ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 07:03
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބް 2018
މިސަރުކާރުން ވަނީ ތައުލީމު ނިޒާމު ފުނޑުފުނޑުކޮށްލާފައި: ޝިފާ
ބީޓެކް ޕްރޮގްރާމް މިސަރުކާރު ވަނީ ހަލާކުކޮށްލާފައި
މިއަދަކީ ކިޔަވަން ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު ލިބޭ ޒަމާން

މިސަރުކާރުން ތައުލީމީ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޝިފާ ވިދާޅުވީ ބީޓެކް ޕްރޮގްރާމަކީ ރާއްޖޭގެ ކިޔަވާ ކުދިންނަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި، ނަމަވެސް މިސަރުކާރުން އެ ޕްރޮގްރާމް ހަލާކުކޮށްލާފައިވާ ކަމަށެވެ. ޝިފާ ވިދާޅުވީ ކިޔަވާ ކުދިންގެ ތައުލީމީ ހަޔާތް ގެއްލުވާލައި، މުޅި ތައުލީމީ ނިޒާމް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށެވެ. ސިޔާސީ ހަރަކާތްތަކަށް ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ޕްރިންސިޕަލުން ސިޔާސީ ކަންކަމުގައި އުޅުމަށް މަޖުބޫރު ކުރާނީ ތައުލީމީ ނިޒާމު ހަލާކު ކުރުމަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

މަދަރުސީ ނަތީޖާ ދަށް ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދޭން ނުޖެހޭ ކަމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ކަމަށާއި  އެކަމަށް އިޝާރާތް ކުރައްވާ ޝިފާ ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ފުލުންގޮސްފައިވާކަން ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށެވެ.

"ނަތީޖާތައް މަތިކުރުމުގެ ނިޔަތުގެ ވިސްނުމުގައި ކުރެއްވި ކަމަކީ ގްރޭޑް 8 އަކާ ހަމައަށް ދިޔާމަ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވާނީ ކާކުކަން ފާސް ވާންވީ ކާކުކަން ފާސް ނުވާންވީ. ކާކަށްތޯ އޯލެވެލް ލިބެންނެތީ. ކާކަށްތޯ އޭލެވަލް ދޭން ބޭނުން ނެތީ. އެހެންވެގެން ނޫންތޯ އުފާ އޮފީހެއް ހަދައިގެން ކޮންމެ ކުއްޖަކަށް ގުޅައިގެން މައިންބަފައިގެން ގެންގޮސްގެން މީނަ ފާސް ވާނެ. މީނަ ފާސް ނުވާނެ. އޭނަ ފާސް ވާކަށް ލާހިކެއް ނޫން. އެހެންވީމަ އޭނަ ލާ ބީޓެކްއަށް،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މަދަރުސާއަކީ ދަސްކުރުމަށާއި، އުނގެނުމަށްދާ ތަނެއް ކަމަށެވެ. މީގެ ކުރިން ވަކި އާއިލާއަކަށާއި، މުއްސަންދި އާއިލާތަކުގެ ބޭފުޅުންނަށް ކިޔެވުނު ނަމަވެސް މިހާރު މިއީ އެޒަމާނެއް ނޫން ކަމަށާއި، މިއަދަކީ ކިޔަވަން ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު ލިބޭ ޒަމާން ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ހާލާކުވެފައިވާ ތައުލީމީ ނިޒާމު ކޮޅަށް ނެގުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓުދޭންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް