ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ލަމްއާން އައްޔަން ކުރައްވައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ލަމްއާން އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ.
ފެނަކައިގެ އެކްޓީންގ ޑިރެކްޓަރު ކަމުގެ މަގާމަށް ލަމްއާން އައްޔަން ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމަގާމުން ޝަރީފް އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް ވަޑައި ގެންނެވުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭރު ރަށުތެރޭގައި އެންމެ ބޮޑަށް އަޑު ފެތުރިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް ޝަރީފް އައްޔަން ކުރަން އުޅޭ ވާހަކަ އެވެ. އަދި އެކަންވީ ވެސް އެގޮތަށެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކޯޕަރޭޝަނުން ފެނަކައިގެ އެމްޑީގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަންކޮށްފައިވާ ކަމަށެވެ.
ފެނަކައަކީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ފޯރުކޮށްދިނުމަށް އުފައްދާފައިވާ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.