ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 10:17
އިބޫއަށް ތާއީދުކުރަން ނިންމި ދުވާފަރުގެ ސިވިލް ސަރވިސް މުވައްޒަފުން
އިބޫއަށް ތާއީދުކުރަން ނިންމި ދުވާފަރުގެ ސިވިލް ސަރވިސް މުވައްޒަފުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ދުވާފަރުގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ 37 މީހަކު އިބޫއަށް ތާއީދު ކުރަން ނިންމައިފި
އެމީހުން ވަނީ އިބޫގެ ކެމްޕެއިންގައި ނިކުތުމަށްވެސް ނިންމާފައި
އެމީހުންނަކީ ޓީޗަރުންނާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން

ރ ދުވާފަރުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން 37 މީހަކު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.

އެމީހުން އިބޫއަށް ތާއީދު ކުރަން ނިންމީ އެކަމަށްޓަކައި ދުވާފަރު ބަނދަރު ސަރަހައްދުގެ އެފަރާތްތަކުން އިންތިޒާމްކުރި ޚާއްޞަ ބާބަކިއުއެއްގައެވެ. އަދި އިބޫއަށް ތާއީދު ކުރުމުގެ އިތުރުން އިބޫގެ ކެމްޕެއިންގައި ވެސް ހަރަކާތްތެރިވުމަށް އެ މުއައްޒިފުން ވަނީ ނިންމާފައެވެ.

އިބޫއަށް ތާއީދުކޮށް ކެމްޕެއިން ހަރަކާތްތަކުގައި މަސައްކަތް ކުރުމަށް ނިންމި މީހުންގެ ތެރޭގައި ދުވާފަރު ސްކޫލުގެ ޓީޗަރުންނާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

މި ސިވިލް ސަރވަންޓުން އިބޫއަށް ތާއީދުކުރަން ނިންމިއިރު، ދުވާފަރު ކައުންސިލްގެ ރައީސަކަށް ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް ނަސީރު ވަނީ އެޕާޓީން ވަކިވެ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ނަސީރު އެމްޑީޕީއަށް ސޮއި ކުރެއްވީ ދުވާފަރުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައެވެ. އޭނާއާއެކު، އޭނާގެ އަނބިކަނބަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. ނަސީރަކީ ކުރިން ޑީއާރުފީގައި އަދި ފަހުން ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ފަހަކަށް އައިސް ރަށްރަށުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުން ގެންދަނީ ފާޅުގައި ނިކުމެ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް