ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 19:40
ހުކުރު ދުވަހުގެ ރޭ ޓޯ ޔާޑް ކައިރީ ހިނގި އަލިފާނުގެ ހާދިސާ
ހުކުރު ދުވަހުގެ ރޭ ޓޯ ޔާޑް ކައިރީ ހިނގި އަލިފާނުގެ ހާދިސާ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ރެޑް ކްރެސެންޓުން ހުޅުވާލައިފި
55 މީހެއްގެ ހުރިހާ އެއްޗެއްހެން ވަނީ އަނދާފައި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯޔާޑާއި އިންވެގެން ހުރި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިއެކި ގެއްލުނު ލިބުނު ފަރާތްތަކަށް އެހީވުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ފުރުސަތު ހުޅުވާލައިފިއެވެ. 

ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާގައި އެ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ 55 މީހެއްގެ ހުރިހާ އެއްޗެއްހެން ވަނީ އަނދާފައެވެ. ރެޑް ކްރެސެންޓުން ވަނީ އަލިފާނުގެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދަށް ގޮސް އަނިޔާވި ފަރާތްތަކަށް އެހީތެރިވެދީފައެވެ. 

ހަމައެހެންމެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރެޑް ކްރެސެންޓުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެޖަމިއްޔާއިން ބުނީ މިވަގުތަށް އެންމެ ބޭނުންވަނީ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ސާމާނު ކަމަށާއި އަންނައުނު ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮތް ކަމަށެވެ. އިސްލާމިކް ބޭންކާއި ބީއެމްއެލްގައި ގާއިމުކޮށްފައިވާ އެ ޖަމިއްޔާގެ އެކައުންޓްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. 

މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، ލޭބަރ ކުއާޓަރުގައި ނިދާފައި ތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑް ކްރެސެންޓުގެ އެހީގައި އެމްއެންޑީއެފްއިން އެމީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވެސް ގެންދިޔައެވެ. 

މިހާދިސާގެ މަޢުލޫމާތު މެންދަމުން އަލިވެ 03:06 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބުމާއެކު ވަގުތުން ހަރަކާތްތެރިވާން ފެށިއިރު އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ 03:38 ހާއިރުއެވެ.

މިހާދިސާގައި އަލިފާން ރޯވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރގައެވެ. މި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް