މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމްކޮށްގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރިޔާސީ ބަހުސްގައި، ރާއްޖޭގައި ހިންގާ ގޭންގުތަކާބެހޭ ދިރާސާއެއް ހެދިފައި ނެތްކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވިއިރު، ގޭންގު ވައިލެންސްއާއި ބެހޭ ވަރަށް ފުރިހަމަ ދިރާސާއެއް 2012 ވަނަ އަހަރު މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވަނީ ހައްދަވާފައެވެ.
އޭޝިޔާ ފައުންޑޭޝަނާއި ގުޅިގެން ޑރ. ނާޒް ހައްދަވާފައިވާ މި ރިސާޗް އޭޝިޔާ ފައުންޑޭޝަންގެ ވެބްސައިޓްގައިވެސް ވަނީ ޝާއިއުކޮށްފައެވެ. އަދި އެ ދިރާސާ ދައުލަތުގެ އެކި މުއައްސަސާތަކާ ވެސް ވަނީ ހިއްސާ ކުރައްވައިފަ އެވެ.
ގޭންގްތައް ބާރުވެރިކުރުވާ އެމީހުން ލައްވާ ކުށް ކުރުވަނީ ސިޔާސީ މީހުންކަމަށް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ދެންވެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ގޭންގްތަކުގެ ހަގީގީ "ޑެފިނިޝަން" އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކުން ތިކަން ކުރާއިރު އަޅުގަނޑަކަށް ހިޔެއް ނުވޭ ތީ އެއްވެސް ކަހަލަ ރިސާޗް ބޭސްޑް ސައިންޓިފިކް މަސައްކަތެއް ހެނެއް. ގޭންގްތަކުގެ ޑެފިނިޝަންއެއް ނޭނގެ. އެހެނެއް ނޫން. ނޭބަރހޫޑް ގްރޫޕްތައް އެބައުޅޭ. ކްލަބްތައް އެބައުޅޭ. އަދި އެކިއެކި އިޖުތިމާއީ މަސައްކަތްތަކުގައި އުޅޭ ގުރޫޕްތައް އެބައުޅޭ" ރައީސް ވިދާޅުވިއެވެ.
އަދި އެގޮތަށް އުޅޭ ގްރޫޕްތަކަށް ގޭންގްތަކޭ ބުނުމަށް އުދަނގޫވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީން ދުވަހަކު އެފަދަ ރިސާޗެއް ދެކިވަޑައިނުގަންނަވާކަމަށާއި، އެފަދަ ރިސާޗެއް ހެދިފައި ނެތްއިރު، ގޭންގްތަކަކީ އުޅޭ ބައެއްކަން ގަބޫލުކުރައްވަން ދަތިފުޅު ކަމަށެވެ.
ރައީސް އެހެން ވިދާޅުވިނަަމަވެސް އޭޝިއާ ފައުންޑޭޝަނާއި، ޑރ. ނާޒް ގުޅިވަޑައިގެން ހައްދަވާފައިވާ ގޭންގް ވައިލެންސް ރިސާޗްގައި މާލޭގައި 20-30 ދެމެދުގެ އަދަދަކަށް ގޭންގްތައް އޮޕަރޭޓްކުރާކަމަށް ބުނެފައިވެއެވެ. އަދި އޭގެން ކޮންމެ ގޭންގެއްގައި 50 އިން ފެށިގެން ގޮސް 400 ހާ މެންބަރުން ހަރަކާތްތެރިވާކަމަށް ބުނެފައިވެއެވެ. އަދި މެންބަރުންގެ ގޮތުގައި ތިބެނީ 25 އަހަރަށްވުރެ ދަށުގެ ޒުވާނުންކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މައިގަނޑުގޮތެއްގައި އެމީހުންނަކީ ޑްރަގަށް އެޑިކްޓް ވެފައިތިބޭ ވަޒީފާނެތް ޒުވާނުންކަމަށާއި މައިގަނޑުގޮތެއްގައި އެއިން ކޮންމެ މެންބަރަކީވެސް ކޮންމެވެސް ކަހަލަ ކުށުގެ ރެކޯޑެއް އޮތް މީހެއްކަމަށް ބުނެފައިވެއެވެ.
ގޭންގްތައް އޮޕަރޭޓް ކުރުމަށާއި، އެކި އެކި ކުށްތައް އެމީހުންލައްވާ ކުރުވުމުގައި ސީޔާސީ މީހުންގެ ބައިވެރިވުން އޮތްކަން ރިސާޗްގައި ބުނެފައިވެއެވެ.
މިފަދަ ރިސާޗެއް ހެދިފައި އޮތްކަން އެނގިވަައިނުގަންނަވާކަމަށް ރައީސް އަބުދުﷲ ޔަމީން ވިދާޅުވިއިރު، ޑރ. ނާޒްގެ މި ރިސާޗްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހަދިޔާކުރިކަންވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.
މި ރިސާޗްގެ ލިންކް ތިރީގައި: