ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 17:27
ހިންނަވަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ހިންނަވަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހިންނަވަރަށް ގިނަ ވައުދުތަކެއް އިބޫ ވެވަޑައިގެންފި
100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރާނަން
ހިންނަވަރަށް އެމްޑީޕީން ކުރިން ވި ވައުދުތައް ފުރިހަމަކޮށްދޭނެ
އިސްކަން ދޭނީ ގައުމީ މަސްލަހަތަށް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދިނުމުގެ ވައުދާއެކު މުހިންމު ގިނަ ވައުދުތަކެއް އެ މަނިކުފާނު އެ ރަށަށް ވެވަޑައިގެންފި އެވެ.  

ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވަނީ އެމްޑީޕީގެ ސަރުކާރުގައި ހިންނަވަރުގެ ތަރައްގީއަށްޓަކައި ގެންގުޅުނު ސިޔާސަތު އަލުން ތަންފީޒު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. 

ހިންނަވަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އެއީ 1932 ވަނަ އަހަރުން ފެށިފެށިގެން ވެސް އޮތް މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދަދިނުމަށް ކަމެއް ކޮށްދިނުމަށް ރަށުން ބިމެއް ހިއްކައި ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް އިބޫ ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ އޭރު އެ ބިން ތަރައްގީ ކުރުމަށް ޕްލޭނެއް އޮތް ކަމަށާއި އަދި އެމަނިކުފާނުގެ ވެރިކަމުގައި އަލުން އެކަންކަން ތަންފީޒު ވެގެންދާނެ ކަމަށެވެ.  

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް އެމްޑީޕީގެ ސަރުކާރުގައި ނިންމާފައިވާއިރު ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ކޮންމެ އަހަރެއްގެ ބަޖެޓްގައި އެ މަސައްކަތް ފެށުމަށް ހިމެނި ނަމަވެސް އެކަން ނުވި ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެކަން އަލުން ތަންފީޒު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.  

ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެމްޑީޕީން ނިންމާފައިވީ ނަމަވެސް އެކަން ވެސް ނުވެ އުޅެނިކޮށް ސަރުކާރު ބަދަލުވުމަށް ފަހު އެކަން މިހާތަނަށް ހަގީގަތަކަށް ވެފައިނުވާ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ މި ސަރުކާރުން ބޭނުންވާ ގޮތަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރަން ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތްގޮތަށް ސިއްހީ މަރުކަޒު ހޮސްޕިޓަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.  

ހިންނަވަރަކީ ހުނަރުވެރި ކުޅިވަރުކުޅުންތެރިން އުފެއްދުނު ރަށެއް ކަމަށާއި އިރާދަކުރެއްވިއްޔާ ފުޓްބޯޅަދަނޑު ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފައި އެވެ. ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވުމުގެ ޝަރަފު ދިނީ ހިންނަވަރުގެ ރައްޔިތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ މަސައްކަތް ކުރާނީ މުޅި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.  

"އެމްޑީޕީ އާއި އަދާލަތު ޕާޓީ މެމްބަރުން އެ ޕާޓީގެ ލީޑަރޝިޕަށް އަދި ޖުމްހޫރީ ޕާޓީ މެމްބަރުން އެ ޕާޓީގެ ލީޑަރޝިޕަށް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވެސް އެ ޕާޓީގެ މެމްބަރުން ގޮވާލަނީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަށްކޮށްދިނުމަށް. އަޅުގަނޑުމެންގެ ނިކުމެ މި ތިބީ އެއްވެސް ސިޔާސީ މަގުސަދެއް ހާސިލް ކޮށްދޭކަށް ނޫން. އިސްލާހްގެ މަގަށް ގައުމު ގެންގޮސް ދޭނަން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި މެދުކެނޑުމެއް ނެތި ހިދުމަތް ކުރައްވަމުން އަންނަތާ 24 އަހަރު ވެފައިވާ އިބޫ ވިދާޅުވި އެވެ.

ވަޒީފާގެ ބިރުވެރިކަން އެބަ އޮތް ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ސަރުކާރުން ހިދުމަތްތައް ވެސް ދިނުމުގައި ސިޔާސީ ފިކުރަށް ބަލާ ކަމަށެވެ. ނަމަވެސް ދިވެހިން ތިބީ އެ ބިރުވެރިކަން ފަހަނައަޅައި ގޮސް އަނިޔާވެރިކަމަށް ނޫނެކޭ ބުނަން ނިކުމެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތީ އުފާވެރިދުވަސްތަކެއް، ހަމައާ އިންސާފު ގާއިމުވެގެންދާނެ ދުވަސް،" އިބޫ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް