ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 03:04
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ޝަހީބަށް ބިރު ދައްކައި އިސްތިއުފާ ދިނުމަށް މަޖުބޫރުކުރި މައްސަލައެއް ޕޮލިހަށް
ޝަހީބްގެ ތުހުމަތުތައް ސޮފްވާން ދޮގުކުރައްވާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ބިރު ދައްކައި، އިސްތިއުފާ ދިނުމަށް އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ސޮފްވާން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކޮށް, މައްސަލަ ޕޮލިހަށް ހުށަހަޅުއްވައިފި އެވެ. ނަމަވެސް މި ތުހްމަތު ސޮފްވާން ދޮގުކުރައްވަ އެވެ.  

ސޮފްވާންގެ މައްޗަށް ތުހްމަތުކޮށް ހޯމަ ދުވަހުގެ ރޭ ޕޮލިހަށް ހުށަހެޅި މައްސަލައިގެ މައުލޫމާތު ޝަހީބު ވަނީ މިހާރު ނޫހަށް ކިޔައިދެއްވައިފަ އެވެ. އެ މައްސަލައިގެ ތަފްސީލްތައް، ރާއްޖެ އެމްވީއަށް ޝަހީބު ކިޔައި ނުދެެއްވަ އެވެ. ނަމަވެސް، މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ވާހަކަތައް އޭނާ ދޮގެއް ނުކުރައްވަ އެވެ. 

ޝަހީބާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި ކޮމިޝަންގެ ބައްދަލުވުމުގެ ކުރިން ބައްދަލުކުރެއްވުމަށް ސޮފްވާން އެދިވަޑައިގެންނެވި ކަމަށާއި، މީޓިން ރޫމުގައި އެ ވާހަކައެއް ދެއްކެވުމަށް ޝަހީބު އެދިވަޑައިގަތެވެ. ނަމަވެސް ބޭނުންފުޅުވަނީ ވަކިން ބައްދަލުކުރުމަށް ސޮފްވާން ވިދާޅުވި ކަމަށާއި އެހެންވެ، ބައްދަލުކުރެއްވީ ބްރޯޑްކޮމްގައި ހުންނަ ޝަހީބުގެ ކޮޓަރީގައި ކަމަށް މިހާރު ނޫހުގައިވެ އެވެ. 

ޝަހީބުއާ ބައްދަލުކުރައްވައި ސޮފްވާން އެދިވަޑައިގަތީ ތިން ކަމަކަށް ކަމަށާއި، އެއީ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށާއި، ނުދެއްވާނަމަ އަށް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަތުމަށާއި، ޗުއްޓީއަކަށް ވަޑައިނުގަންނަވާ ނަމަ އަށް ދުވަހަށް މަޤާމުގެ މަސްއޫލިއްޔަތުތައް ކޮމިޝަންގެ ނައިބް ރައީސާއި ހަވާލުކުރުމަށް މެމޯއެއް ނެރުއްވުމަށް ސޮފްވާން މަޖުބޫރުކުރުވިކަމަށް ޝަހީބާ ހަވާލާދީ މިހާރު ނޫހުގައިވެ އެވެ.

ސޮފްވާން ކުރި ކަމަށް ތުހްމަތުކުރާ ކަންތައްތައް ނުކުރަނީސް ޝަހީބަށް ކޮޓަރިން ބޭރަށް ނުނިކުމެވޭނެ ކަމަށް ވިދާޅުވެ، ކޮޓަރިވެސް ތަޅުލެއްވި ކަމަށް މިހާރު ނޫގައިވެ އެވެ. އަދި ފޯނުން ގުޅައިފިނަމަ ފޯނުވެސް ހަލާކުކޮށްލާނެކަމުގެ އިންޒާރުދެއްވިކަމަށް އެ ނޫހުގައިވެ އެވެ. 

ނަމަވެސް، އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ސޮފްވާން ރާއްޖެ އެމްވީއަށް ވިދާޅުވި އެވެ. 

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 ސެޕްޓެންބަރ 2018 | އަންގާރަ 03:20
mom
Meena lanvee jalah