ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:46
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީޑިއާއަށް މައުލޫމާތު ދެއްވަނީ
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީޑިއާއަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ސުނާމީ ލޯނުތައް ސަރުކާރުން މައާފުކޮށް, އިދާރާތަކަށް މިއަދު ވަނީ އަންގާފައި: ޝައިނީ
ލޯނުތައް މައާފު ކުރަން އިބޫ ވަނީ ވައުދު ވެވަޑައިގެންނެވީ މިއަދު
މާ ކުރިން އެ ލޯނުތައް މައާފު ކުރަން ވަނީ ނިންމަފައި: ޝައިނީ

ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް ސަރުކާރުން މައާފުކޮށްފައިވާ ކަމަށާއި އެ ލޯނުތައް މައާފު ކުރިކަން ބުރާސްފަތި ދުވަހު ސަރުކާރުގެ އިދާރާތަކަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ލޯނުތައް މައާފު ކުރައްވާނެ ކަމަށް، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ޕީީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެކަމަކީ މާކުރިން ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

ޝައިނީ ވިދާޅުވީ ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 451 މީހަކަށް ސަރުކާރުން 18 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށާއި އެ ލޯނުތައް ދައްކައި ހަލާސް ނުކުރުމުން އިންޓްރެސްޓާއެކު ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ޝައިނީ ވިދާޅުވީ އެ ލޯނުތައް މައާފު ކުރުމާ ގުޅޭ ގޮތުން މީގެ ދެ ހަފްތާ ކުރިން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށާއި އެ މަޝްވަރާތަކާ އެކު އެ ލޯނުތައް މައާފު ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ލޯނު ނެގި މީހުންނަށް ލޯނު މައާފުކޮށްފައިވާކަން އަންގާފައިވޭތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ އެކަން އަންގާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓް ވަކި ކަމެއް ނިންމާފައި، އޭތި އިއުލާން ކުރުމާއި ނުވަތަ އެކަން ކުރުމަށް، ކުރާއިރުގަ ސަރުކާރުގަ ރެސްޕޮންސިބަލް ބަޔަކު ތިބީމަ، ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އެގޮތުން ފޮނުވަންޖެހޭ ސިޓީތަކާއި މިހުރިހާ އެއްޗެހިތަކެއް ފޮނުވާފައި ސިޓީބިޓީ ބަދަލު ކުރަމުން ގޮއްސަ، މިއަދު ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރައްވާފަ އެގޮތަށް ހަދައިފިކަން ހުރިހާ އިދާރާއަކަށް އެއޮތީ އަންގާފައި،" ޝައިނީ ވިދާޅުވިއެވެ.

ސުނާމީ ލޯނުތައް މައާފުކޮށް ނިންމައި، ސަރުކާރުގެ އިދާރާތަކަށް ބުރާސްފަތި ދުވަހު ރައީސް ޔާމީން އެންގެވި ކަމަށް ޝައިނީ ވިދާޅުވެފައި ވަނީ އެ ލޯނުތައް މައާފު ކުރާނެ ކަމަށް ބުރާސްފަތި ދުވަހު އިބޫ ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.

"އެ ލޯނު ނުދެއްކި އިންޓަރެސްޓް މައްޗަށް އިންޓަރެސްޓް ވަނީ އަރާފައި. މިއަދު އަޅުގަނޑުމެން މި ނިންމަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަ ކުރެއްވިއްޔާ ދޫކުރެވިފައިވާ އެ ހުރިހާ ލޯނެއް އަޅުގަނޑުމެން މައާފްކޮށްދޭނަން،" ބުރާސްފަތި ދުވަހުގެ މެންދުރުފަހު މަތިވެރީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ސެޕްޓެންބަރ 2018 | ހުކުރު 01:34
ހުސެބެ
އިބޫގެ ވައުދު ރައީސްއަކަށްނުވެ ފުއްދިއްޖެ.