ބްލޭޒަން އިންކްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ)ގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް ވޯޓުލުމުގެ މުއްދަތު ސެޕްޓެމްބަރު 14 ވަނަ ދުވަހު ހަމަވެފައިވާއިރު ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބްލޭޒަން އިންކް އިން ބުނީ ވޯޓުލުމަށް ހުޅުވާލާފައިވާ ކެޓަގަރީތަކަކީ އަހަރުގެ ޒުވާން ވިޔަފާރިވެރިޔާ އާއި އަހަރުގެ އަންހެން ވިޔަފާރިވެރިޔާ އާއި އިންސްޕިރޭޝަނަލް ލީޑަރުގެ އިތުރުން އަހަރުގެ ވިޔަފާރިވެރިޔާ ހިމެނޭ ކަމަށެވެ. އަދި އެ ކެޓަގަރީތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
އަހަރުގެ ޒުވާން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ އަލީ ހާރިސްއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ. އަހަރުގެ އަންހެން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަކުރަނީ ފާތުމަތު ނަހުލާއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ. އަދި އިންސްޕިރޭޝަނަލް ލީޑަރުގެ އެވޯޑަށް ވާދަކުރަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ ޗެއަރމަން އަބްދުލް މަޖީދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި އެމްޕީއެލްގެ ސީއީއޯ އަބްދުލްރައްޒާގު ހަލީމެވެ. އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ ޖާދުﷲ އިސްމާއިލްއާއި ސައުދުﷲ އަހުމަދުގެ އިތުރުން ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހުއެވެ.
ވޯޓް ލެވޭނީ MBA ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށް، އެ މީހެއްގެ ޝޯޓް ކޯޑް ޖެހުމަށް ފަހު 266 އަކަށް މެސެޖު ކުރުމުންނެވެ. އަދި ކޮންމެ ނެޓްވޯކެއްގެ ނަންބަރަކުން ވެސް ގިނަވެގެން ކުރެވޭނީ 50 އެސްއެމްއެސްއެވެ.
އިންޑިވިޖުއަލް ކެޓަގަރީތައް ފިޔަވާ ދެން ހުރި ކެޓަގަރީތަކުގެ ފައިނަލިސްޓުންގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ހޮވާނީ ޖަޖުންގެ ޕެނަލަށް އެ ފަރާތްތަކުން ހުށަހަޅައިދޭ ޕްރެޒެންޓޭޝަންތަކާއި އިންޓަވިއުތަކުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް އާންމުން ދޭ ވޯޓުންނެވެ. ޖުމްލަ މާކްސްގެ 50 ޕަސެންޓް ލިބޭނީ އާންމުންގެ ވޯޓުން ކަމަށް އެވޯޑް އިންތިޒާމް ކުރާ ބްލޭޒަން އިން ބުނެއެވެ.
ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައި ވަނީ 2016 ވަނަ އަހަރުގައެވެ.
ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.
ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގު ހަމަޖައްސާފައިވާ އިރު ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލީޓް އެވޯޑްސްއެވެ.