ކ. މާލެ
|
17 ސެޕްޓެންބަރ 2018 | ހޯމަ 00:39
ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޢަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ
ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޢަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޔާމިން ދެކެނީ ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަސް އައިނެއްގެ ގޮތުގައި: ޝާހިދު
ކާޑާއި ކަރަންޓްގެ ސަބްސިޑީ މިސަރުކާރުން ވަނީ ކަނޑާލާފައި
ވައުދުތައް ނުފުއްދައި 5 އަހަރުފަހުން ވޯޓު ދެއްވާށޭ ބުނަން ލަދުގަންނަން ޖެހޭނެ
މިހާރު ދަނީ ފިލި ޖަހަމުން

ރައީސް ޢަބްދުﷲ ޔާމީން ދެކެވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަސްތަކެއްހެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ދ ކުޑަހުވަދޫގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މިއަދުގެ ޙާލަތަށް އިޝާރާތް ކުރައްވާ ވިދާޅުވީ ސާދާގޮތުގައި ދަންނަވާނަމަ އުނުއޮތް ފޮށާވެސް ދަމައިގެންފައިވާ ކަމަށެވެ. ކަދުރު އޮށެއް ލިބުނަސް އެ ގެންދަނީ ކަމަށާއި މުޅި އުމުރުގައި ހައްޖަށްދާން އެއްކުރާ ފައިސާއިން ހައްޖަށްދާން ބަލާއިރު ހައްޖު ކޯޓާކޮޅުވެސް އެ ގެންދަނީ ކަމަށެވެ.

ރައީސް ޔާމީން ކޮށްދެއްވަން ވިދާޅުވި ކަންކަން ކުރައްވާފައި ނުވާކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ ފަރިއްކުޅުވަން ގެންގުޅުއްވާ ބަތްތަށި ފަހަތުންވެސް ރައީސް ޔާމީންގެ ސަރުކާރުން ދުއްވައިގެންފައިވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައީސުންވެސް ރައްޔިތުންނަށްޓަކައި ސަބްސިޑައިޒް ކުރައްވަމުން ގެންދަވާ ކާޑުކޮޅުގެ ސަބްސިޑީއާއި ޒަރޫރީ ކަރަންޓްގެ ސަބްސިޑީވެސް މިސަރުކާރުން ވަނީ ކަނޑާލާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެކަންކަން އެހެން ކުރެއްވުމަށްފަހު 5 އަހަރު ވަންދެން ރަށްރަށަށް ވަޑައިނުގަންނަވާ ހުންނެވުމަށްފަހު ރަށްރަށަށް ވަޑައިގަންނަވާ ވޯޓު ދެއްވާށޭ ވިދާޅުވާން ރައީސް ޔާމީން ލަދު ގަންނަވަން ޖެހޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީނަށް ޤަބޫލް ކުރެއްވެނީ ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަހެއްގެ ގޮތުގައި ކަމަށާއި އެހާވެސް ނިކަމެތި ބައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެލޮޓިއެއް މިފަހަރަކު ރައްޔިތުންނަށް ނުދެއްވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޢަބްދުﷲ ޔާމީން ދެކެވަޑައިގަންނަވަނީ ރައްޔިތުންނަކީ ހުސްބުޅީގައި ގަންނަ މުށިމަސް އައިނެކޭ. ޢާއިލީ ޑޮކްޓަރެއް ނެތް. މަސްވެރިންނަށް ދޭން ބުނި ދިހަހާސް ރުފިޔާ ވީތަނެއް ނޭނގޭ. ދަނޑުވެރިންނަށް ދޭންބުނި 8000 ރުފިޔާ ވީތަނެއް ނޭނގޭ. އަލަތު ކައިވެނީގެ ފްލެޓް ވީތަނެއް ނޭނގޭ. ތެޔޮ ރާއްޖެއިން ހޯއްދަވާނެކަމަށް ވިދާޅުވީ. އެހެން ވައްތަރެއްގެ ތެލެއް ކަންނޭނގެ ފެނިގެން އުޅެނީ. މިހާހިސާބަށް ކަންތައްތައް ގޮއްސައި އޮއްވައި ހަމަ ހުސްބުޅީގައި ހުސްފެން އުކައިގެން ގަންނަ ގޮތަށް މުށިމަސްކޮޅެއް ބާނަން އުޅޭހެން މިއުޅެނީ ރާއްޖޭގެ ރައްޔިތުން ބާނަން. ރާއްޖޭގެ ރައްޔިތުންނަކަށް މިފަހަރަކު އެލޮޓިއެއް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކަށް ނުދެއްވޭނެ. އެއަށްވުރެ މާބޮޑަށް ރައްޔިތުން ތިބީ ހޭލާ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ހޭލައިފިކަން ރައީސް ޔާމީނަށް މިހާރު އެނގިވަޑައިގަންނަވާކަމަށާއި އެހެންކަމުން ފިލިޖަހާލުމުގެ ކުޑަކުޑަ މަސައްކަތެއް މިހާރު އެބަ ހިނގާ ކަމަށެވެ. އަދި ފިލިޖަހާ ނިސްބަތަށް ބަލާއިރު ޖެހެނީ ދުވާލަކަށް ދެރުފިޔާ ހަތްދިހަ ހަތް ލާރި ކަމަށާއި ރާއްޖޭގެ ރައްޔިތުން ވޯޓުލާންދާއިރު މުސްތަޤްބަލާއި މިއަދުގެ ހާލަތާމެދު ވިސްނަވާލައްވަން އިލްތިމާސް ކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް މިކުރަނީ ވޯޓް ކަރުދާސްކޮޅު އަތަށް އެރީމާ ހިތްޕުޅަށް ގެންނަވާށޭ ދެރުފިޔާ ހަތްދިހަ ހަތްލާރިތޯ މިކަރުދާސްކޮޅުގެ އަގަކީ ނުވަތަ ތިމަންނަގެ ބެލުމުގެ ދަށުގައިވާ ތުއްތު ދަރިފުޅުތޯ. އޭނާގެ މުސްތަޤްބަލްތޯ. އެއީ ވިސްނަން ޖެހޭ އެއްޗަކީ." ޝާހިދު ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް