ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 14:13
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ ވަނީ މުވައްޒަފުން ސިޔާސީ ކޮށްފައި، އެކަން އަޅުގަނޑުމެން ނުކުރާނަން: ނިހާން
އެކަމަށް ދިވެހިން ފޯރިދީގެން ނުވާނެ: ޝައިނީ
މުވައްޒަފުން މަޖުބޫރުކޮށްގެން އެކަން ކުރުވަނީ ޕީޕީއެމުން
ދައުލަތުގެ މުދާ ބޭނުންކޮށްގެން ކެމްޕޭން ކުރަނީ ވެސް ޕީޕީއެމުން

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު އޮތް ކަން، ސިވިލް ސާވަންޓުން ހާމަކުރުމަކީ މުވައްޒަފުން ސިޔާސީ ކުރުން ކަމަށް ވިދާޅުވެ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިބޫއަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިކޮށް، ދައުލަތުގެ މުދާ ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ޕީޕީއެމުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނިހާން ވިދާޅުވީ ސިވިލް ސާވަންޓުން ބައިވެރިކޮށްގެން ސަރުކާރަށް ތާއިދު ހޯދުމުގެ ހަރަކާތްތަކެއް އެބޭފުޅުން ނުހިންގަވާނެ ކަމަށެވެ.

"އެ ޓީޗަރުންނަށް އެ މިނިވަންކަން އޮންނާނެ. އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ހިތުގަ ޖެހުމެއް، ހިތް ބުރަ ކަމެއް ނެތް އެއްވެސް މުދައްރިސަކަށް. ނަމަވެސް އެ ބޭފުޅުން ލައްވާ އަޅުގަނޑުމެން ނުކުރުވާނަން،" ނިހާން ވިދާޅުވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލްސާ ވަންޓުން އިބޫއަށް ތާއިދު ކުރަން ރައްޔިތުން ފޯރިދީގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިބޫއާ އެކު ސިވިލްސާ ވަންޓުން ފޮޓޯ ނެގުމަކީ އަންޕްރޮފެޝަނަލް ކަމެއް ކަމަށާއި ޕީޕީއެމުން އެކަން ކުށްވެރި ކުރާ ކަމަށެވެ.

"އެއީ ވަރަށް އަންޕްރޮފެޝަނަލް ކަމަކޭ އަޅުގަނޑު ދަންނަވާނީ. އެކަމަށް އަނެއްކާ އަނެއްކޮޅުން ބަޔަކު ނުކުމެ، އަނެއްކޮޅަށް ޖެހުމަކީ ރީތި ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވަދޭން ތިބި، މަގު ދައްކަދޭން ތިބި، އިލްމާއި އަހުލާގު ދަސްކޮށްދޭން ތިބި މީހުން. އެހެންވީމަ މިފެންނަނީ ޑެސްޕަރޭޝަންގައި ކުރައްވާ ކަންކަން. އެކަމަށް ދިވެހި އެއްވެސް މީހަކު ފޯރިދީގެން ނުވާނެ. އެއީ އަޅުގަނޑުމެން ކުށްވެރި ކުރާ ކަމެއް،" ޕީޕީއެމުން ކެމްޕެއިން ހަރަކަތްތަކުން އާންމުކޮށް ނުފެންނަ ޝައިނީ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ސަރުކާރުގެ މުވައްޒަފުންނާއި ސިވިލް ސާވަންޓުން ސިޔާސިކޮށްފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، ޕީޕީއެމްގެ ކެމްޕޭއިން ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރި ކުރުވަނީ ވަޒީފާގެ ބިރު ދައްކައި، މަޖުބޫރު ކޮށްގެންނެވެ. އެފަދަ ކެމްޕެއިން ހަރަކާތްތަކުގައި ސަރުކާރު މުވައްޒަފުން ބައިވެރިވިކަން ޔަގީން ކުރަން ހާޒިރީ ވެސް ދަނީ ބަލަމުންނެވެ.

އެއާ ހިލާފަށް ގުޅިފައިވާ ޕާޓީތަކަށް ތާއިދުކޮށް، ޓްވީޓުކޮށް، ހިޔާލުފާޅުކުރާ ސަރުކާރުގެ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، އިދާރީ ބޮޑެތި ފިޔަވަޅުތައް ވެސް އަޅާފައިވެއެވެ. އެކަމާ ގުޅިގެން އިބޫ ވައުދުވެވަޑައިގެންފައި ވަނީ ގުޅިފައިވާ ޕާޓީތަކަށް ތާއިދުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ވަޒީފާ އިޔާދަކޮށް، ލިބޭ ގެއްލުމުގެ ބަދަލު ދެއްވާނެ ކަމަށެވެ.

"މިއަދު ސިޔާސީ ހަރަކާތްތަކަށް ނުކުމެގެން، ވަޒީފާއިން ވަކިކުރާ އެންމެންނަށް އެ ވަޒީފާ ދޭނަން. ވަޒީފާއިން ވަކިކޮށްގެން ލިބޭ ގެއްލުންތަކުގެ ބަދަލު އެ ހުރިހާ އެންމެންނަށް ދޭނަން. ފަހަތަށް ނުޖެހި، އަޅުގަނޑުމެންނާ އެކު މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ،" އިބޫ ވައުދުވެވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ސެޕްޓެންބަރ 2018 | ހުކުރު 10:53
ސިޔާސީ
ނިހާން އެހެންވެ ތޯ ރ.ރަސްމާދޫ ސްކޫލުގެ ޓީޗަރ އަހްމަދު ނަދީމް ޕީޕީއެމް ގެ ކެމްޕެއިންގަ އުޅެނީ އެހެން ވީމާ ނިހާން ތި ބުނާ ގޮތުން ނަދީމް އަކީ ޓީޗަރެއް ނޫން ދޯ