ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ނިމި އެތަނަށް ދުނިޔޭގައި އުފައްދާ އެންމެ ބޮޑު މަތިންދާ ބޯޓު އޭ-380 މަރުކާގެ މަތިންދާބޯޓު ޖައްސައި އެ ރަންވޭ ހުޅުވައިފިއެވެ.
އޭ-380 އަކީ 800 އެއްހާ ފަސިންޖަރުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ، ޑަބަލް ޑެކްގެ މަތިންދާ ބޯޓެކެވެ. މިއީ ރާއްޖޭގެ ވައިގެ ބަނދަރަކަށް މި މަރުކާގެ ބޯޓެއް ޖެއްސި ފުރަތަމަ ފަހަރެވެ.
އޭ-380 ފްލައިޓުގައި ރާއްޖެ އައީ ބަންގަލްދޭޝްގެ ޑާކާގައި ބޭއްވި ސާފް ސުޒުކީ ކަޕްގައި 2-1 އިން އިންޑިއާ ބަލިކޮށް ތަށި ހޯދި ދިވެހި ގައުމީ ޓީމެވެ. މި ބޯޓު ދުއްވަން އިނީ ރާއްޖޭގެ ޕައިލެޓެއް ކަމަށްވާ އަލީ އަހްސަންއެވެ.
އާ ރަންވޭ ހަދާފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނާނެކަމަށެވެ.