ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 21:50
މެލޭޝިޔާގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން
މެލޭޝިޔާގައި ބޭއްވި ޖަލްސާގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ފައިސަލްގެ ގިނަ ވައުދުތަކެއް: މެލޭޝިޔާ އިން އާސަންދަ ލިބޭނެ ގޮތް ހަދައި، ވިސާ ކަންތައް ހައްލުކޮށްދޭނަން!
ވިސާގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ. 

މެލޭޝިޔާއަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތައް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދިމާވާ ވިސާގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ފައިސަލް ވިދާޅުވީ ޑިޕެންޑެންޓް ވިސާ ލިބުމުގައި ހުރި ދަތިތައް ވެސް މެލޭޝިޔާ ސަރުކާރާ ވާހަކަދައއްކަވައިގެން ހައްލުކުރައްވާނެ ކަމަށެވެ. 

އޭގެ އިތުރުން އާސަންދައިގެ ހިދުމަތް އަވަށްޓެރި އިންޑިއާ އަދި ލަންކާ އިން ވެސް ލިބޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައި މެލޭޝިޔާގައި ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ފައިސާ ހޯދުމަށްޓަކައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ދަރިވަރުންނަށް ލުއި ލޯން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ. 

މެލޭޝިޔާގައި ދިވެހި އާބާދީގެ ބޮޑު އިންސައްތައަކީ އަންހެނުންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމެއްގައި އަންހެނުން ބާރުވެރިކޮށް، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ފެނިގެންދާނީ އަންހެން ބޭފުޅުންގެ ދައުރު، ތަރައްޤީގައި ފެނިގެންދާނެ. އެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން"

ފައިސަލް ވިދާޅުވީ ސަރުކާރެއް އަންނަނީ ކޮންކަމަކާ މެދުތޯ ރައްޔިތުން ސުވަލުކުރައްވަންޖެހޭ ކަމަށެވެ. އަދި ސަރުކާރެއް އަންނަނީ ވަކި މީހަކަށް ބޮޑެތި އިނާޔަތްތަކެއް ދީ، ވަކި މީހެއްގެ ދަރިޔަކަށް ލޯނުތައް ދީ، ވަޒީފާގެ ބިރުދައްކައި ހަދަންތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒިފުން ތިބީ ބޮޑު ބިރުވެރިކަމެއްގައިކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި މުވައްޒިފުންނަށް ބިރު ނުދައްކާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށް ފައިސަލް ވިދާޅުވިއެވެ. 

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ޖާފަތުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. ފައިސަލް ވަނީ ދިވެހިންނާއި ވަކިވަކިން މަޝްވަރާކުރައްވައި ހުރި ދަތިތައް ވެސް އޮޅުން ފިލުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް