ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:56
ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓެއްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ
ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓެއްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ
ޙުސައިން ޙަސަން
ރިޔާސީ ރޭސް
ސަރުކާރުގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި، ނަމަވެސް އެއީ ވެރިކަން ފުރޮޅާލަންޖެހޭ ކަމެއް ނޫން: ޑރ. ޝަހީމް
އުނި ކަންތައްތަކެއް އެބަހުރި
ނަމަވެސް އެއީ ޤައުމުގެ ވެރިކަން ފުރޮޅާލަންޖެހޭ ކަމެއް ނޫން
ރަނގަޅު ނޫން ކަންތައްތައް ހުރި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމުގައި ޝަހީމް އިސްކޮށް ހުންނެވި

ރައީސްޔާމީންގެ ސަރުކާރުގައި ވެސް ނުރަނގަޅު ކަންކަން އެބަހުރި ކަމަށް އެ މަނިކުފާނުގެ ރަނިންގ މޭޓް އެއްބަސްވެވަޑައިގެންފިއެވެ.

އިލްމުވެރިންނާއި މުފައްކިރުންގެ ބަސްކަމަށް ބުނެ ރާއްޖޭގެ މަދު ދީނީ އިލްމްވެރިން ކޮޅެއް ގޮވައިގެން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ހުރިހާ ގޮތަކުން ރަނގަޅު ސަރުކާރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކޮންމެހެން މި ސަރުކާރު ބަދަލުކުރަންނުޖެހޭ ކަމަށާއި ތަފާތު މިޒާޖުތަކުގެ މީހުންގެ އަތްމައްޗަށް ޤައުމުގެ ވެރިކަން ފޮރުޅާލަންޖެހޭ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މައްސަލަތަކެއް ހުރި ކަމަށް އެއްބަސްވެ ވަޑައިގެންފައި ވާއިރު، ޑރ. ޝަހީމް ވިދާޅުވީ ޤައުމު ހިންގަން ރައީސް ޔާމީން ނޫން އިތުރު ބަޔަކާ ހަވާލުކޮށްގެން ނުވާނެ ކަމަށެވެ. ޝަހީމް ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީން ނޫން އެހެން ފަރާތަކާ ޤައުމު ހިންގަން ހަވާލުކުރުމަކީ ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލުމެވެ.

"އަޅުގަނޑު ނުދަންނަވަން މި ސަރުކާރުގައި ރަނގަޅު ކުރަންޖެހޭ އުނިކަންތައްތަކެއް ނެތެކޭ. ނޫނީ ރައީސް ރަނގަޅުކުރައްވަންޖެހޭ ކަންތައްތަކެއް ނެތެކޭ. އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައް،" ޝަހީމް ވިދާޅުވިއެވެ.

ގޯސް ކަންތައްތަކެއް ހުރި ނަމަވެސް އެއީ ސަރުކާރު ބަދަލުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ޝެއިޚް ޝަހީމް ވިދާޅުވި އިރު ގޯސް ކަންތައްތައް ހުރި ކަމަށް ތުހުމަތުކޮށް 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް ނުކުތް މީހުންގެ ތެރޭގައި ޝަހީމް އިސްކޮށް ހުންނެވިއެވެ. 

ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތު މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވޭއިރު، އަދި މި ސަރުކާރުގައި މައްސަލަތަކެއް ހުރި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެންފައި ވާއިރު، ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރައްވަމުން އެ މަނިކުފާނު ގެންދަވާތީ، ޑރ. ޝަހީމްގެ އިޚްލާސްތެރިކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ރައީސް ޔާމީންގެ ސަރުކާރު ވަރުގެ ރަނގަޅު ސަރުކާރެއް ނެތް ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ރަނިންމޭޓްކަން ޤަބޫލުކުރައްވާ އެ މަނިކުފާނަށް ސަނާ ކިޔުއްވަމުން ވަޑައިގެންނެވި ދީނީ އިލްމުވެރިޔާ ޝަހީމްގެ ބަސްމަގު މިހާރު ބަދަލުވަމުންދާ ގޮތާ ދޭތެރޭ ގިނަ ބަޔަކުގެ ފާޑުކިޔުންތަކެއް އެ މަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދައްކުރެއްވުމަށް ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ކަނޑައެޅުއްވީ ވަރަށް ފަސޭހަ އިން އިސްތިއުފާ ދެއްވާ ބޭފުޅަކަށް ވާތީ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް