ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 18:40
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެވޭގޮތުގެ ނިޒާމް ގެނައީ ވެސް ރައީސް ޔާމީންގެ ސަރުކާރުން: މާރިއާ
ދައުލަތުގެ ފައިސާ އެކިއެކި އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް ނިޒާމު ބަދަލު ކުރި
ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވުުމުން އޮޑިޓަރ ޖެނެރަލް ނިޔާޒު މަގާމުން ދުރުކުރެއްވި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ފަޅާ އަރުވާލި ބޭންކުގެ މުވައްޒަފު ޖަލަށްލި

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން "ރިޔާސީ ބަހުސް 2018" ނަމުގައި ބޭއްވި ހަފްލާއަށް ފާޑު ވިދާޅުވެ، އަދި އެ ހަފްލާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ގައުމީ ޔުނިވާރސިޓީން ބޭއްވި އެ ހަފްލާގައި ވިދާޅުވެފައިވާތީ، މާރިޔާ ވިދާޅުވީ ނިޒާމުގައި މައްސަލަތައް ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީ ކުރިން ޖަމާކުރަމުން އައީ އެއް އެކައުންޓަކަށް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެގޮތް ބަދަލުކޮށް ދައުލަތަށް ލިބޭ އާމްދަނީ އެކި އެކައުންޓްތަކަށް ޖަމާކުރާ ގޮތަށް ހެދުމުން ކޮރަޕްޝަން ހިންގަން ފުރުސަތު ބޮޑުވެގެން ދިޔަ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަށް ހުށަހެޅި ބަދަލަކުން ކަމަށްވާއިރު، އެގޮތަށް ކަންކަން ނުކުރެއްވުމަށާއި އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.  

މާރިޔާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ހިޔާނާތް ނުހުއްޓުވުނީ ނިޒާމުގައި ހުރި މައްސަލައަކުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައުލޫމާތު ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމް ހިއްސާކުރެއްވުމުން ނިޔާޒު މަގާމުން ވަކިކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

މާރިއާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވާލުމުން އެކަން ކުރި ބޭންކުގެ މުވައްޒަފު ވަޒީފާއިން ވަކިކޮށް، އަދި އޭނާގެ މައްޗަށް ދައުވާކޮށް ޖަލަށް ހުކުމް ކޮށްފައި ވެސް ވާ ކަމަށެވެ.

އެހެންކަމުން ނިޒާމުގެ މައްސަލައެއް ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އެކަމުން ރެކިވަޑައި ނުގެންނެވޭނެ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. 

- ކޮމެންޓް