ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 18:37
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނަން: އިބޫ
ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ލޯނުތައް ދޫކުރާނަން
ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުންތަކާއެކު ރަށްތައް ވެސް ތަރައްގީވާންޖެހޭ

ކޯލިޝަންގެ ސަރުކާރުގައި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއްދީގެން އެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އދ.ދިގުރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ގެނެސްދިން ގެސްޓުހައުސް ވިޔަފާރި އަންނަނީ މުޅި ރާއްޖޭގައި ފުޅާ ވަމުން ކަމަށެވެ. އަދި ދިގުރަށަކީ ވެސް ގެސްޓު ހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ދޫކުރެވިގެންދާނެ ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުތައް ފަހި ކޮށްދޭނެ ކަމަށެވެ.

ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުންތަކާއެކު ރަށްތައް ވެސް ތަރައްގީވާންޖެހޭކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ދިގުރަށުގައި ވެސް އޭޓީއެމް ބެހެއްޓިގެންދާނެ ކަމަށެވެ. އަދި އެރަށުގެ ސްކޫލާއި، ސިއްހީ މަރުކަޒު ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރަށް އިބޫ ވިދާޅުވީ ދިގުރަށުގެ ބަނދަރު ބޮޑު ކުރެވި އެންމެނަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ބަނދަރަކަށް ހަދާދޭނެ ކަމަށެވެ.

އދ.ގެ އޮމަދޫއާއި، ދަގެއްޗާއި، މަންދޫއާ، އަދި ދިއްދޫއަށް އަލިއަޅުއްވައި ލައްވަމުން އިބޫ ވިދާޅުވީ އެރަށްރަށް ވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރެވި ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށުގެ ހާލަތު ބެލުމަށްފަހު ރަށްގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މަންދޫއަކީ ބަނދަރެއް ނެތް ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަންގެ ވެރިކަމުގައި އެރަށޫގައި ވެސް ބަދަރެއް ގާއިމް ކޮށްދޭނެ ކަމަށާއި، އެރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދަދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް