ޅ. އަތޮޅުގެ ރަށްތަކުން އެންމެ އަސާސީ ޚިދުމަތް ނުލިބޭއިރު އަތޮޅުގެ ވެރިރަށް ނައިފަރުން ވެސް އެންމެ އެކަށީގެންވާ ގޮތަށް އެ ޚިދުމަތްތައް ނުލިބެ އެވެ. ފާދިއްޕޮޅުގެ ރައްޔިތުންގެ ހިތްތައް ނުތަނަވަސްވެފައިވާ މިގަނޑިވަޅުގައި އެއަތޮޅުގެ ހިންނަވަރަށް އުފަން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިވަނީ އެއަތޮޅުގެ ރައްޔިތުންނަށް އުންމީދާއި އުފާވެރިންކަން ގެނެސްދީފައެވެ.
އޮޅުވެލިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި މުޅިރާއްޖެ އެކިކަންކޮޅުތައް ތަރައްގީ ކުރަމުންދާއިރު ފާދިއްޕޮޅާ ދޭތެރޭގައި ޚާއްސަ ތަސައްވުރެއް އެބައޮތް ކަމަށެވެ. ބާރަ ހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ މިއަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމަށް އިބޫ މިވަނީ ވައުދުވެވަޑައިގެންފައެވެ.
އިބޫ ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރެވި ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ރަށުން ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. ސިއްހީ ދާއިރާފުޅާ ކުރެވިގެންދާއިރު އަތޮޅު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރެވި ބޭނުންވާ ވާސީލަތްތައް ހޯދައިދޭނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ގާއިމްކޮށްފައި ހުރި ސިއްހީ މަރުކަޒުގައި ލެބޯޓަރީ ގާއިމް ކުރެވި ސިއްހީ ޚިދުމަތް ދެވޭ މަރުކަޒުތަކަށް ބަދަލުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ތައުލީމީ ނިޒާމަށް އަލިއަޅުއްވާ ލައްވާ އިބޫ ވިދާޅުވީ ސްކޫލުތަކުގެ ޖާގަ ބޮޑުކުރެވި އެއްދަންފަޅިއަކަށް ކިޔައިދިނުމުގެ އުސޫލު ތަންފީޒު ކުރާނެ ކަމަށެވެ. ދަރިވަރުންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގައި ރަށުގައި ތިބެގެން ކިޔެވޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ.
ޒުވާނުން މުނިފޫހިފިލުވުމަށް އެކަށޭނެ ފުޓްބޯޅަދަނޑުތަކާއި، ކޯޓުތައް ގާއިމްކޮށްދޭނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ރަށުގައި ވިޔަފާރިތައް ކުރުމުގެ މަގުތައް ވެސް ތަނަވަސްކޮށްދޭނެ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ލޯނުގެ އެހީދޫކުރުމާއި، މިވިޔަފާރި ޕްރޮމޯޓް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމާއި، ބިން މަދު ރަށްރަށުގެ ފަޅު ހިއްކައި ބިން ހޯދޭނެ ގޮތްތައް ވެސް ބަލަމުންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
24 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ޔަގީން ކަމަށް މިސަރުކާރުން ބުނި ނަމަވެސް އެކަން ވެސް ޔަގީން ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ. ޅ.އަތޮޅުގެ ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލު ލިބިފައި ނެތް ބޮޑު މައްސަލައެއް ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި ކަރަންޓުގެ ޚިދުމަތް ވެސް ރަނގަޅުކޮށް ޔަގީން ކޮށްދޭނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރު ތަރައްގީކުރުމަށް އެމްޑީޕީގެ ސަރުކާރުން ކުރިން ކުރަހާލާފައިވާ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ކޯލިޝަންގެ ވެރިކަމުގައި ފާދިއްޕޮޅަށް ގެންނަ ތަރައްގީން އެއަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރި ބަދަލުތައް އަންނާނެ ކަމުގެ ޔަގީކަން ކޯލިޝަނުން މިވަނީ ދީފައެވެ. އެއަތޮޅަށް އުފަން ދަރިއެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިއްޖެނަމަ އެއަތޮޅަށްށާއި، މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ހަގީގަތުގައި އެއަތޮޅުގެ ރައްޔިތުންނަށް ލިބޭ ފަހުރަކާއި ޝަރަފެކެވެ.