ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 13:54
މާރިޔާ އަހުމަދު ދީދީ: އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މިއަދުވެސް މީޑިއާއަށް ހިއްސާ ކުރެއްވި
މާރިޔާ އަހުމަދު ދީދީ: އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މިއަދުވެސް މީޑިއާއަށް ހިއްސާ ކުރެއްވި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާ ވާހަކައިގެ ހަގީގަތް ސާފުކޮށްދިނުމަށް ޕާޓީތަކުން އަނެއްކާވެސް އެދިއްޖެ
170،000 ވޯޓު ޕާޓީތަކުން ކަށަވަރުކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވި
އިބޫ ކާމިޔާބު ހޯދާނެކަން އެންމެން ވެސް ގަބޫލު ކުރާ ކަމަށް ވިދާޅުވި
ވޯޓުލުމަށްފަހު ގެއަށް ވަންނާނީ އުފާފާޅުކޮށްފައި ކަމަށް ވެސް ވިދާޅުވި

ވޯޓުލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ފުރަތަމަ ޓެބްލެޓަށް ނަތީޖާ އެއްޓާ ކުރުމަށް ރާވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގުޅިފައިވާ ޕާޓީތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުން ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރުނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އެ ވާހަކަ ފެންމަތިވެފައި ވަނީ ވޯޓު ގުނުމަށް ފަހު، ނަތީޖާ ފުރަތަމަ ޓެބްލެޓަށް އެންޓާ ކުރަންޖެހޭ ގޮތަށް ވޯޓު ފޮށީގެ އޮފިޝަލުން ތަމްރީނު ކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޓެބްލެޓުގައި ނަތީޖާ އެންޓާ ކުރުމާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެތުރެމުންދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ނުބުނާތީ ކަންބޮޑުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ނުކުމެވަޑައިގެން ވިދާޅުވެ ދެއްވަން އެބަ ޖެހޭ. ކިހިނެއްތޯ މިކަން މި ހިނގަނީ. މިހެން ނުހިނގާނެ ކަމުގެ ޔަގީންކަން ވޯޓުލާ މީހުންނަށް ދެއްވަން ޖެހޭ. މިހާ ހިސާބަށް އައިއިރު ކިހިނެއްކަން މިކަންދާނީ، އެއްވެސް ކަހަލަ އެއްޗެއްގެ ސާފު މައުލުމާތު ހަގީގަތުގައި ރައްޔިތުންނަށް އެނގޭ ގޮތް ނުވާތީ، ކަންބޮޑުވަނީ،" މާރިޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓު ލާ މަރުކަޒުގައި ވޯޓު ގުނާ ނިންމުމަށްފަހު، އެތަނުގައި ނަތީޖާ ތަތްކުރުމަށްފަހު ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާނެ ކަމަށާއި ވޯޓު ލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާން ނުކުރަނީސް، އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނޭނގޭނެ ކަމަށެވެ.

ވޯޓުގެ ނަތީޖާ އޮޅުވާލައިގެން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވާނެ ކަމަށް ބުނެ، އަޑުތައް ފަތުރަމުންދާތީ، މާރިޔާ ވިދާޅުވީ ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ހޯދާނެކަން، އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ 170،000 ވޯޓު ގުޅިފައިވާ ޕާޓީތަކަށް ކަށަވަރުވެފައިވާ ކަމަށެވެ.

"ގަބޫލެއް ނުކުރަން މިއިން އެއްވެސް ކަމެއް ހިނގާފާނެ ކަމަކަށް. މީގެ އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް. އެއީ އެންމެންނަށް ވެސް އިނގޭ، ގުޅިފައިވާ ޕާޓީތައް އެއްވެގެން، ނުކުމެގެން މި ކޯލިޝަން، މި އިއްތިހާދު މިދަނީ ވަރަށް ބޮޑުތަނުން މޮޅުވާންކަން. ކުރިން ވެސް ދެންނެވި ގޮތަށް 170،000 ވޯޓު އަޅުގަނޑުމެންނަށް ކަށަވަރު،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ހެނދުނު ހެނދުނާ ރައްޔިތުން ނުކުމެ ވޯޓުލުމަށްފަހު، "އެކި ގޮތްގޮތުން" މަގުމަތީގައި މަޑުކުރުމަށް އެދޭ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ގެއަށް ވަންނާނީ ކާމިޔާބީގެ އުފާފާޅު ކުރުމަށްފަހުގައި ކަމަށެވެ.

"ވޯޓު ލެއްވުމަށްފަހު އެކި ގޮތްގޮތުން އެ ތާނގައި މަގުމަތީގައި މަޑުކޮށްލައިގެން ތިއްބަވާ. އަޅުގަނޑުމެން އެންމެން އެ ދުވަހު ގެއަށް ވަންނާނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް، ކާމިޔާބު ހާސިލު ކުރެއްވީމަ ސެލެބްރޭޓް ކުރުމުގެ ގޮތުން އެންމެން އެކީގައި ޖަގަހަތަކުގައި ބޮނޑިބަތް ކައި ނިންމައިގެން،" މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް