ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 12:40
ކޮޅުފުށިން އިބޫއަށް މަރުހަބާ ކިޔަނީ - ވަޑައިގެންނެވި ކޮންމެ ރަށަކުން އިބޫއަށް ތަރުހީބު ދިޔައީ އޮހެމުން
ކޮޅުފުށިން އިބޫއަށް މަރުހަބާ ކިޔަނީ - ވަޑައިގެންނެވި ކޮންމެ ރަށަކުން އިބޫއަށް ތަރުހީބު ދިޔައީ އޮހެމުން
ރާއްޖެ އެމްވީ
ރިޔާސީ ރޭސް 2018
އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
ކެޕްމޭނަށް ހުރަސް އެޅުމުގައި ޖާސޫސުންގެ ގޮތުގައި ބަޔަކު މަސައްކަތް ކުރި
ރަށްރަށުން ކެޕްޕޭނަށް ހުރަސް އަޅަން ހަރަކާތްތެރިވީ ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަޒީފާ ދީފައި ތިބި މީހުން
އިބޫއަށް އޮތް ތާއީދު ފޮރުވޭތޯ އެތައް މަސައްކަތެއް ކުރަމުން ދިޔަ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން އިބްރާހީމް މުހައްމަދު ސޯލިހް އަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓިކެޓް ލިބިވަޑައިގެންނެވި އިރު، މި ރޭހުގައި އެމަނިކުފާނަށް ވެސް ކެމްޕޭން ކުރައްވަން ހަމަ ހަމަ ފުރުސަތެއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ހަގީގަތަކީ ކެމްޕޭންގެ ދިގު ދަތުރުފުޅު ނިންމަވާލެއްވި އިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނަށް ތަފާތު އުނދަގޫތަކާއި، ގޮންޖެހުންތަކާއި، ހުރަސްތައް ކުރިމަތި ކުރުވަމުން ދިޔަކަމެވެ.

ހަމަހަމަ ފުރުސަތު ކެމްޕޭން ކުރުމަށް އޮންނަން ޖެހޭނެ ކަމަށް ލިޔުމުގައި އޮތެއް ކަމަކު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.

އިބޫ ރަށަކަށް ވަޑައިގަންނަވާ ކަމުގެ ޚަބަރާއެކު އެރަށެއްގައި "ޖާސޫސީ" މަސައްކަތްތައް ފެށެއެވެ. އެކަމުގައި ރަށަށް ދަނީ ކޮންބައެއްތޯ އާއި، ތައްޔާރީތަކުގައި ހަރަކާތްތެރިވަނީ ކޮންކޮންފަރާތްތަކެއްތޯ ބަލާ، ފޮޓޯ އާއި ވީޑިއޯ ނަގާ، މައުލޫމާތު އެއްކޮށް އެ ފޮނުވާ ފަރާތަކަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ބަޔަކު ރަށަށް އެޑްވާންސް ކޮށް ގޮސް ތިބެއެވެ. މިފަދަ ބައެއް މީހުންނާ ބެހޭ ގޮތުން މައުލޫމާތު ހޯދާލާއިރު އެއީ ދައުލަތުގެ ކޮންމެވެސް ކުންފުންޏެއްގެ ނުވަތަ މުއައްސަސާއެއްގެ މުސާރަވެރިއެކެވެ. ކުންފުނިން ނުވަތަ އޮފީހުން އެހުރީ މުސާރަ ލިބޭ ގޮތައް ވީއްލާފައެވެ. އެބައެއްގެ މަސައްކަތަކީ ރަށުތެރޭގެ އެތައް މިތާނގައި އެނބުރި، އެއްކުރަންޖެހޭ މައުލޫމާތު އެއްކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ބަރާބަރަށް މައުލޫމާތު ފޮނުވަމުން ގެންދިއުމެވެ.

ކޮންމެ އަކަސް އިބޫ ވަޑައިގަންވާ އިންތިޒާމްތައް ކައިރިވަމުން ދާއިރު، އިންތިޒާމްތަކުގައި އެ ރަށެއްގައި އުޅޭ އިބޫގެ ސަޕޯޓަރުންނަށް އެކި ބާވަތުގެ އުނދަގޫތައް ކުރުމަށް މާމަތީ ބާރުތަކެއް ލިބިފައި ތިބޭ ބަޔަކު ހަރަކާތްތެރިވާ ތަން ރަށްރަށުން ފެނިފައި އެބަހުއްޓެވެ. ގިނަފަހަރު އެކަމުގައިވެސް އިސްކޮށް ތިބެނީ، ދައުލަތުގެ ކޮންމެވެސް ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި ވަޒީފާއަށް ލާފައި ތިބޭ ބައެކެވެ. އެބަޔަކު ކުރާނެ ކަމެއް ކުރަމުން ދާއިރު ވެސް އެމީހުންގެ މައްޗަށް އެ ރަށެއްގައި ތިބޭ ފުލުހުންނަކަށްވެސް ބަސް ކިޔޭނެ ގޮތެއް ނޯވެއެވެ. އެމީހުންގެ މައްޗަށް ހިނގާނެ ގާނޫނެއް ގަވައިދެއް ނޯންނަ ކަހަލައެވެ. އެމީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ، އެކި ގޮތްގޮތުން އިބޫގެ ކެމްޕޭންގެ ހަރަކާތްތަކަށް ދަތި ކުރުމެވެ. ހުރަސް އެޅުމެވެ. ޖެއްސުން ކުރުމެވެ. ދިދަފައްޗެއް ދަމާއިރަށް، އެއާ ޖެހިގެން ދިދަ ފައްޗެއް ދެމުމެވެ. ދިދަ ދަނޑިއެއް ޖަހާ އިރަށް އެއާ ޖެހިގެން ދިދަ ދަނޑިއެއް ޖެހުމެވެ. ރަށަށް ފައިބައިވަޑައިގަންނަވާ އިރުވެސް ދަތިވާނެ ގޮތްތައް ބަލާ ކަންކަން ކުރުމެވެ. ބައެއް ރަށްރަށުގައި ރަސްމީ ފާލަމަށް ނޭރޭ ގޮތައްވެސް ހަދާފައި ހުއްޓެވެ. އެއާއެކު އަޑު ގަދަކޮށް ބާރަށް ލަވަޖެހުމާއި، މަންޒަރަށް ފެންނަން ހުންނަ ހިސާބުތަކުގެ ފާރުތަކުގައި ކުލަ ހޭކުމަކީވެސް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަންކަމެވެ. މިހެން ގޮސް އުނދަގުލަކަށް ވެދާނެ ކަމެއް ކަމަށް އެމީހުންނަށް ފެންނަ ކޮންމެ ކަމެއް ކުރަނީއެވެ. ބައެއް ރަށް ރަށުގައި ޖަލްސާ ބާއްވާނެ ބިން ނުދިނުމާއި، ޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައި ނުދިނުން ފަދަ ޖެއްސުންތައް ވެސް ކޮށްފައި އެބަހުއްޓެވެ.

މިވަރަކުން ނުނިމެއެވެ. އިބޫ ވަޑައިގަންވާ އިރު މަރުހަބާ ކިޔުމަށް ނުކުންނަ މީހުންގެ އަދަދު މަދުކުރެވޭތޯ ނުކުރާކަށް ކަމެއް ނޯވެއެވެ. އިބޫ ރަށަކަށް ވަޑައިގަންނަވާ ވަގުތުގެ މާ ކުރިން، މީސް މީހުންނަށް ފޯނުން ގުޅާ ބަޔަކު ތިބެއެވެ. އެމީހުންގެ މަސައްކަތަކީ ރަށުގެ މީހުންނަށް ގުޅާ އިބޫއަށް މަރުހަބާ ކިޔުމަށް ނުދިއުމަށާއި، އަދި ޖަލްސާއެއް ފަދަ ކަމެއްގައި ވިޔަސް ބައިވެރި ނުވުމަށް އެންގުމެވެ. މިގޮތައް ގުޅާ މީސްމީހުންގެ ޓާގެޓަކަށް ވެފައި އޮންނަނީ ސަރުކާރުގެ ވަޒީފާތަކާއި ދައުލަތުގެ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންގެ މައިންބަފައިންނާއި، އެއްބަނޑު ތިމާގެ މީހުންނެވެ. އެމީހުންނަށް ދޭ މެސެޖަކީ، ކަލޭގެ މިވެނި މީހަކު މިވެނި ވަޒީފާއެއްގައި ހުރިކަން ހަނދާނުގައި ބެހެއްޓުމަށެވެ.

އެއާ އެކު ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ޓެކްސްޓް މެސެޖްތައް އަންނަން ފަށައެވެ. އެވެނި ގަވައިދެއްގެ މިވެނި މާއްދާއަކަށް ސަމާލު ވުމަށާއި، އެކަން މިކަން ނުކުރުމަށް ބުނެ އެ މެސެޖްތަކުގައި ހުރެއެވެ. ބައެއް އޮފީސްތަކުގައި، އިބޫ މިރަށަށް އެބަ ވަޑައިގަނެއޭ ބުނެގެންވެސް، އޮފީސްތަކުގައި ތިބޭ ސިޔާސީ ވެރިން މުވައްޒަފުން ހާޒިރުކޮށް ސުވާލުކޮށް، ނަސޭހަތްދީފައި އެބަހުއްޓެވެ.

މިހުރިހާ ބިރުދެއްކުމުގެ ތެރެއިންވެސް އިންސާފާ ހަމައަށް ލޯބިކުރާ ހިތްވަރުގަދަ އެތައް ބަޔަކު އިބޫ އަށް އިސްތިގްބާލު ކޮށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް ޖަމާނުވާ އެއްވެސް ރަށެއް އިބޫ ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން ފެނިފައެއް ނުވެއެވެ. އެކަމަކު މަރުހަބާ ކިޔުމަށް ނުކުތް މީހުންގެ ތެރޭގައި ކުންފުންޏެއްގެ ނުވަތަ ސަރުކާރު އޮފީހެއްގެ މުވައްޒަފަކު ހުރެއްޖެނަމަ އިސާހިތަކު އޭނާއަށް އެކަމުގެ އަދަބު އައިސް ބައްދަލު ކުރެއެވެ. އެއްބަޔަކު ހަވާލުވާންޖެހޭނީ ވަޒީފާއިން ވަކި ކުރި ޗިޓާއެވެ. އަނެއް ބަޔަކަށް ލިބެނީ މާ ދުރު ރަށަކަށް ވަޒީފާ ބަދަލުވި ކަމުގެ ލިޔުމެވެ. މިކަންކަން ހިނގާލެއް ނުހަނު އަވަހެވެ.

މުވައްޒަފުންނަށް މިފަދަ ފުރައްސާރަތައް ކުރިމަތިވާ އިރު އަމިއްލަ ވިޔަފާރިތަކާއި މަސައްކަތްތައް ކުރާ މީހުންނަށްވެސް އެކިފާޑުގެ ދުއްތުރާތައް ވަނީ ކުރިމަތިކޮށްފައެވެ. އިގްތިސާދީ މަސައްކަތްތަކަށް ދޫކޮށްފައި ހުންނަ ބިން ވަކި ކުރުމާއި، ކޮންޓްރެކްޓަށް ދީފައި ހުންނަ މަސައްކަތްތައް އަތުލުން ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަންކަން ކޮށްފައި ހުރީ ބަޔަކަށް އެކަމުން ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތިއެވެ.

ބައެއްގެ އޯޑަރަށް މަދު ބައެއްގެ ފުށުން މިކަންކަން މިހެން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ނަމަވެސް، ދަތުރުފުޅުތައް އިބޫ ކުރިއަށް ގެންދެވީ ނުހަނު ޖޯޝާ ފޯރީގައެވެ. ކޮންމެ ރަށަކަށްވެސް ވަޑައިގަތީ ހިނިތުންވުމާއެކު އުފަލާއެކުގައެވެ. އެރަށެއްގެ ރައްޔިތުންނަށް އިބޫ ފެނިގެން ދިޔައީ، އޯގާތެރި ހިތްތިރި އަދި ރައްޔިތުންގެ އަޑު އައްސަވާ ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ކޮންމެ ދަތުރުފުޅެއް ނިންމަވާލެއްވީ، އެ ރަށެއްގެ ރައްޔިތުންގެ ލޯބި ހާސިލް ކުރައްވައިގެންނެވެ. ކުރި ޖެއްސުމާއި ކުރިމަތި ކުރި އުނދަގޫތައް ބަދަލުވެގެން ދިޔައީ އިބޫ އަށް އިތުރުވި ތާއީދުގެ ގޮތުގައެވެ.

- ކޮމެންޓް
17 ސެޕްޓެންބަރ 2018 | ހޯމަ 08:30
މެޑަމް އައިޝާ
ބޯގޯސް މީހުން ކުޅިވިޔަސް ހެވިފަ ތިބޭނީ