ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:17
ޕީޕީއެމުން ބޭއްވި ސައިޒް ދެއްކުމުގެ ޖަލްސާގެ ތެރެއިން
ޕީޕީއެމުން ބޭއްވި ސައިޒް ދެއްކުމުގެ ޖަލްސާގެ ތެރެއިން
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
މީހުން ގިނަވެގެން ނިހާން ސަޖިދަ ޖެއްސެވި
ޖަލްސާއަށް ދިޔަ މީހުންގެ އަދަދު، އެކި މީހުން އެކި ވަރަށް

އެ ވާހަކަ ބުނީންސުރެން އަހަރެންވެސް ހުރީ އެޔެއް ބަލާލާ ހިތުންނެވެ. ވާނީ ކިހާ ވަރެއް ކަމެއް ނޭނގޭތީއެވެ. އެ އެއްޗެއް ދައްކަން ބޭއްވި ޖަލްސާގެ އެއްދުވަސްކުރިން ވެސް ފެނުނީ އެކަމަށް އައިސް އުޅުނު މީހުންނެވެ. އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މާލޭގެ މަގުމަތީގައި ވެސް ހުސް އެމީހުންނެވެ. ރަށްރަށުން ސައިޒު ބަލަން އައި މީހުންނެވެ. ބްރިޖް ކައިރިންނާއި ނިއުޕޯޓް ކައިރީގައި ބައިބަޔަށް އަންހެންވެރިން ވެސް ތިބީ ވާނެ ވަރެއްގެ އިންތިޒާރުގައެވެ. ފިހާރަ ފިހާރައިން ނުކުންނަމުންނާ، ޖަގަހަ ދޮގުމަތީގައި ތިބެގެންވެސް ދައްކާ އުޅުނީ އެ ވާހަކައެވެ. އެކަކު އަނެކަކަށް އަހާއުޅުނީ ވެސް ކިހާވަރެއް ވާނެ ބާއޭއެވެ. ލަދުރަކި ގޮތަކަށް ހީނހީނފައި ސިއްރު ސިއްރުން ވެސް އަހާއުޅުނީ ފެންނަން އުޅޭ ސައިޒްގެ ވާހަކައެވެ.

ހަމަ އިރު އޮއްސުމާއެކު ސައިޒް ދައްކަން ގެނެސްތިބި މީހުން މިސްރާބު ޖެހީ އެސަރަހައްދަށެވެ. ބައިބަޔަށެވެ. ގުރޫޕް ހަދައިގެންނެވެ. އެކަނި ވަކިވަކިންނެވެ.

އެންމެން ހަމަވުމުން ވަކި ހިސާބަކުން ކަރުން ނާރު ފުއްޕާލާފައި އަޑުގެ ކޮޅަށް އިކުރާމް ގޮވާލިއެވެ. އެންމެން ތެދުވެ ސައިޒް ދައްކާލާށެވެ.

ސަހަރޯއެވެ. ގަތީކީ އަމަށަކު ލަދެއް ނޫނެވެ. އެބުނާ ވަރެއް ނުވިއެވެ. ހީކުރިވަރާ ގާތްކުރާ ވަރެއް ވެސް ނުވިއެވެ. ފެންނާނެ ކަމަށް ހީކުރި ސައިޒެއް ނުފެނުނީމާ ކަރު އެލުނެވެ. ހިތާހިތާ އަހާލެވުނެވެ. ވާވަރަކީ މިއީ ހެއްޔޭއެވެ. މިވަރަކުން އަދި އުފަލެއް ނެތެވެ. އެއްބަޔަކުވީކީ އަމަށަކު ފޫއްސެއް ނޫނެވެ. ޗޯކު ޖަހާފައި ފަށްފަށްކޮށްގެން އެޅި ބުރުގައާއެކު ވަރުގެ ކޮޅަށް ނަލަހެދިގެން އައި އަންހެންވެރިން މިލާ މޯޅިވިއެވެ. އަންދާޒާކޮށް ދެއްކި ފޮޓޮއާއި ވާނޭކަމަށް ބުނަމުންދިޔަ ވަރު ނުވީމާ ހަޤީގަތުގައި ވެސް ހިތްހަމަ ނުޖެހިއްޖެއެވެ.

ސައިޒު ފެނިފައި ނިހާނު ސަޖިދައިގައި

ސައިޒް ދައްކަން ގެނެސްތިބި މީހުންނާ މުޚާތަބު ކުރައްވާ ރައީސް ވާހަކަ ދެއްކެވި ގޮތުން ވެސް ހީވީ އެހެންނެވެ. އެކަމުން ވެސް އެވެރިންނަށް ލިބުނީ އަމަށަކު ފޫހިކަމެއް ނޫނެވެ.

އަނބިމީހާ ވެސް ދެންވާ އަތްދަށުން ދާންފެށީމާ ހިފެހެއްޓޭތޯ ހެދުނު އެއްޗެއް ހަދާއުޅެއެވެ. ފެން ކިޔަވައި ތެޔޮ މަތުރާ ހަދައެވެ. ތަވީދު އެޅުމާއި ގަލަ އަނދުން އަޅައިގެން ހަތަރުކަޅި ވެސް ހަމަކުރެއެވެ. މިހިރަ މިހިރަކަންކަން ވެސް ކުރަނީ ހިތްރުއްސޭތޯ އާއި އެނބުރި އާދޭތޯ ހަދާ ފަންޑިތަ ނޫނީ ސިހުރު ވަރިތޮޅިއެއްގެ ގޮތުގައެވެ. ގިނަފަހަރަށް ސިހުރުގައި ހުންނަނީ ޤުރުއާނުގެ އާޔަތްތައް އެކޮޅުކޮޅުން ލިޔެފައި ކަމަށް މީހުން ބުނެއުޅެއެވެ. 

ސައިޒު ބަލަން ޕީޕީއެމް ޖަލްސާއަށް ދިޔަ ބިދޭސީން

ހީކުރި ވަރުގެ ސައިޒެއް ނުފެނުނީމާ ބައެއް މީހުން ނުކުންނަން ވެސް ނުކުތެވެ. ބައެއް މީހުން ފުރަންދަމުން ބޮލުގައި އެއްސި ފޮތިކޮޅު އެއްލާލިއިރު އަނެއް ބަޔަކު ދިޔައީ ލައިގެން ތިބި ރުއްޖެހި ގަންޖިފަރާސްގަނޑު ކޮނޑުމައްޗަށް ލައިގެންނެވެ.  ހަމައެހެންމެ ޖަލްސާއިން ނިކުމެގެން ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ޕީޕީއެމްގެ ޖަލްސާ ބޭއްވި ސަރަޙައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ގުޅިފައިވާ އިއްތިހާދުގެ ހަރުގެއަކަށް ވަދެ ޓީޝާޓާއި، މެނިފެސްޓޯ ފޮތް އެއްލާލުމަށް ފަހު އެތަނުން ބޮނޑިބަތް ކައިގެން ޖަލްސާގެ ކަންކަމާއި، ސައިޒާ ގުޅޭގޮތުން ޖޯކުޖަހައި ހީނހެދީ ގިނަބައެއްގެ ކުރިމަތީގައެވެ.

ކޮންމެއަކަސް ޕީޕީއެމުން ބޭއްވި ސައިޒް ދެއްކުމުގެ ބޮޑު ޖަލްސާއިން އެ ބޮޑުކަމެއް ނުފެނުނެވެ. ޗާޓަރަށް ފްލައިޓްތަކެއް ބާއްވައިގެންނާ މާލެ ދަތުރުކުރާ ރަށްރަށުގެ ބޮޑެތި ދޯނިތައް ފުރާލާފައި މާލެ ގެނެސް ބޮލަކަށް ބެހި ރުފިޔާއާއެކު ބޭއްވި ޖަލްސާއިން އެސައިޒެއް ނުފެނުނެވެ. ލައްކައެއްހާ މީހުންގެ ޓާގެޓަކަށް ކަނޑައަޅައިގެން 20 ހާސް ގޮނޑި ޖަހައިގެން ބޭއްވި ޖަލްސާގެ ފެށުމާއެކު ބޮޑު ތިން ޕިކަޕެއް ފުރާ ގޮނޑި ނެރެގެން ގެންދަން ޖެހުމަކީ ވެސް އެކަމުގެ ހެއްކެކެވެ.

ގޮނޑިތައް ނުފުރުމުން ނަގައިގެން ގެންދަނީ

ޖަލްސާގައި ވާހަކަ ދެއްކި އެކިމީހުންނަށް އެކިވަރަށް އަދަދު ގޮވުނީވެސް ހަމަ އެހެން ވެގެންނެވެ. ބައެއް ބިދޭސީން ޖަލްސާއިން ފެނުނީމާވެސް ހީނ ހީފައި އެވާހަކަ މީހުން ދައްކާން ފެށިއެވެ. މަތިން ނެގި ފޮޓޯތަކާއެކު ފާޅުވި މަންޒަރުތަކުން ޖަލްސާގެ ފޯރި ކެނޑި މުޅިން އެހެން ފޯރިއެއްގެ ވާހަކަ ދެެއްކި އެވެ. ދެއްކި ވާހަކައާއި އެރުވި ފޮނުން އަދި ކުރި ޚަރަދާ އަޅައިބަލާއިރު، ޕީޕީއެމްގެ ލީޑަރޝިޕަށް ބޮޑު ސައިޒެއް ނުދެއްކުނެވެ. ސައިޒު ހީކުރި ވަރަށް ވުރެ މާކުޑަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:55
× anni
Hajamu nuvaahen heevanee
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 13:55
× anni
Hajamu vumumugai massala ulheykamah fennanee mi liyun kiyaaleema ???