ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 21:54
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގައި އަނިޔާޥެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދު
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގައި އަނިޔާޥެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދު
ފޭސްބުކް
ރިޔާސީ އިންތިހާބު 2018
އަބުރުގެ ގާނޫނު އުވާލައި ރިލްވާން އަދި ޔާމީންގެ މައްސަލަ އަލުން ބަލާނަން: އިބޫ
ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައި
ރިލްވާން އަދި ޔާމީންގެ މަރުގެ މައްސަލައިގައި ހަގީގަތް ހޯދިފައެއް ނުވޭ
ރާއްޖެ ރޭންކް ކުރެވިފައިވަނީ ނޫސްވެރިކަމުގެ ހާލަތު ގޯސް ގައުމެއްގެ ގޮތުގައި

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރަމުންދާ އަބުރުގެ ގާނޫނު އުވާލައި ގެއްލުވާލާފައި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި އަނިޔާވެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އަލުން ތަހުގީގު ކުރައްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފައެވެ. 

އިބޫ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ރިލްވާން ގެއްލުވާލުމުގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ހަމައެހެންމެ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ނޫސްވެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްކުރަމުންދާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ގޮވާލެއްވި ގޮވާލެއްވުމަކަށް އިޖާބަ ދެއްވުމުގެ ގޮތުންނެއެވެ. 

ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް އަހަންމިއްޔަތުކަން ދެއްވައި ސިޔާސަތުތަކެއް ކަނޑައެޅުއްވުމަށް އެދިވަޑައިގެންފައެވެ. އެ ބަޔާނުގައި ވަނީ އަބުރުގެ ގާނޫނު އުވާލުމަށާއި ނޫސްވެރިންނަށް ދީފައިވާ ހަމަލާތައް ތަހުގީގުކޮށް ހަމަލާ ދިން ފަރާތްތަކާއި ދެކޮޅަށް ދައުވާ އުފުލުމަށް ދެ ކެންޑިޑޭޓުންނަށް ވެސް ގޮވާލައްވާފައެވެ. ހަމައެހެންމެ ރިލްވާން ގެއްލުވާލި މައްސަލައާއި ޔާމީންގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލާފައެވެ. 

ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ މި ގޮވާލުމަށް ކޯލިޝަންގެ ކެންޑިޑޭޓް އިޖާބަ ދެއްވާފައިވާއިރު އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިހާތަނަށް އައިއިރު ވެސް ދެން ވާދަކުރައްވާ ކެންޑިޑޭޓް ކަމަށްވާ ރައީސް އަބްދުﷲ ޔާމީން މިފަދަ ވައުދެއް ވެވަޑައިގެންފައެއް ނުވެއެވެ. 

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރައީސް ޔާމީން ތަސްދީގު ކުރެއްވި "އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ޓާގެޓްކޮށް ވަނީ ބޮޑު އަދަދުތަކުން ޖޫރިމަނާ ކޮށްފައެވެ. ރިލްވާން ގެއްލުވާލެވުނުތާ 1499 ދުވަސް ވެގެންދާއިރު މިހާތަނަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި  ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. ހަމައެހެންމެ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލެވުނުތާ 510 ދުވަސް ވެގެންދާއިރު އަދިވެސް އޭނާގެ ގާތިލުން ހޯދިފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް