ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 22:01
ގުޅިފައިވާ އިއްތިހަދުން ބޭއްވި ޖަލްސާގައި ޝެއިހް އިލިޔާސް
ގުޅިފައިވާ އިއްތިހަދުން ބޭއްވި ޖަލްސާގައި ޝެއިހް އިލިޔާސް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ އަކީ ކިބުރުވެރިކަމާއި ބޮޑާކަން ނެތް ބޭފުޅެއް، ކާމިޔާބު ލިބޭނެ: ޝެއިހް އިލިޔާސް
އިދިކޮޅު އިއްތިހާދުގައި މަސައްކަތްކުރަނީ އަދުވުންކަމަށް ބައެއް މީހުން ބުނޭ، ނަމަވެސް އެއީ އޮޅުވާލުމެއް

ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ބޮޑާކަމާއި ކިބުރުވެރިކަން ނެތް ބޭފުޅެއްކަމަށާއި، އިިންތިހާބު ކަމިޔާބުކުރެވޭނެކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިހް އިލިޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ. 

މެލޭޝިޔާގެ ދިވެހިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން، މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އިލިޔާސް ވިދާޅުވީ އޭނާގެ ދޫ ބަންދުކޮށްފައި ވަރަށް މޮޅެތި ވާހަކަދެއްކެވޭނެކަމަށް ބައެއް ބޭފުޅުންނަށް ހީވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާނުލެވޭނެކަމަށް އިލިޔާސް ވިދާޅުވި އެވެ. އަދި "އެޕާޓީގައި ހުރެފަ، މި ޕާޓީއަށްގޮސް، އެ ޕާޓީއަށް ގޮސްފައި، އެތަނުން ކައިފައި އައިސައި ބުނަނީ ބިދުވަތަކެއް" ކަމަށް ވަކި ބޭފުޅެއްގެ ނަން ވިދާޅުވެ ވާހަކަފުޅުދައްކަވަމުން އިލިޔާސް ވިދާޅުވި އެވެ. 

ޝެއިހް ވިދާޅުވީ އިދިކޮޅު އިއްތިހާދުގައި މަސައްކަތްކުރަނީ އަދުއްވުންކަމަށް ބައެއް މީހުން ބުނާކަމަށާއި، ނަމަވެސް އެއީ އޮޅުވާލުމެއްކަމަށެވެ. އަދި އިއްތިހާދުގައި ތިބީ އަދުއްވުންކަމަށް ބުނާ ވާހަކަތައް އަޑު ނޭއްސެވުމަށް އިލްތިމާސްކޮށް، ޝެއިހް ވިދާޅުވީ އިއްތިހާދުގެ ޕާޓީތަކުގައިވެސް ތިބީ މުސްލިމުން ކަމަށެވެ. ޝެއިހް ވަނީ އެފަދަ ވާހަކައެއް ދެއްކި މީހުން ތައުބާވުމަށް ގޮވާލައްވާފަ އެވެ. 

ޝެިއހް އިލިޔާސް ވިދާޅުވީީ އިއްތިހާދުގައި ހިޔާލު ތަފާތުވުން ހުރިނަމަވެސް ކުރާ މަސައްކަތަކީ އަނިޔާވެރިކަމާއި، ބޭއިންސާފާއި، ބިރުދެއްކުމާއި އަޅުވެތިކަމަށް ނޫނެކޭ ބުނުން ކަމަށެވެ. އަދި ޝެއިހް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންވެސް 2 ނަމްބަރު ކެނޑިޑޭޓް (އިބްރާހިމް މުހައްމަދު ސޯލިހް) އަށް ވޯޓުދެއްވާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. 

ބިރުފަހަނަ އަޅައިދާންޖެހޭކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާ ޝެއިހް ވިދާޅުވީ ބިރުފަހަނަ އަޅައިދާންވީ އަނިޔާވެރިކަމާއި، އަޅުވެތިކަމަށް ނޫނެކޭ ބުނުމަށްކަމަށެވެ. 

"ﷲ އަށް ބިރުވެތިވުމަކީ ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅު ނެގޭ އެއްޗެއް. އެ ފަހަނަ އަޅައި ދިއުމަށް އަޅުގަނޑު ދުވަހަކުވެސް ނުގޮވަނަން" ޝެެއިހް ވިދާޅުވި އެވެ. 

ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބޫއަށް ތާއިދުކުރައްވާ ސަބަބުތައް ހާމަކުރައްވާ ވަހަކަދައްކަވަމުން ޝެއިހް ވިދާޅުވީ އިބޫއަކީ ކިބުރުވެރިކަމާއި ބޮޑާކަން ނެތް ބޭފުޅެއް ކަމަށެވެ. އަދި އިބޫއަކީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންގެ ހާލު ބައްލަވައިގެން މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާކަމަށް ޝެއިހް ވިދާޅުވި އެވެ. އޭގެއިތުރުން އިބްރާހިމް މުހައްމަދު ސޯލިހަކީ އަމާނަތްތެރި ތެދުވެރި، އަދި ދައުލަތުގެ ހަޒާނާ ރައްކާކުރައްވާނެ ބޭފުޅެއްކަން ގަބޫލުކުރައްވާ ކަމަށްވެސް ޝެއިހް ވިދާޅުވީ އެވެ. 

އަމިއްލަ ނަފްސަށް ހިޔާނަތްތެރިވާ މީހުންނާއި ޖަދަލުނުކުރެއްވުމަށް އަންގަވާފައިވާކަން ފަހަގަކޮށް، ޝެއިހް ވިދާޅުވީ ހިޔާނަތްތެރިވެފައިވާ މީހުންނަކީ ކޮން ބަޔެއްކަން ދިވެހި ރައްޔިތުންނަށް އެނގޭކަމަށާއި، އެކަމުގައި އަމަލީގޮތުން ބައިވެރިވެފައިވަނީ ކޮންބަޔެއްކަންވެސް އެނގޭ ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ބަޔާނުގައިވާ ކަންތައްތައް ފާހަގަކޮށް ޝެއިހް ވިދާޅުވީ އެ ކަންތައްތައް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހިނގާފައިވާކަމަށެވެ. 

އެ މޭރުމުން އިތުރަށް ވާހަކަ ކުރިއަށްގެންދަވަމުން ޝެއިހް އިލިޔާސް ވިދާޅުވީ ޖަލުގައި ތިބޭ ކުށްވެރިން ދައްކާ ވާހަކަ ގަބޫލުކޮށްގެންނުވާނެ ކަމަށް ބައެއް މީހުން ބުނާކަމަށާއި، ނަމަވެސް ކުށްވެރިޔާވެސް ތެދެއް ހަދައިފިނަމަ އެކަމެއް ގަބޫލުކުރަންޖެހޭނެކަމަށް އިލިޔާސް ވިދާޅުވި އެވެ. 

"އިސްލާމް ދީނުގައި އޮތީ ކުށްވެރިޔަކުވިިޔަސް ތެދުވަހެއް ބުނެފިނަމަ އެކަން ގަބޫލުކުރަންޖެހޭނެއޭ"

ޝެއިހް އިލިޔާސް މެލޭޝިޔާގައި ވާހަކަފުޅުދައްކަވާފައިމިވަނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނިކޮށެވެ. ޝެއިހް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ ދިވެހި ރައްޔިތުންނަށް ދީނުގައިވާ ކަންކަން ބުނެދެއްވުމަށް ކުރެއްވި މަސައްކަތަކާއި ގުޅިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް