ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 23:02
ރިޔާސީ ކެނޑިޑޭޓް އިބޫ ޒުވާނުންނާއި އެކު ބޭއްވި އެއްވުމެއް
ރިޔާސީ ކެނޑިޑޭޓް އިބޫ ޒުވާނުންނާއި އެކު ބޭއްވި އެއްވުމެއް
އަޝްވާ ފަހީމް
ރިޔާސީ އިންތިހާބު 2018
ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟
ދިވެހި ތަަރައްގީގެ ނާރެހުގައި ޒުވާނުންނަކީ ވަރަށް އަގުހުރި ބައެއް

ދިވެހި ޒުވާނުންގެ އަބާދީ އާއި ވިސްނުން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ޒުވާނުން ބޭނުންވާ ކަންތައްތަކާއި އަދި އެފަރާތުގެ އުފެއްދުންތެރި ޚިޔާލުތައް މިވަނީ އެތައް ގުނައެއް ކުރިއަރާފައެވެ. ދިވެހިންގެ އުފެއްދުންތަކާއި ހުނަރު މިވަނީ ދިވެހިރާއްޖޭގެ އަސްދަނޑިން ބޭރުވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެ އަދި ހަރަކާތްތެރިވާންފަށާފައެވެ.

ވަރަށް ކުޑަކުޑަ މިސާލެއްގެ ގޮތުން، މެލޭސިޔާގެ އުމުރުން އެންމެ 42 އަހަރުގެ ޒުވާނެއްކަމުގައިވާ ވިޝެން ލަކިއާނީ ވަނީ 2008 ވަނަ އަހަރު "މައިންޑްވެލީ" ގެ ނަމުގައި ކުންފުންޏެއް ވުޖޫދަށް ގެނެސްފައެވެ. އެންމެ 10 އަހަރުގެ ތެރޭގައި މިކުންފުނި ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގެ 40 ޤައުމުގެ ޒުވާނުންނާއި އެކި ހުނަރުވެރިން ރެއާދުވާލު، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ދުނިޔެއަށް މާކެޓްކުރުމަށްޓަކައި މަސައްކަތްކުރަމުން ގެންދާ މައި ހަބަކަށްވެފައެވެ. ވިޝެން މިވަނީ 2017 ވަނަ އަހަރު މެލޭސިޔާގެ "މޯސްޓް ސްޓްރެޓެޖިކް އެންޓަރޕްރިނުއަރ" ގެ ފަޚުރުވެރި އެވޯޑް ހާޞިލުކޮށްފައެވެ. އަދި ދުނިޔޭގެ ކުންފުނިތަކަށް ރޭންކިންގ ފޯރުކޮށްދޭ "ވޯރލްޑްބްލޫ" ގެ ފަރާތުން ހާމަކޮށްފައިވާ ލިސްޓުގައި "މައިންޑްވެލީ" އަކީ "މޯސްޓް ޑިމޮކްރެޓިކް ޕްލޭސް ޓު ވޯރކް" ގެ ފަޚުރުވެރި ވަނައެއް ހާޞިލުކޮށް، އަދި އެ މަޤާމު އަދިވެސް ދަމަހައްޓަމުން ގެންދާ ކުންފުންޏެކެވެ.

މިތަނުގައި "މައިންޑްވެލީ" ގެ ކުޅަދާނަ ވާހަކަ މިފާހަގަކޮށްލީ އަދި މުޅިން އެހެން މަޢުޟޫއަކަށް މަގުހުޅުވުމަށްޓަކައެވެ. މިއަދު މައިންޑްވެލީ ގައި ދިވެހި ޒުވާނުންތަކެއް ފަޚުރުވެރިކަމާއެކު މަސައްކަތްކުރަމުން ގެންދާކަން އެނގިވަޑައިގަންނަވާތޯއެވެ. މައިންޑްވެލީގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ސެލިއުޓް ހައްގެވެ. އެ ޒުވާނުން ކުރަމުން އެގެންދާ މަސައްކަތާއި، ދައްކަމުން ގެންދާ ހުނަރަކީ މުޅި ދިވެހި ޤައުމުވެސް ފަޚުރުވެރިވާ ފަދަ ހުނަރެކެވެ. މައިންޑްވެލީގައި ދިވެހި ޒުވާނުން ދައްކަމުންދާ ހުނަރުވެރިކަމުގެ ސަބަބުން، އެ ކުންފުނީގައި ދިވެހި ޒުވާނުންގެ މަޤްބޫލްކަން ވަރަށް ބޮޑެވެ.

ރަށްރަށުގެ ބަނދަރާއި، ނަރުދަމާ އަދި މަގުތަކުގައި ތާރުއެޅުމާއި ޞިއްޙީ ފަރުވާ ފަދަ އަސާސީ ޚިދުމަތްތަކަކީ ކޮންމެ ސަރުކާރެއް އޮތަސް، ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ، އަސާސީ ލާޒިމު ޚިދުމަތްތަކެވެ. އެއީ އެއްވެސް ސަރުކާރެއްގެ ހެޔޮފުޅުކަމުން ކުރެވޭ ކަންތައްތަކެއްނޫނެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގައި އެއްވެސް ތަފާތުކުރުމެއްނެތި ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ހައްޤުތަކަކީ، ވަކި މީހެއްގެ ނުވަތަ ވަކި ސިޔާސީ ފިކުރެއްގެ ހެޔޮފުޅުކަމުން އަދާކޮށްދޭންޖެހޭ ހައްޤުތަކެއްނޫނެވެ. އެހައްޤުތަކަކީ އެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއިން ދިވެހި ދަޢުލަތުގެ މައްޗަށް އެކަށައަޅާ ކަށަވަރުކޮށްފައިވާ ވާޖިބެކެވެ . ރައްޔިތުމީހާގެ އަތުން ޓެކްސް ނަގައިގެން ދަޢުލަތުން އަދާކޮށްދޭން ލާޒިމުކުރާ ވާޖިބުތައް އަދާނުކުރެވޭކަމުގައިވަނީނަމަ، ދަޢުލަތުގެ އެންމެ އަސާސީ އެއް ސިފަ އުނިވެގެންދިޔައީއެވެ. އެ ހައްޤުތަކަކީ ވަކި މީހަކަށް ވޯޓުދީގެން ހާޞިލުކުރަން އޮތް ޙައްޤުތަކެއްނޫނެވެ. އަދި ވަކި މީހަކަށް ވޯޓު ނުދީގެން އުނިވެގެންދާންޖެހޭ ހައްޤުތަކެއްވެސް ނޫނެވެ.

ޤާނޫނުއަސާސީން ދަޢުލަތުގެ މައްޗަށް ވާޖިބުކޮށްފައި އޮތް އިޤްތިޞާދީ އަދި އިޖްތިމާޢީ ހައްޤުތަކަކީ ކޮންމެހެން ވަކި ޕާޓީއަކުން އެ ކަންތައްތައް ދޮލަނގަކަށް އަޅައިގެން ރަށްރަށަށް ދަތުރުކޮށް، ރައްޔިތުން އެއްކޮށްގެން ރިބަންފަށްކަނޑާ ދައްކަންޖެހޭ ވާހަކަތަކެއްނޫނެވެ. އެއަށްވުރެ ހައްސާސް ވައުދުތަކާއި މަޝްވަރާތަކަށް މިއަދު ދިވެހި ޒުވާނުން ތިބީ ފެންބޮވައިގަނެފައެވެ. މިއަދު ދިވެހި ޒުވާނުން ބޭނުންވާ ވަޢުދުތަކަކީ އެ ޒުވާނުންގެ ހުނަރުތަކަށް ވެވޭ ވަޢުދުތަކަކަށް ވާންޖެހެއެވެ. ޤައުމީ ތަރައްޤީގެ ނާރެހުގައި ދިވެހިންގެ ހުނަރު އެކްސްޕޯޓްކުރެވޭނެ ވަޢުދުތަކެއް ވާންޖެހެއެވެ.

ދިވެހި ޒުވާނުންނަކީ ދުނިޔޭގެ ނިސްބަތުން އުފެއްދުންތެރި، ކުޅަދާނަ ހުނަރުވެރި ބައެކެވެ. ބައިނަލްއަޤްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައި ދިވެހިން ގެންދަނީ ފަޚުރުވެރިކަމާއެކު މިކަންކަން ޘާބިތުކޮށްދެމުންނެވެ. ތަފާތު އެކިއެކި ފަންނުތަކުގެ ފަންނުވެރިން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ހޯދާ ރަންވަނަ ތަކަކީ މިދެންނެވި ޖުމްލައަށް ބާރުލިބިދޭ އެންމެ އަލިގަދަ ދަލީލެވެ. އެކިއެކި ކުޅިވަރުތަކުގެ އިތުރުން، ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީންނާއި، ކުރެހުންތެރިންނާއި، ލަވަކިޔުންތެރިންނާއި، އައި.ޓީ ޑިވެލޮޕަރުންނާއި އަދި ޚާއްސަކޮށް ކެއްކުންތެރިންނާއި، އަދި މިނޫންވެސް އެތަކެއް ފަންނުތަކެއްގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދަމުން ގެންދާ ކާމިޔާބީތަކަކީ އެކަމުގެ އަގު ވަޒަންކުރުން ހައްޤު މަސައްކަތްތަކެވެ. މިފަދަ ފަރާތްތަކުގެ ހުނަރުގެ އަގު ވަޒަންކުރުމަށް، ހަމައެކަނި "ޝުކުރިއްޔާ" އޭ ބުނެލުން ނުވަތަ ކޮންމެވެސް މުނާސަބަތެއްގައި ދެވޭ "ހަނދާނީ ފިލައަކީ" އެންމެ އެކަށީގެންވާ ގޮތްތޯއެވެ.

މިއަދު ޒުވާނުން ޖަވާބު ހޯދަން ބޭނުންވާ ސުވާލަކީ، "އެފަދަ ހުނަރުވެރިންގެ ހުނަރުތައް މަތިކުރުމަށް ދަޢުލަތަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިތޯއެވެ؟ ދިވެހި ޒުވާނުންގެ އިޖާދީ ވިސްނުން ފައިދާހުރި ވިޔަފާރިއަކަށް ބަދަލުކުރުމަށް ސަރުކާރަށް ކޮށްދެވޭނީ ކޮންކަމެއްތޯއެވެ؟" މިއީ އަދުގެ ޒުވާން ޖީލުގެ ކުރިމަތީގައި ސިޔާސީ ފަރާތްތަކުން ވާންޖެހޭ ހަޤީޤީ ވަޢުދުތަކެވެ.

ޒުވާނުންނަކީ ހަމައެކަނި ކޮންމެ 5 އަހަރަކުން އެއް ފަހަރު، ހިލޭބަހާ ކެމްޕޭނު ޓީޝާޓެއް ލައްވާފައި ބޮލުގައި ފޮތި އައްސައިގެން، ފަހަތަށް ބުރުއުކަމުން، ސިޔާސީ ބައެއްގެ ފަހަތުން ސައިކަލު ދުއްވަންތިބޭ ބައެއްކަމަށް ދެކޭނަމަ، އެ ޒުވާނުންގެ ހައްޤު މަޤާމަކީ ފެންފޮހޭ ތުވާޔެއްގެ މިސާލު ނޫންތޯއެވެ؟ ސިޔާސީ މީހުން 5 އަހަރު ތެޅިތެޅި ދާހިއްލާ ފޯވުމުން، އަނެއްކާވެސް ތާޒާވެ ލުމަށްޓަކައި، އެ ދާތައް ފުހެލަން ބޭނުންކުރާ ތުވާލިގަނޑަކީ ދިވެހި ޒުވާނުންތޯއެވެ؟ ދާތައް ހިކި ސިޔާސީ މީހާއަށް ތާޒާކަން ލިބުމުން، އެއްކަލަ ޒުވާނުން ތިބެންވީ ކޮންމެވެސް ކަނެއްގައި ބިއްޖެހިފައެވެ. 5 އަހަރުފަހުން އެމީހުންނަށް ގޮވާލާނެކަމުގެ އިންތިޒާރުގައި އަތުގައި އޮތް ފޯނަށް ބަލާލަ ބަލާލައެވެ. މިއަށްވުރެ ހައްޤު މަޤާމާއި ދަރަޖަ ދިވެހި ޒުވާން ހުނަރުވެރިންނަށް އެބަލިބެންޖެހެއެވެ.

ދިވެހިރާއްޖޭގެ ބޭންކުތަކާއި ފައިނޭންސް އިންސްޓިޓިއުޓްތަކުން ދިވެހި ހުނަރުވެރިންގެ ހުނަރުތައް މަތިކުރުމަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ އުޞޫލުތަކެއް ޤާއިމްކުރެވެންޖެހެއެވެ. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ކަމަށްބުނެ، އެތައް ޒަމާންތަކެއް ވަންދެން ޒުވާނާ ދުށް ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ސަރުކާރުގެ ވުޒާރާއަކަށް ޕްރޮޕޯޒަލްތައް ހުށަހެޅުމުން، އެފައިސާކޮޅު ނުވަތަ ލޯނު ލިބޭތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަހަތުން ނުވަތަ ކޮންމެވެސް ސިޔާސީ ފަރާތެއްގެ ކޮފީމޭޒުން ދުވަންނުޖެހޭނެ ދުވަހަކަށް އަލިވިލެން އެބަޖެހެވެ.

ޒުވާނުންގެ ހުނަރު މަތިކުރުމަށް ނުވަތަ އެފަދަ ފަރާތްތަކުގެ ހުނަރު ދިވެހި އަސްދަނޑިން ބޭރަށް އެކްސްޕޯޓްކުރުމަށް ބޭނުންވާ އަސާސީ ލޯނު ޚިދުމަތް ފޯރުކޮށްދެވޭނެ ފަދަ ދާއިމީ ފަންޑެއް ޤާއިމްކޮށް، އެ ފަންޑުން ލޯނު ދޫކޮށްގެން ޒުވާނާ ބާރުވެރިކުރުވުމަކީ އަދުގެ ޒުވާނުންގެ އުއްމީދެވެ.

ދިވެހިރާއްޖޭގައި ޤާއިމްވެފައި އޮތް އެންމެ ބޮޑު އިންޑަސްޓްރީއަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީކަމަށް ވީހިނދު، މިދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ފުދުންތެރިކަން އިތުރުކޮށް އަދި ފެންވަރު މަތިކޮށް، ވަޒީފާގެ ހަރުގަނޑުން ހަރުފަތްތައް ގިރާކުރެވޭނެ އުޞޫލުތަކެއް މިވަނީ އެކަށައަޅަންޖެހިފައެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރުވެގެން ދިޔައިރު، މިދާއިރާގެ ފޮނިމީރުކަން ހާޞިލުކުރެވިފައި ތިބީ ދިވެހިރާއްޖޭގެ އަބާދީގެ ކިތައް އިންސައްތަ މީހުންނަށްތޯއެވެ؟ މީގެ ފަސްވަރަކަށް އަހަރުކުރީން މީހުން ދިރިއުޅޭ ރަށްތަކަށް ގެސްޓްހައުސްގެ ވިޔަފާރި ތަޢާރަފްކުރުމުގެ ކުރީން، މަހުޖަނުންނާއި ބޮޑެތި ކުންފުނިތަކުން ރެޒޯޓްތައް ހިންގަމުން ގެންދިޔައީ މުވައްޒަފުންނަށް ނުވަތަ މުވައްޒަފުންގެ އާއިލާތަކަށް ބޭނުންވާ ކަންކަން ފަހިކޮށްދެވޭނެ އުސޫލެއްގެ ތެރެއިންތޯއެވެ؟

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އެޅިއިރު، އެ ރަށެއްގައި ތިބި ޒުވާނުން ފުޓްސެލްއިން ކުރިއަށް ދެވޭނެ ތަޞައްވުރެއް އެކުލަވާލެވިފައެއްނެތެވެ. ކޮންމެ ރަށެއްގައި ހުރި ފުޓްސެލް ދަނޑަކީ މަސައްކަތް ނިންމާފައި ކޮންމެ ދުވަހަކު ހަވީރު ގޮސް، ބައިބަހާލައިގެން ބޯޅަތަޅާލަން އޮންނަ ތަނެކެވެ. އެކަމަކު އޭގެ ބަދަލުގައި ކައިރި ރަށްތައް ނުވަތަ އަތޮޅުތަކަށް ފުޓްސަލް މުބާރާތްތައް ތަޢާރަފްކޮށް، ޤައުމީ ކުޅިވަރުގެ މަންހަޖުގައި ފުޓްސަލް ހިމަނާ، މުޅި ރާއްޖޭގެ ޒުވާނުންނަށް ފުޓްސެލްގެ ދާއިރާއިން އިތުރު ހަރުފަތްތަކަށް ދެވޭނެ ހަރުދަނާ ޕްލޭނެއް އެކުލަވާލެވިއްޖެނަމަ، މިހާރު އަޅާފައި މިހުރި ފުޓްސަލް ދަނޑުތަކުން ޒުވާނުންނަށް އިތުރު މަންފާއެއް ލިބިގެންދާނެއެވެ. ދުރުރާސްތާއަށްކަމެއް ޕްލޭންކޮށްގެން ކާމިޔާބީއަކާއި ހަމައަށް ވާޞިލުވުމަށް މަސައްކަތްކުރާނެ ގޮތަކީ މިއީ ނޫންތޯއެވެ؟

ބައިނަލްއަޤްވާމީ މަޝްހޫރު ޔުނިވަރސިޓީތަކާއި ޓްރޭނިންގ ސެންޓަރުތަކާއި އަދި ރިސާރޗް އިންސްޓިޓިއުޓްތަކަށް ދިވެހިރާއްޖެ ހުޅުވާލަންވީއެވެ. ރާއްޖޭގެ މަސްކަނޑުތަކާއި، ފަރުތަކާއި، ފަޅުތައް އަދި ޤުދުރަތީ އެހެނިހެން ތަންތަނަކީ، އެކިއެކި ރިސާރޗްތައް ކުރުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަންތަނެވެ. ޔޫރަޕާއި ދުނިޔޭގެ އެހެން ޤައުމުތަކާއި ޚިލާފަށް ދިވެހިރާއްޖެއަކީ ޕޮލިއުޝަންގެ މާބޮޑު ގެއްލުމެއްނެތް އަދި މިފަދަ ރިސާރޗްތަކަށް ފައްކާކުރެވިފައި އޮތް ޤައުމެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ރެޒޯޓްތަކުގެ އިންޓާރންޝިޕްތަކަކީ ދުނިޔޭގެ އެއްވެސް އެހެން ޤައުމަކުން ލިބޭނެފަދަ އިންޓާރން ފުރުޞަތުތަކެއްނޫނެވެ. މިފަދަ ރިސާރޗް މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ދަރިވަރުންނާއެކު ދިވެހި ޒުވާނުން ބައިވެރިވެ، އެފަރާތްތަކުގެ އިލްމީ ހަޒާނާ މުއްސަނދިވެ ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް އެކަމުން ހެޔޮ އަސަރު ލިބިގެންދާނެއެވެ.

ދިވެހި ޒުވާނުން މިއަދު ބޭނުންވަނީ "ގްލޯބަލް ސިޓިޒަންޝިޕް" ލިބިގަތުމަށެވެ. އެމީހަކު ނިސްބަތްވާ ރަށަކަށް ނުވަތަ އަތޮޅަކުން އެމީހަކު ގޯތިގެދޮރު ހޯދުން ނުވަތަ ހަޔާތުގެ ބައިވެރިޔާ ހޯދުން މިވަނީ މާޒީވެގެން ގޮސްފައެވެ. ރާއްޖޭގެ ޞަރަޙައްދުތައް ތަރައްޤީ ކުރެވި، ޒުވާނުންގެ ބިނާކުރަނިވި ފަންނުވެރިކަމަށް ލޯނު ލިބި، އެމީހުންގެ މަސައްކަތާއި ފަންނު އެކްސްޕޯޓް ކުރެވެން ފެށުމުން، އެމީހަކު ދިރިއުޅޭނެ ތަނާއި، އެމީހަކު ބައިވެރިޔާ ހޯދާނެ ތަނެއް ނިންމާނީ އެމީހަކު އަމިއްލައަށެވެ. ގްލޯބަލް ސިޓިޒަންޝިޕްގައި ޒުވާނާއަށް ފުރުސަތު އޮތް ކޮންމެ ބިމެއް، އޭނާ ވަޒަންވެރިވެ އޭނާގެ ހުނަރާއި ފަންނު ހުށަހެޅުމުގެ ފުރުސަތު އޮންނަންވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް