ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:36
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ލަމްއާން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގެ ތެރެއިން
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ލަމްއާން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގެ ތެރެއިން
ފެނަކަ ކޯޕަރޭޝަން
ރިޔާސީ އިންތިހާބު 2018
ސަރުކާރު ކުންފުނިތަކުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކާތީ ބައެއް މުވައްޒަފުންގެ ނުރުހުން ސަރުކާރަށް!
ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ އަޑުތައް ވަރަށް ގިނައިން އިވޭ

ސަރުކާރުގެ އިދާރާތުގެ މުވައްޒަފުންނާއި އަދި ހާއްސަކޮށް ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރަމުންދަތީ އެކަމާ ދެކޮޅު ހަދަމުންދާ މުވައްޒަފުން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ. 

އެގޮތުން ވަޒީފާގެ ބިރު ދައްކަމުންދާ އެއްކުންފުންޏަކީ ފެެނަކަ ކޯޕަރޭޝަނެވެ. ރާއްޖޭގެ ގިނަ ރައްތަކުގެ އިންޖީނުގެތައް ހިންގަމުންދާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް މެދުވެރިކޮށް، އެކުންފުނީގެ މައި އޮފީހުގެ އެންގުމުގެ މަތިން ރައީސް ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކަށް މީހުން ނެރުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެފަދަ ވާހަކަތައް ބައެއް މުއައްޒަފުން ވެސް ދަނީ މީޑިއާތަކާ ވެސް ހިއްސާ ކުރަމުންނެވެ. 

މާލެ ފިޔަވައި ފެނަކަ ކުންފުނީގެ އެންމެ ގިނަ މުވައްޒަފުން އުޅެނީ އައްޑޫ ސިޓީގައެވެ. 

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުން އިންތިހާއަށް ދިއުމުން އެ މުވައްޒަފުން ފާޅުގައި އެކަމާއި ނުރުހުން ފާޅުކުރަމުންދާ ކަމަށް އައްޑޫ ލައިވްއިން ވަނީ ހާމަކޮށްފައެވެ.

ނުރުހުން ފާޅުކުރާ ފަރާތްތަކާ ހަވާލާދީ 'އައްޑޫލައިވް'ގައިވާ ގޮތުގައި މި ފަހުން އިންޖީނުގޭގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި "އިބޫއަށް ތާއީދުކުރާ ބަޔަކު ތިބިއްޔާ ގެއަށް ދިއުމަށް" ވަނީ އަންގާފައެވެ. އަދި ސަރުކާރާ ދެކޮޅު ހިޔާލުގެ މުވައްޒަފުން "ފިއްތައިގެން" ތިބުމަށް ވެސް ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ މުއާޒު ހަލީމް އަންގާފައިވާ ކަމަށް ބުނެ، އެމީހުންނާ ހަވާލާދީ އައްޑޫ ލައިވްއިން ހާމަ ކޮށްފައި ވެއެވެ.

ދާދި ފަހުން ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫއިން އެމަނިކުފާނު ހިތްހަމަ ޖެހޭވަރުގެ ސަޕޯޓެއް ލިބިފައިނުވާތީ، އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ. 

އައްޑޫ ސިޓީއަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުކޮށްގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާއިރު ވެސް، އައްޑޫ ރައްޔިތުންގެ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށް ރައީސް ޔާމީން ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. 

އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އުޅޭ ފެނަކަ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ރައީސް ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ. 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޕީއެލްއާއި އެސްޓީއޯ، ސްޓެލްކޯ، އެމްޓީސީސީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. 

މީގެ އިތުރުން ޕީޕީއެމްގެ އިވެންޓްތަކާއި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ޕީޕީއެމުން މީގެ ކުރިން ފާޅުކަން ބޮޑު ގޮތެއްގައި ބުނެފައި ވަނީ ރައީސްގެ ކެމްޕެއިންގައި ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް