ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 22:26
ރިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ކޯޓަށް ވަޑައިގަންނަވަނީ
ރިޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ކޯޓަށް ވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
އަބްދުﷲ ރިޔާޒު
ރިޔާޒު ބަންދުގައި ބަހައްޓަމުން ދަނީ ގާނޫނީ އަސާސެއް ނެތި އާރބިޓްރަރީކޮށް: ވަކީލުން
ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުނީ މިއަދު
ގާނޫނީ އެއްވެސް އަސާސެއް ނެތި ބަންދުގައި
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އިއްވީ ހައިކޯޓުން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ބަންދުގައި ބަހައްޓަމުން ގެންދަނީ އެއްވެސް ގާނޫނީ އަސާސެއް ނެތި އާރބިޓްރަރީ ކޮށް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކުރިން ފުލުހުންގެ ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރެއްވި ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، އޭނާގެ ފޯނު ހުޅުވައިނުދިން ކަމަށް ބުނެ ދައުލަތުން އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާގައެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް، ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހަތަރު މަހާއި ދުވަހަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކުރީ އޭޕްރީލް 24 ވަނަ ދުވަހު އެވެ. 

ރިޔާޒުގެ ވަކީލުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސް އިން ދޫކޮށްފައިވާ ޗިޓުގައި ރިޔާޒުގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީޚު ކަމުގައި ބަޔާންކޮށްފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ.

ބަޔާނުގައިވާ ގޮތުގައި، ރިޔާޒު މިވަގުތު ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ ހައިކޯޓުން ހުކުމް ކުރުމުގެ ކުރިން ކޯޓުން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުތަކަށް ރިއާޔަތްކޮށް ކަމަށް ހޮނިހިރު ދުވަހު ކަރެކްޝަނުން ވަނީ އަންގާފައެވެ. 

ވަކީލުން ވިދާޅުވާ ގޮތުގައި، އެހެން ނަމަވެސް ޝަރީއަތުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެ މީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާތިލުވެގެންދާކަމީ އެޔާމެދު ދެބަސްނުވެވޭނެ، ކަނޑައެޅިގެން އެނގެން އޮތް ސާފު އަމަލީ އުސޫލެކެވެ.

"އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަމަލުކުރަމުން ގޮސްފައިވާ ގާނޫނީ އުރުފެކެވެ." ބަޔާނުގައިވެއެވެ.

ވަކީލުންގެ ބަޔާނުގައިވާ ގޮތުގައި، މިވަގުތު ރިޔާޒު ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނާ މައްސަލަތަކަކީ، އެ މައްސަލަތަކުގެ ޝަރީއަތް މިއަދާ ހަމައަށް ވެސް ފެށިފައިނުވާ މައްސަލަތަކެކެވެ. 

"ޝަރީއަތް ފެށުމުގެ ލިމިޓޭޝަން ޕީރިއަޑް ހަމަވެފައިވާ ބާތިލު މައްސަލަތަކެކެވެ. އެހެނީ އަބްދުﷲ ރިޔާޒު ހައްޔަރުކުރެވުނީ 2 މާޗް 2018 ވަނަ ދުވަހު ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، އެ ހައްޔަރު ނިސްބަތްކުރެވިފައިވާ މައްސަލައެއްވާނަމަ އެ މައްސަލައެއްގެ ޝަރީއަތް ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަންޖެހޭތީއެވެ." ބަޔާނުގައިވެއެވެ.

މިކަންކަން ފާހަގަކުރައްވައި، ރިޔާޒުގެ ވަކީލުން ވަނީ ޝަރީއަތް ކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ އެންމެހާ މައްސަލަތައް، އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނަރަލަށް ގޮވާލައްވާފައެވެ.

ރިޔާޒުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، އެ ކޯޓުން ވަނީ ހުކުމް ތަންފީޒުކޮށް ނިމެން 72 ގަޑިއިރަށް ވެފައިވަނިކޮށް މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. 

"ޝަރީއަތް ކުރުމުގައި ރިއާޔަތްކުރެއްވުމަށް މާތްﷲ ބާވާލެއްވި ގޮތަކީ މިއީ ކަމުގައިވާނަމަ، އަބްދުﷲ ރިޔާޒުގެ ފަރާތުން ކުރާނެ ހަމަ އެއްވެސް ޝަކުވާއެއް ނެތެވެ." ރިޔާޒުގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް