ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 20:17
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވެއްޖެ
ވޯޓާސްލިސްޓް މީގެކުރީގެ އިންތިހާބުތަކުގައި ފޯރުކޮށްދީފައިވޭ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް މިނިވަން މުއައްސަސާއެއް ހިންގާގޮތަށް އިލެކްޝަންސް ކޮމިޝަން ހިންގުމަށް މާރިއާ ވަނީ ގޮވާލައްވާފައި
ވޯޓު ގުނުމުގެ މަރުހަލާގައި ޓެބްލެޓް ބޭނުމެއް ނުކުރެވޭނެ

މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ސޮއި ކުރައްވާފައިވާ ވޯޓާސްލިސްޓް ނުދީ ހިފަހައްޓަމުންދަތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ލިސްޓް އަވަހަށް ހިއްސާކޮށްދިނުމަށް ގުޅިފައިވާ ޕާޓީ ތަކުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިއާ އަހުމަދުދީދީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ވޯޓާސްލިސްޓްގައި ސޮއި ކުރައްވަން ވަޑައިގެންނެވި އިރު މޯބައިލް ފޯނެއް ވެސް ސޮއިކުރާ މާލަމަށް ވައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ކުރީގެ އަހަރުތަކުގައި އެލިސްޓަކީ ސޮއި ކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ފޮޓޯ ނެގޭ ލިސްޓެއް ކަމަށާއި އަދި އެ ލިސްޓް ކެންޑިޑޭޓުންނަށް ފޯރުކޮށްދެމުން ވެސް ދިޔަ ލިސްޓެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. 

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މަންދޫބުން ވަނީ މިދިޔަ ބުދަ ދުވަހު ވޯޓާސް ލިސްޓްގައި ސޮއި ކުރައްވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެލިސްޓްގެ ކޮޕީއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނުލިބުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެ ލިސްޓް ބޭނުންވާ ފަދައިން ޕީޕީއެމަށް ވެސް އެ ލިސްޓް ބޭނުންވާނެ ކަމަށެވެ. އަދި ކެންޑިޑޭޓުން ސޮއި ކުރައްވާފައިވާ ވޯޓާސް ލިސްޓް ހޯދުމަށް ގުޅިފައިވާ ޕާޓީ ތަކުން އެދުމުން އެކަން ކޮށްނުދޭންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަަމަށްވެސް މާރިޔާ ވިދާޅުވި އެވެ. 

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުގައި ޓެބްލެޓް ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތަމްރީން ކޮށްފައިވާ އިންތިހާބުގެ ނަތީޖާ ޓެބްލެޓް ބޭނުންކޮށްގެން އިއުލާންކުރާ ގޮތަށް ކަމަށްވާތީ އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ގާނޫނު އަސާސީއާ އިންތިހާބާ ބެހޭ ގާނޫނުތަކާ ހަވާލާދީ މާރިޔާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިއުލާންކުރަންވާނީ ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންގެ ކުރިމަތީގައި ކަމަށާއި އަދި އެގޮތަށް އިއުލާންކުރެވޭ ނަތީޖާ ޝީޓް އިންތިހާބު ބާއްވާ މަރުކަޒުތަކުގައި ތަތްކުރެވިފައި ހުންނަންވާނެ ކަމަށްވެސް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ކަމަށެެވެ. 

އިލެކްޝަންސް ކޮމިޝަނަށާއި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މާރިއާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ތުރުކުރައްވައިގެން ހުންނެވި "ފިޔާތޮށި ކުލައިގެ ރައީސް ޔާމީން 2018"ގެ ޓީޝާޓު ބާލުއްވައި، މިނިވަން މުއައްސަސާއެއްގެ ވެރިއެއް ގޮތަށް އެބޭފުޅާގެ އަމަލުތައް ބަހައްޓަވައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް