ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 21:18
ސޯލްޓްގައި ކުރިއަށްދިޔަ ބައްދަލުވުން
ސޯލްޓްގައި ކުރިއަށްދިޔަ ބައްދަލުވުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ގުޅީފަޅު ފްލެޓް ގަތް ފަރާތްތަކާއި، ޓާޓާ ފްލެޓް ނުލިބޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިބޫ އޮޅުން ފިލުވައިފި
ގިނަ ބަޔަކު ވަނީ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައި
މައްސަލަތައް ބަލާ ހައްލުކޮށްދެއްވާނެކަަމަށް އިބޫ ވިދާޅުވެފައިވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ގުޅީފަޅުން ފްލެޓް ގަނެ ފްލެޓް ނުލިބިފައިވާ ފަރާތްތަކާއި ވެށިފަހި ޕްރޮގްރާމުގެ ތެރެއިން ފްލެޓަށް ހޮވި ފްލެޓް ނުލިބުނު ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ހަވީރު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައްދަލުކޮށްފައެވެ. ފްލެޓްތަކާ ގުޅޭ ގޮތުން އިބޫ ވަނީ އެފަރާތްތަކުގެ ކަންބޮޑުވުން އޮޅުން ފިލުވާފައެވެ.

އެގޮތުން ގުޅީފަޅުން ނުލިބުނު ފަރާތްތަކުން ވަނީ ފްލެޓް ނުލިބޭތާ 10 ވަރަކަށް އަހަރުވުމުން ވެސް ފްލެޓް ސަރުކާރުގެ ތެރެއިން ނުލިބިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަކަށް ވުމުން ކަމަށް މި ސަރުކާރުގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދާކަން ފާހަގަކޮށް، އެފްލެތްތައް ހޯދާ ދިނުމަށް މާގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ނުދާކަން ފާހަގަކޮށްފައެވެ.

ގުޅީފަޅުން ފްލެޓް ގަތުމަށް ގާތްގަނޑަކަށް 158 މީހުން 35 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާފައިވެއެވެ. ފްލެޓް ގަނެފައިވާ ފަރާތަކުން މިއަދު ކިޔާދިން ގޮތުގައި ފައިސާ ފްލެޓް ގަތުމަށް ފައިސާދިން ގިނަ މީހުން ފައިސާ ދައްކާފައި ވަނީ ލޯން ނަގައިގެންނާއި އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދައިގެންކަމަށެވެ. ފްލެޓްތައް ނުލިބި އެހާ ދުވަސް ވެގެންދިއުމުން ފްލެޓް ގަނެފައިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފްލެޓް ހެދުމަށްޓަކައި 2010 ވަނަ އަހަރު ގުޅީފަޅު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އާއެވެ. 2016 ވަނަ އަހަރުގައި ގުޅީފަޅުން ފްލެޓް ދިން ހުރިހާ ފަރާތްތަކަށް ހުޅުމާލޭއިން ފްލެޓް ލިބޭނެ ގޮތްތައް ހަމަޖައްސާދީފައިވާ ކަމަށްބުނެ އެކަމުގެ ލިޔުން މި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން 18 ފަރާތަކަށް ފްލެޓް މިހާރު ހުޅުމާލެއިން ދީފައިވާއިރު އޭގެ ތެރޭގައި ގިނައީ ސަރުކާރުގެ ސިޔާސީ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅުންހުރި ފަރާތްތައް ކަމަށް އިބޫއާ އެކު ބައްދަލުކުރައްވާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މީގެ އިތުރުން ޖީޕީޑީ އާއި ރައީސް ނަޝީދުގެ ސަރުކާރުން ހެދާފައިވާ އެގްރީމެންޓް ވެސް މި ސަރުކާރުން މިހާރު ވަނީ ބާތިލްކޮށްފައެވެ. މީގެ އިތުރުން ޓާޓާ އިން ފްލެޓް ލިބުނު އަދި ފްލެޓް ލިބި ފްލެޓް ހަވާލު ނުކުރާ ފަރާތްތަކުން ބުނީ، ފްލެޓްތައް ފަރާތްތަކަށް ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ.

އިބޫ ވަނީ އެކަންކަން އެމަނިކުފާނުގެ ސަރުކާރެއްގައި ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓާޓާ ފްލެޓް ތަކާ ގުޅޭ ގޮތުން ދިރާސާއެއް ހެދިފައިވާ އިރު ފްލެޓްތައް މި ސަރުކާރުން ދޫކޮށްފައި ވަނީ މާ އަގުބޮޑުކޮށް ކަމަށް އިބޫ ވިދާޅުވިއެވެ.

- ކޮމެންޓް