ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:54
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު
ފޭސްބުކް
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު
ޑރ. އިޔާޒު ޝަހީމަށް: އެތަކެއް ހުރަސް މި ސަރުކާރުން ކުރިމަތި ކުރުވި
މެސެޖް އައިސްފައި ހުރީ ސިޔާސީ ނުވުމަށް ބުނެ ވަޒީފާ އަދާކުރާތަން މެދުވެރިކޮށް
ބޮޑު ޖަމާއަތުގައި އިމާމުވެ ކުރުމުގެ ހުއްދައަށް އެދުމުން ހުއްދަ ނުދިން
ފޭސްބުކްގައި ޖެހި ސްޓޭޓަސްއަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރި

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މި ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާ ކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާތީ އެކަމަށް ޑރ. އިޔާޒު ރައްދު ދެއްވައިފިއެވެ.

އިޔާޒު ރާއްޖެއެމްވީއަށް ވިދާޅުވީ ދީނީ މިނިވަންކަމަކީ އޭނާ އަމިއްލަ ނަފްސަށް ކުރިމަތިވާ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން ދީނީ އިލްމުވެރިންނަށް ހުރަސްތައް ކުރިމަތި ކުރުވައިފި ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަދު އިލްމުވެރިންތަކާ އެކު ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާ ކަމަށާއި މިސަރުކާރުން އެއްވެސް މަޖުބޫރުކަމެއް އިލްމުވެރިންނަށް ނެތް ކަމަށެވެ އަދި  ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މިސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ އިލްމުވެރިން ސިޔާސީ ވާކަމަށް ބުނެ އެތައް މީހުންނަށް ހުރަސް މިސަރުކާރުން ކުރިމަތި ކުރަމުންދާ ކަމަށާއި އޭނާއަށް ވެސް އެ ހުރަސް ކުރިމަތި ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވާހަކަ ދައްކަވަނީ ސިޔާސީ މީހެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ވާހަކަދައްކަވަނީ ގައުމުގެ މުންކަރާތްތަކާ ބެހޭ ވާހަކަތައް ކަމަށެވެ.

"ވަޒީފާ އަދާކުރާ ކަންތައްތައް މެދުވެރިކޮށް ސިޔާސީ ވާކަމަށް ވިދާޅުވެ ވަޒީފާގެ ހުރަސް ކުރިމަތިވޭ. ސިޔާސީ ނުވުމަށް ބުނެ އަޅުގަނޑަށް ވެސް ވަޒީފާ އަދާކުރާތަން މެދުވެރިކޮށް މެސެޖް އައިސްފައި ހުރީ. އަޅުގަނޑު ސިޔާސީ ވަނީކީ ނޫން އެއްވެސް ހާލެއްގައި. އަޅުގަނޑު ދައްކާ ވާހަކަތަކަކީ ގައުމުގެ މުންކަރާތްތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް،" ޑރ. އިޔާޒު ވިދާޅުވިއެވެ.

ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައ ޑރ. އިޔާޒަށް ނިސްބަތްކުރައްވައި ޝަހީމް ވިދާޅުވީ އެ ބޭފުޅާއަކީ "ސަރުކާރާއި އިދިކޮޅު ވަރަށް ވަރުގަދަ ފަހުލަވާނެއް" ކަމަށާއި އެކަމަކު އެބޭފުޅާގެ އިސްލާމީ ދައުވަތަށް ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތިނުކުރާ ކަމަށެވެ. އެއް ދުވަހު ފުރުޣާން މިސްކިތުގައި ދަރުސް ދެއްވަމުންދާއިރު އަނެއް ދުވަހު ހުޅުމާލެ މިސްކިތުގައި ބަރާބަރަށް ތަރުތީބުކޮށް ދެ މިސްކިތުގައި އިމާމުކަން ކުރުމާއި ނޫނީ ދަރުސް ދެއްވަމުން ގެންދަވަނީ އެއްވެސް ހުރަހެއް މި ސަރުކާރުން ނާޅާތީ ކަމަށް ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ހުޅުމާލޭގައި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އޭނާ ދެއްވާ ދަރުސްއަށް ކޮންމެ މަހަކު އެއް ފަހަރު ހުއްދަ އާކުރަން ޖެހޭ ކަމަށެވެ.  އަދި މިދިޔަ މަހުގެ 29 ގައި ހުއްދަ އާކުރަން އެދުމުން ވަކި އެއްޗެއް ނާންގާ އެއް ހަފްތާ ހުއްދަ ނުދީ ހިފެހެއްޓި ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ފަހުން އޭނާއަށް ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އައި އީދު ބޮޑު ޖަމާއަތުގައި އިމާމުވެ ކުރުމުގެ ހުއްދައަށް އެދުމުން ޑރ. އިޔާޒަށް ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ ފޭސްބުކްގައި ޖެހި ސްޓޭޓަސްއަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރީ މިސަރުކާރުން ކަމަށެވެ. ޖުލައި 26 ،2016 ގައި ފުލުހުން ޑރ. އިޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އިޔާޒު ފުލުހަށް ހާޒިރު ކުރަނީ އެ މުއައްސަސާ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް