ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލަން ކަމަށް ބުނެ އަންގާރަ ދުވަހުގެ ރޭ އެޕާޓީން ބާއްވާ ޖަލްސާއަށް ގެނައި މީހުންނަށް އަޅާނުލާ ކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާއަށް އަންނަ ކޮންމެ މީހަކަށް 1000ރ. ގެ ފައިސާގެ އެހީއެއް ދަނީ ދެމުންނެވެ.
މި ޖަލްސާ އަށް މާލެ އަންނަ މީހުންގެ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ ޕީޕީއެމް ތިމަރަފުށީ ވައިބަރ ގްރޫޕްގައި ބަޔަކުވަނީ ހިތްހަމަނުޖެހިގެން ޝަކުވާ ކޮށްފައެވެ.
ވައިބަރ ގްރޫޕްގައި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ތިމަރަފުށިން ބޮޑު ޖަލްސާއަށް މާލެ އައި ގިނަ އަދަދެއްގެ މީހުންގެ ޒަރޫރީ ބޭނުންކުރަން ދިން ލާރިކޮޅު ނުލިބިގެން އެމީހުން ވަންނާނެ ތަނެއް ނެތިފައި ތިބި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ސައި ފޮދެއް ލިބޭނެ ގޮތެއް ވެސް ނެތި ހުސްބަނޑާ ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޖަލްސާއަށް މާލެ އެރި ގިނަ މީހުންނަކީ މާލޭގައި އަމިއްލަ ގެދޮރު ހުރި މީހުން ނޫން ކަމަށާއި އެމީހުން މާލެ އެރީ ޒަރޫރޫ ކަންކަން ހަމަޖެހޭނެ ކަމަށް ބުނުމުން ކަމަށް ވަނީ ބުނެފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ޕާޓީގެ ފަރާތުން ފައިސާ ލިބިފައި ހުރި ކަމަށް އެކަމާ ހަވާލުވެގެން ތިބި އިސް ވެރިން ބުނުމަށް ފަހު އެ މީހުން ވެސް ގެއްލިއްޖެ ކަމަށް އެ ގްރޫޕްގައި ބުނެފައި ވެއެވެ.
ފައިސާ ބެހި އިރު ވަގުތުން ފައިސާ ލިބިފައި ވަނީ އެތަނަށް ގޮސް ތިބި އިސް ބޭފުޅުންގެ ރަށްރަށުގެ މީހުންނަށް އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ.
ޖަލްސާއަށް އައި ފަރާތްތަކަށް މާލޭގައި ދެރޭ ނިދުމާއި ކެއުމުގެ ޚަރަދުގެ ގޮތުގައި 1000ރ. ދޭ އިރު މާލެގައި ދުވަހު ކުއްޔަށް އާންމުކޮށް ކޮޓަރިއެއް ދޫކުރަނީ 400ރ. އަށް ވުރެ މަތީގެ އަގަކަށެވެ.
މި ގޮތަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ޕީޕީއެމުން ބުނެފައި ވަނީ ޖަލްސާ އަށް މާލެ އަންނަ ފަރާތްތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށާއި އެކަންކަން ދަނީ ރަނގަޅަށް ކަމަށެވެ. އަދި އެހެން ޕާޓީތަކުން މީގެ ކުރިން ޖަލްސާތަކަށް ގެނައި މީހުން މަގުމަތިވެ ޒަރޫރީ ބޭނުންތައް ނުފުދިފައި ތިބެންޖެހޭ ގޮތަށް ޕީޕީއެމްގެ ޖަލްސާ އަށް އަންނަ މީހުންނަށް އެ ގޮތަށް މެދުވެރިވިޔަ ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާތަކަށް ގެންނަން މީހުން ފުރަތަމަ ދާންޖެހެނީ ރާޅުގަނޑު ސަރަހައްދު ކައިރީގައި ހަދާފައިވާ ނިއު ޕޯޓް ރެސްޓޯރެންޓަށެވެ.