ރައީސް އަބްދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ އަދި ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ހިޔަލީ މުހައްމަދު ރަޝީދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާޢީދު ކުރައްވާކަން ހާމަކުރެއްވުމާއެކު އޭނާ ޕީޕީއެމުންނާއި މަގާމުން ވަކިކޮށްފައިވާކަމަށް އެޕާޓީން ބުނެފިއެވެ.
ސަކީނާ މަންޒިލްގައި ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ހިޔަލީ މަގާމުން ވަކިކޮށް މިހާރު އެމަގާމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އައްޔަންކޮށްފައިވާ ކަމަށެވެ.
"ޕާޓީގެ ރެޖިސްޓްރާގެ ގޮތުގައި ހުންނެވި ހިޔަލީ މުހައްމަދު ރަޝީދު ފަހަކުން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ މަސައްކަތް ކުރައްވަން ފެއްޓެވިތަން. ޕާޓީގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ބޭފުޅަކު އޮޕޮޒިޝަން ކެންޑިޑޭޓެއްގެ ކެންޕޭނުގައި މަސައްކަތް ކުރެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން. އޭނާ ވަކި ކުރުމުގެ ކަންކަން ޕާޓީގެ ކައުންސިލުން ހަމަ ވަގުތުން އެންޑޯޒްކޮށް އޭނާ ވަކި ކުރުމަށްފަހުގައި ތިންވަނަކަމެއްގެ ގޮތުގައި އެމަގާމަށް މިހާރުގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ހަމަޖައްސާފައިވާކަން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން." ނިހާނު ވިދާޅުވިއެވެ.
ހިޔަލީ ޕީޕީއެމުން ވަކިކޮށްފައިވާއިރު އޭނާގެ ދަރިފުޅު ރާއީ ރަޝީދު އައްޔަންކޮށްފައިވާ ދައުލަތުގެ މަޤާމުން ކުއްލިގޮތަކަށް ވަނީ ވަކިކޮށްފައެވެ. ރާއްޖެއިން ފިލިޕީންސަށް ކަނޑައަޅާފައި ހުންނެވި ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމުން އޭނާ ވަކިކުރިކަން ރައީސް އޮފީހުން އެންގީ ހޮނިހިރު ދުވަހުއެވެ.
ހިޔަލީ އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ތާއީދު ކުރެއްވި އިރު ދާދިފަހުންވަނީ ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ.