ސުނާމީ ކާރިސާއާ ގުޅިގެން ދޫކުރި ލޯނުތައް މައާފް ކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވި ނަމަވެސް އެކަން ކަމާ ގުޅުން ހުރި ފަރާތްތަކަށް ނާންގާ ކަމަށާއި އެފައިސާ ދައްކަން ޖެހޭކަން ހާމަވެއްޖެއެވެ.
އެލޯނުތައް މައާފްކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވީ، ސުނާމީ ހާދިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިމަހުގެ 13 ވަނަ ދުވަހު އއ. މަތިވެރީގައި ވިދާޅުވުމާ ގުޅިގެން ރައްދު ދެއްވަމުންނެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެލޯނުތައް މައާފް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވުމާ ގުޅިގެން، ޕީޕީއެމުން ހަމަ އެ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވެފައި ވަނީ ސުނާމީއާ ގުޅިގެން 452 މީހަކަށް ސަރުކާރުން އޭރު ދޫކޮށްފައިވާ ލޯނުތައް މައާފު ކުރަން ކެބިނެޓްގައި މަޝްވަރާކުރުމަށް ފަހު އޭގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ ލޯނުތަކުން ދައުލަތަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން އޮތް ކަމަށާއި އެކަމަކު އެ ލޯނުތައް މައާފުކޮށްދޭން ސަރުކާރުން ނިންމީ ރައްޔިތުންގެ އެދުމަކަށް ކަމަށް ޝައިނީ ވިދާޅުވިއެވެ.
"މިހާ ދުވަހު އެއްވެސް ސަރުކާރަކުން ނަގަން މަސައްކަތް ކޮށްފައި ނެތީމަ މީތި މައާފުކޮށް ދެއްވަނީ. ހަމަގައިމު ވެސް ސުނާމީއާ ގުޅިގެން ދެން ދޫކުރި ލޯނެއް ނޯންނާނެ މައާފު ކުރާކަށް. އެކަން ރައީސް ޔާމީން އެ އޮތީ ކޮށްދެއްވާފައި،" ޝައިނީ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝައިނީ ވަނީ އިބޫއަށް މަލާމާތް ކުރައްވާ މޭރުމަކުން ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި ޝައިނީ ވަނީ ސުނާމީ ކާރިސާގައި ދޫކުރި 452 ލޯން ރައީސް ޔާމީން މައާފް ކޮށްދެއްވާފައި އޮއްވައި އިބޫ ފަހުން އަނެއްކާ މައާފް ކުރައްވަނީ ކޮން ލޯނެއްތޯ ސުވާލުކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުގައި ނުކުރެވުނު ކަމެއް ރައީސް ޔާމީން ކުރެއްވީމާ އޭގެ ކްރެޑިޓް ވެސް ނަގަން އުޅެނީތޯ ޝައިނީ ވަނީ ސުވާލު ކުރައްވާފައެވެ.
ޝައިނީ އެހެން ވިދާޅުވި ނަމަވެސް އެލޯނުތައް މައާފްކުރި ކަމެއް އެލޯނުތައް ނަގާފައިވާ ފަރާތްތަކަށް ވެސް އަދި ލޯނު ނެގި މީހުން ލޯނު ދައްކަން ޖެހޭ އެރަށްރަށުގެ ކައުންސިލަކަށް ވެސް އެއްވެސް ސިފައެއްގައި އަދި އަންގާފައެއް ނުވެއެވެ.
އެލޯނު ނަގާފައިވާ ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވި މ. ކޮޅުފުށީ މީހަކު ބުނީ މީޑިޔާ އިން އެވާހަކަ އެނގިގެން، ހައުސިން މިނިސްޓްރީން ކުރިން ނަގާފައިވާ ގޭގެ ރަޖިސްޓްރީ ހޯދަން ހައުސިންގ މިނިސްޓްރީއަށް ދިޔަ ކަމަށެވެ. ނަމަވެސް އެލޯނު މައާފް ކޮށްދީފައިވާކަން އެމިނިސްޓްރީއަށް އަނގިފައި ނުވާތީ ރަޖިސްޓްރީ އަދި ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އެ މީހާ ބުންޏެވެ.
ކޮޅުފުށީ ކައުންސިލްގެ ނާއިބު ރައީސް ޖައުފަރު މޫސާ ރާއްޖެ އެމްވީއަށް ވިދާޅުވީ ލޯނު ދައްކަން ނުޖެހޭ ކަމަށް ބުނެ ކައުންސިލަށް ރައްޔިތުން އަންނަމުންދާ ކަމަށެވެ. އެކަމަކު އެލޯނު މައާފް ކޮށްދެއްވިކަމެއް މިހާތަނަށް އައިރު އެކައުންސިލަށް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެލޯނު ދައްކަން ޖެހޭނެ ކަމަށް ރައްޔިތުންނަށް އަންގަމުންދާ ކަމަށް ޖައުފަރު ވިދާޅުވިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯނު މައާފް ކުރިކަން ބޭންކް އޮފް މޯލްޑިވްސް އަކަށް ވެސް އަންގާފައެއް ނުވެއެވެ. އެހެންކަމުން އެލޯނު ދައްކަން ނުޖެހޭނެކަން ބޭންކުން ވެސް ކަސްޓަމަރުންނަކަށް އަންގަމުންނެއް ނުދެއެވެ.