ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގައި މާފުށި ޖަލުގެ އޮޑިޓެއް ހައްދަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާފުށީ ޖަލުގެ ހާލަތަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި މާފުށީގެ ޖަލުގެ ފުރިހަމަ އޮޑިޓެއް ކުރައްވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، ޖަލުގެ ހާލަތު ރަގަޅު ކުރުމަށްޓަކައި ޖަލުގެ ކަންކަން ބެލެހެއްޓުމަށް އިތުރު މުވައްޒަފުންވެސް ބޭނުންވާ ކަމަށެވެ.
އިބޫ ވިދާޅުވީ، މިފާއިތުވެދިޔަ ދުވަސްތަކުގައި އަޑި ނޭނގޭ ގޮތަށް ބަޔަކު ޖަލުގައި ނިޔާވެފައިވާ ކަމަށާއި އެގޮތުން މި ދައުރުގެ ތެރޭގައި 20 ވަރަކަށް މަރު ހިނގާފައިވާ ކަމަށެވެ.
ޖަލަކީ އިންސާނުން ތިބެން ހެޔޮވާވަރު ތަނެއް ނޫން ކަން އަމިއްލަފުޅަށް ވެސް ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އެކަންކަން ހައްލު ކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ކަމުގައި ގޮދަނޑި އާއި އެ ނޫން ވެސް ތަކެތި ޖަލަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މި ސަރުކާރުން ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް އިބޫ ވިދާޅުވިއެވެ