ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 06:22
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ޓްވިޓަރ
ިރިޔާސީ އިންތިޚާބު 2018
ހޯމަ ދުވަހުގެ ޖަލްސާގައި ޕީޕީއެމްގެ މެނިފެސްޓޯ އިއުލާން ކުރަނީ
ހިމަނާފައި ހުރި ވާހަކަތައް ހިމަނަން ގާތްގަނޑަކަށް 6 މަސް ދުވަސް ނެގި
އެ މެނިފެސްޓޯގައި ހުންނާނީ "މުހިއްމު ދާއިރާތައް" އެކަނި 
އެމްޑީޕީން ވަނީ އިންތިހާބުގެ 85 ދުވަސް ކުރިން މެނިފެސްޓޯ ތައާރަފްކޮށްފައި

ހޯމަ ދުވަހު "ސައިޒު ދައްކާލަން" ޕީޕީއެމުން ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ރައްޔިތުންނާއި ބައްދަލު ކުރައްވައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމަށް ގާތްގަނޑަކަށް ހަ މަސް ދުވަސް ނެގި ކަމަށެވެ. އެމެނިފެސްޓޯގައި ލިޔާނީ ކުރެވޭނެ ކަންކަން ކަމަށާއި އަދި ގަބޫލު ކުރެވޭނެ ކަންކަމާއި ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބިގެންދާނެ ވާހަކަތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން އެ މެނިފެސްޓޯގައި ހުންނާނީ "މުހިއްމު ދާއިރާތައް" އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ޔަގީނުންވެސް އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ހުރިހާ ވާހަކަތައް ނެރެން އަޅުގަނޑަށް ނެގި ހަމަސްދުވަހަށްވުރެ ގިނަ ވަގުތު. މިހާރު ސަރުކާރުގައި އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާ މެނިފެސްޓޯ ތަންފީޒު ކުރަމުންދާ މެނިފެންސްޓޯގައި ހިމަނާފައި ހުރި ވާހަކަތައް އަޅުގަނޑު ބެލީ ނުހިމަނާ ވޭތޯ. އަދި އަޅުގަނޑުގެ މެނިފެސްޓޯގައި އަޅުގަނޑަށް އެންމެ މުހިއްމު ދާއިރާތައް އެކަނި ކަވަރ ކުރީ. އަޅުގަނޑު ނުހުންނާނެ ހުރިހާ ދާއިރާއެއް ކަވަރ ކޮށްފައެއް," ރައީސް ޔާމީން ވިދާޅުވިއެވެ. 

ޕީޕީއެމް މެނިފެސްޓޯ ލަސްވަމުންދާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އަށް ފާޑުކިޔުން އަމާޒު ކުރަމުންދާއިރު މެނިފެސްޓޯ އާއި ބެހޭ ގޮތުން ރައީސް  ޔާމީން  މީގެ ކުރިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މެނިފެސްޓޯއަކީ "ސަޕްރައިޒެއް" ކަމަށެވެ. ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިދިޔަ މެއި މަހު ބޭއްވި ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ އާންމު ކުރައްވާނީ ފިތުރު އީދަށްފަހު ކަމަށެވެ. ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް "ބްރިޖު ސަޅި" ނަމުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެނިފެސްޓޯ އާންމު ކުރާނެކަމަށް ބުންޏެވެ. އެެހެން ނަމަވެސް އެ ޖަލްސާގައި ވެސް މެނިފެސްޓޯ އާންމުކޮށްފައެއް ނުވެއެވެ. 

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ އިންތިހާބުގެ 85 ދުވަސް ކުރިން މެނިފެސްޓޯ ތައާރަފްކޮށްފައެވެ.

ރައީސް ޔާމީން ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)ގެ މެނިފެސްޓޯއެއް ނޯންނާނެކަމަށެވެ. އަދި އެމްޑީޕީގައި "ފުރާ ފުރިހަމަވެފައިވާ މެނިފެސްޓޯއެއް" ވެސް ނޯންނާނެކަމަށެވެ. 

"އަޅުގަނޑު މިއަދު އެމްޑީޕީގެ ފިކުރުގަޔާއި އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް ހަނދާން ކޮށްލަ ދޭން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ އެބޭފުޅުންގެ އަތުގައި ފުރާ ފުރިހަމަ މެނިފެސްޓޯއެއް ނޯންނާނެކަމުގެ ދަލީލު ދައްކަން އަޅުގަނޑު ދަންނަވާ ވާހަކައެއް. އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއެއް ނޯންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ އަތުގައި "ވެލް ރިސާޗްޑް" މެނިފެސްޓޯއެއް ނެތެވެ. އެހެން ނޫންނަމަ އާ ކަންތައްތަކުގެ ވާހަކަތައް ދައްކާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް