ޓްވިޓަރ
ރިޔާސީ ރޭސް 2018
ގައުމު މިއޮތް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް އެންމެން ނިކުމެ އިބޫއަށް ވޯޓުދީ: ނަސްރީނާ
ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެ ވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ
އެމަނިކުފާނު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ

ގައުމުގައި އޮތް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް ހުރިހާ ރައްޔިތުން ނިކުމެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދީ "އަނިޔާވެރި މި ސަރުކާރަށް ނިމުމެއް ގެނައުމަށް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް އިލްތިމާސް ކުރައްވައިފިއެވެ.

ނަސްރީނާ މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން މި ހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅާ އެކު ކަމަށެވެ. އެމަނިކުފާނު އަލާސްކަންފުޅެއްގައި އުޅުއްވާތީ ގެއަށް ބަދަލުކޮށްދޭން އާދޭސް ނުދަންނަވާ ކަމާ ބެހޭ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށް ނަސްރީނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވާ ކަމަށް ނަސްރީނާ ވިދާޅުވިއެވެ.

"މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ އީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މި ދަނީ ވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައި ވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާ އެކު ހުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ޑަކްޓަރުން ވަނީ ލިޔުން ވެސް ދެއްވާފަ،" ނަސްރީނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެ ވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. އަދި އެކަމަނާ ވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަސްރީނާ ވިދާޅުވީ އެކަމަނާ އުޅޭ ހާލު އެތަކެއް ރައްޔިތުންނެއް އެބަ އުޅޭ ކަމަށާއި މަޖުބޫރުވެގެން ގައުމު ދޫކޮށް އުޅޭ އެތަކެއް ދިވެހިންނެއް ބޭރު ގައުމުތަކުގައި އެބައުޅޭ ކަމަށެވެ. އެހެންކަމުން އެންމެހާ ދިވެހިންނަށް އިންސާފު ހޯދުމަށް އެދި އެ ދުވަހު ވީހާ އަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މި ހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް. އެތައް މައިންބަފައިންނެއް. އެތައް އަނބިންނެއް. އެތައް ދަރިންނެއް. އިންސާފު ނުލިބި އެބަތިބި. އެހެންވީމާ. މިއަދު އަޅުގަނޑު މިއައީ. ތިޔަ ބޭފުޅުންގެ އަރިހަށް. ދިވެހި ރައްޔިތުންގެ އަރިހަށް. މައުމޫނަށް. އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް. އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް. އިންސާފު ހޯއްދަވައި ދެއްވުން އެދި އިލްތިމާސް ކުރުމަށް," އަސަރާ އެކު ނަސްރީނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް