ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 19:52
ޕެންޝަން އޮފީސް
ޕެންޝަން އޮފީސް
އަޒުމޫން އަހުމަދު
ޕެންޝަންދޭ އުމުރު
ޕެންޝަން ދޭ އުމުރު 70 އަށް މަތިކޮށް، ބައެއް ވަޒީފާތައް އުވާލުމަށް ރައީސް އެދިފައިވާ ކަމަށް ދައުރުވާ ސިޓީއަކީ ފޭކެއް: މުއާޒް
70 އަހަރަށް ޕެންޝަން އުމުރު މަތި ކުރުމަށް އެދިފައިވޭ
މިއީ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ފިނޑި އަމަލެއް
އެސިޓީގައި ވަނީ ރައީސް އޮފީހުގެ ނަންބަރެއް ނޫން

މި އަހަރުގެ ޖުލައި އިން ސެޕްޓެމްބަރު މަހަށް އުފެއްދި ވަޒީފާތައް އުވާލައި، ޕެންޝަން ދޭ މީހުންގެ އުމުރު 70 އަހަރަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމި ކަމަށް އަންގައިދޭ ލިޔުމަކީ ފޭކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް ވިދާޅުވީ، ސިޓީގެ ނަންބަރަކީ ރައީސް އޮފީހުގެ ނަންބަރެއް ނޫން ކަމަށާއި އެސިޓީގެ ނަންބަރަކީ ޓުއަރިޒަމް މިނިސްޓްރީއަށް ނިސްބަތްވާ ނަންބަރެއް ކަމަށެވެ. އެއީ ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ފިނޑި، ދަށުދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 ސޯޝަލް މީޑިއާގައި ދައުރުވާ ސިޓީއަކީ ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ އަންޑަރ ސެކްރެޓަރީ މޫސާ ފަތުހީ އެވެ.

އެސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ޖުލައި 2018 އިން ފެށިގެން ސެޕްޓެމްބަރު 2018ގެ ނިޔަލަށް އަލަށް އުފައްދާ ވަޒީފާތަކުގެ މުސާރަ އާއި އިނާއަތްތައް އެމަގާމު އުފެއްދި ތާރީހުން ފެށިގެން ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ހަމަޖައްސަވަމުން ގެންދިއުމަށާއި އެ ތާރީހުގެ ފަހުން އެމަގާމުތައް އުވާލުމަށް ހަމަޖެހިފައި ވާތީ 2019 ވަނަ އަހަރުގެ ބަޖެޓް ހެދުމުގައި އެ މަގާމުތަކުގެ މުސާރަތައް ނުހިމެނެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޓަޔަރކުރާ އުމުރު 70 އަހަރަށް ބަދަލުކުރުމަށް ރައީސް އޮފީހުން ނިންމާފައި ވާތީ 2019 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޖެނުއަރީ 2019 އަށް އުމުރުން 65 އަހަރު ފުރި 70 އަހަރު ނުފުރޭ މީހުންނަށް ދެވޭ އެލަވަންސް ނުހިމެނުމަށް ދެއްނެވުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ޕެންޝަން ލިބޭ އުމުރު 70 އަހަރަށް މަތި ކުރައްވާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި 65 އަހަރު ވުމުން ވެސް 70 އަހަރު ވަންދެން ރިޓަޔަރ ނުކޮށް މަސައްކަތުގައި ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް އިތުރު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ބުނީ 65 އަހަރު ވުމުން މިހާރު ވެސް ލިބޭ ގޮތަށް އެލަވަނަސް ލިބެމުންދާނެ ކަމަށާއި 70 އަހަރު ވަންދެން މަސައްކަތުގައި ދެމިހުއްޓަސް މުސާރައިގެ އިތުރުން އެ އެލަވަންސް ލިބެމުން ދާނެ ކަމަށެވެ. 

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެނީ 5000ރ. އެވެ. މި އަދަދު ބޮޑުކުރުމަކީ ސަރުކާރުގެ ވައުދެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް