ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 13:33
ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު
ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބު
ރައީސް އޮފީސް
އަދީބުގެ ބަޔާން
ދައުލަތުގެ ފައިސާ ގެއްލުން: ގައުމީ އަދި ބައިނަލް އަގްވާމީ ތަހުގީގުތަކަށް އެއްބާރުލުން ދޭން ތައްޔާރު: އަދީބު
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ތުހުމަތު ކުރައްވަނީ އަދީބުގެ މައްޗަށް
އަދީބު ތުހުމަތު ކުރައްވަނީ ރައީސް ޔާމީންއަށް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއަށް ވޯޓު ދެއްވުމަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކަށް އަދީބު ވަނީ ގޮވާލައްވާފައި

ދެން އަންނަ ވެރިކަމަކުން ހިންގާ ގައުމީ އަދި ބައިނަލްއަގްވާމީ ތަހުގީގު ތަކަށް މިހުރީ ފުރިހަމައަށް އެއްބާރުލުންދީ، ދައުލަތުން ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތުގައި އެހީތެރިވެދެއްވަން ތައްޔާރަށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތުހުމަތު ކުރެވޭއިރު، އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގެއްލިފައިވާ ދައުލަތުގެ ފައިސާ ހޯދުމަށް ދެން އަންނަ ސަރުކާރަކުން ބަލާނެ ކަމަށް ބެލެވޭ ތަހުގީގުތަކުގެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ހޯމަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. އަދީބަކީ އޭރު ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިން ބުނާ ގޮތުން ޕީޕީއެމުން ފައިސާ ނަގާ "އޭޓީއެމް" މެޝިނެވެ. އެހެންކަމުން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ ވަރަށް ސައްހަ މައުލޫމާތު އަދީބަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް އަދީބަކީ އެމްއެމްޕީއާރުސީގެ ހިނާޔާތަށް ތުހުމަތު ކުރެވޭ، އަދި ޝަރީއަތްތަކެއް ވެސް އެމަނިކިފާނުގެ މައްޗަށް ހިންގެމުންދާ ބޭފުޅެކެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތައްވީ އަދީބުގެ އަތުގައި ކަމަށް ސަރުކާރުން ބުނަމުންދާއިރު، އަދީބު ތުހުމަތު ކުރައްވަނީ ރައީސް ޔާމީންގެ މައްޗަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. އަދި އެފައިސާ ރައީސް ޔާމީން ބޭނުން ކުރައްވާފައިވާ ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. 

އަންނަ އާދިއްތަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާއިރު، އަދީބު ގެންދަވަނީ ޖަލުގައި އިންނަވައިގެން ރައީސް ޔާމީނާއި ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކަންތައްތަކެއް ބަޔާންތަކެއްގެ ސިފައިގައި ހާމަ ކުރައްވަމުން ނެވެ. 

ހޯމަ ދުވަހު އަދީބުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ މީހެއްގެ އެންމެ ވަރުގަދަ ބަރުހަތިޔާރަކީ އެމީހެއް ބުނާ ބަހުގެ ބުރަދަނާއި ވެވޭ ވައުދެއް ކޮންމެ ހާލެއްގައިވެސް ފުއްދާނެ ކަމުގެ އިތުބާރު ކަމަށެވެ. އެގޮތުން މިއަދު ރައީސް ޔާމީން އަކީ ދިވެހި ގައުމު އަދި މުޅި ދުނިޔެ އިތުބާރު ގެއްލިފައިވާ ފަރާތަކަށް ވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ މުޅި ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ ބަހުގެ ބުރަދަން ހުރި ސިޔާސީ އެއް ލީޑަރު ކަމަށެވެ.

"ޤައުމަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ރައީސް މައުމޫން، ރައީސް ނަޝީދު، އޮނަރަބަލް ޤާސިމް، ޝޭހް އިމްރާން، އަދި މިބޭފުޅުންގެ ޕާޓީ ތަކުންނާއި މިބޭފުޅުންނަށް ތާއިދު ކުރާ ފަރާތްތަކުން ޤައުމު އިސްކޮށް ރައްޔިތުންނަށް އެއް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނެރެދެއްވުމުން ތި ހުރިހާ ލީޑަރުންނާއި ޕާޓީތަކުގެ މެމްބަރުންނަށް އަޅުގަނޑު ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ." އަދީބުގެ ބަޔާނުގައި ވެއެވެ.

އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި އަދި އަދީބަށް ތާއީދު ކުރާ ހެޔޮ އެދޭ ފަރާތްތަކާއި އަދި އަނިޔާވެރިކަމާއި ދެކޮޅު ހުރިހާ ދިވެހި ރައްޔިތުން، ކެންޑިޑޭޓް ނަންބަރު 2، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ފައިސަލް ނަސީމް އަށް ވޯޓު ދެއްވާ، ދިވެހި ތާރިހްގައި ލިޔެވޭނެހާ ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިކޮށް އެ ދެބޭފުޅުން ހޮވާދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް