ރިޔާސީ އިންތިޚާބުގެ މިނިވަންކަމާ އިންސާފުވެރިކަން ކަޑައަޅާނީ ވޯޓުލާ ދުވަހު ކަންހިނގައިދާ ގޮތުގެ މައްޗަށް ބެލުމަށް ފަހު ނޫން ކަމަށާއި، މިހާރު ހިނގާ ކަންތައްތައް ވެސް ބަލަންޖެހޭ ކަމަށް ޓްރާސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންޕޭރަންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލު ވިދާޅުވީ އިންތިޚާބީ ނިޒާމު ކިލަނބުކުރުވި ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
ތޮލާލު ވިދާޅުވީ ރީރަޖިސްޓްރޭޝަން މައްސަލާގައި ވަރަށް ގިނަ ތަފާތު ޝަކުވާތަކާއި ތަފާތު ތުހުމަތުތައް ކުރެވިގެން އައި ނަމަވެސް ވޯޓާސް ލިސްޓް ނެރުމާއި ހަމައަށް އިލެކްޝަން ކޮމިޝަނުން އެންމެ އެދެވޭ ޖަވާބުދީފައި ނުވާ ކަމަށެވެ.
އެގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް އެކާޑުތަކުގެ ވެރިފަރާތަށް ނޭނގި އައިޑީކާޑު އާވެފައިވާ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، ރީރަޖިސްޓްރޭޝަން މަރުހަލާގައި ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ބައެއް މީހުންގެ ޒާތީ މައުލޫމާތު އިލެކްޝަން ކޮމިޝަނުން ލީކުވެ ވެރިކަންކުރާ ޕީޕީއެމްއަށް އެމައުލޫމާތުތައް ދިޔަ ކަމަށް އެކޮމިޝަނުން ވެސް އިއުތިރާފްވެވާއިރު، މިކަން ތަހުގީގު ކުރުމަށް ފަހު ވެސް ޖަވާބުދީފައި ނުވާ ކަމަށް ތޮލާލު ވިދާޅުވިއެވެ. ތޮލާލު ވިދާޅުވީ މިއީ އިންތިޚާބުގެ ކުރިން އިންތިޚާބުގެ މާހައުލުގައި ނުތަނަވަސްކަން އުފެއްދުމަށް މެދުވެރިވާނެ ސަބަބުތައް ކަމަށެވެ.
ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ތަފާތު ކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވައި ތޮލާލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބައެއް ރަށްރަށަށް ވަޑައިގަންނަވާއިރުގައި ކޯލިޝަން ކެންޕޭންގެ ދިދަތަކާއި ބެނާތައް ނެގުމަށް އަންގާ ކަމަށާއި، ކޯލިޝަނުން ކެންޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ބޮޑެތި ގޮންޖެހުންތަކާ އެކު ކަމަށެވެ. އޭނަ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާ ކަމަށްވާ ނަމަ އިންތިޚާބުގައި ވާދަކުރާ ހުރިހާ ފަރާތްތައް ވެސް މިނިވަންކަމާ އެކު ހަމަހަމަ ފުރުސަތުތަކެއް ދައުލަތުން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
ތޮލާލު ވިދާޅުވީ އިންތިޚާބަށް ކެންޕޭން ކުރުމުގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކުރާއިރު ދައުލަތުގެ މީޑިއާ ވެސް މިސަރުކާރުން ނުހައްގުން ބޭނުން ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކޮށްގެން ދައުލަތުގެ މީޑިއާ ހިންގަމުންދާއިރު ކޮންމެ އިންތިޚާބެއްގައި ދައުލަތުގެ މީޑިއާ އިން ވަކި ފަރާތަކަށް ނުޖެހި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭ މީޑިއާއަކަށްވާން ޖެހޭ ކަމަށް ތޮލާލު ވިދާޅުވިއެވެ.
މީގެ އިތުރުން ތޮލާލު ވިދާޅުވީ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު އިންތިޚާބަށް ބެހޭ ގާނޫނު އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ވެސް މިކަށަވަރުކޮށްދޭ ހައްގުތައް ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ.
"އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކުރިން ބޭއްވުނު އިންތިޚާބުގައި ވެސް އިންތިޚާބާއި ބެހޭ ލަފާ ދޭ ކޮމެޓީގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް އިންތިޚާބުގެ ދުވަހު ވެސް އަދި އޭގެ ކުރިން ވެސް ކަންކަން ހިނގުމުގައި ލަފާ ހޯދާ އެކޮމެޓީގެ މަޝްވަރާ އާއި އިރުޝާދުގެ މަތިން އިލެކްޝަން ކޮމިޝަނުން ކަންކަން ކުރުމުން އައިސްފައިވާ ކޮމެޓީއެއް. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ފުރަތަމަ ކަމަކަށް މިކޮމެޓީގެ މަސައްކަތް ބަދަލުވެ ހަމައެކަނި މައުލޫމާތު ހިއްސާ ކުރާ ކޮމެޓީއަކަށް ކޮމެޓީ ބަދަލުވެފައިވާތަން،" ތޮލާލު ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ އިންތިޚާބު މިހާ ގާތްވެފައި ވަނިކޮށް އިންތިޚާބާއި ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އިންތިޚާބާއި ކައިރިކޮށްފައިވަނިކޮށް ގާނޫނީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނައުމަކީ އެއީ އިންތިޚާބަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު ފާހަގަކޮށްލާނަން އައިފެސް އަދި ޓްރާންޕޭރެންސީ މޯލްޑިވްސްއިން ވެސް ވަރަށް ބޮޑަށް ބާރު އަޅާފައި އޮތް ކަމެއް އިންތިޚާބުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް ވޯޓު ގަތުމުގެ ކަންކަން ހުއްޓުވުމަށްޓަކައި ވޯޓު ކަރުދާސްކޮޅުގައި އެއްވެސް ކަހަލަ އިތުރު ފާހަގައެއް ޖަހާކަމަށް ވަންޏާ އެއީ ބާތިލް އެއްޗަކަށް ހެދުމަށް ރިކަމެންޑް ކޮށްފައިވާނެ. ނަމަވެސް އެކަން ކޮށްދީފައިނުވޭ" ތޮލާލު ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ އިންތިޚާބުގެ އޮފިޝަލުން ހޮވުމުގައި ހާމަކަން ނެތުމާއި ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ވޯޓު މަރުކަޒުތަކަށް އައްޔަންކޮށްފައި ތިބުމަކީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ.
އިންތިޚާބަށް ދިމާކޮށް ކަންކަން ހިނގަމުންދާ ގޮތުން އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ހައްގުތަކަށް ވަރަށް ބޮޑަށް އުނިކަން އައިސްފައިވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.