ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:49
ގާނޫނީ ވަކީލު ހުސައިން ޝަމީމު
ގާނޫނީ ވަކީލު ހުސައިން ޝަމީމު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ޝަމީމު ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
ޝަމީމު ސަސްޕެންޑް ކޮށްފައިވަނީ އޭނަ ކުރި ޓްވީޓަކާއި ގުޅިގެން
ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލު

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމު ތިން މަސް ދުވަހަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ސަސްޕެންޑުކޮށްފިއެވެ.

ޑިޕާޓުމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޝަމީމު ސަސްޕެންޑުކޮށްފައިވަނީ ޝަމީމުގެ ނަމުގައި ހިންގަމުން ގެންދާ ޓްވިޓާރ އެކައުންޓަކުން ޖުޑިޝަރީއާއި ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ކަމަށެވެ.

އަދި މިޓްވީޓާއި ގުޅޭގޮތުން ޝަމީމުއާ ސުވާލުކުރުމަށްފަހު، މިއަމަލަކީ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ 3.2ގެ ހ. އާ ހިލާފު އަމަލަކަށްވާތީ، އެގަވާއިދުގެ 6 ވަނަ މާއްދާގެ (ނ)ގެ ދަށުން ގާނޫނީ ވަކީލު ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން 3 މަސް ދުވަހުގެ މުއްދަތަށް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޝަމީމު ގަވާއިދާ ހިލާފުވެ ކުރައްވާފައިވަނީ ކޮން ޓްވީޓެއްކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ޝަމީމު ތިން މަސް ދުވަހު ސަސްޕެންޑް ކޮށްފައިވާއިރު އޭނާ ވަނީ ޑީޖޭއޭއަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގާފައެވެ.

ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީގައެވެ.

އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް އޭނާ ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދީފައި ވަނީ ޖުލައި މަހުގައެވެ.

ޝަމީމް މަތީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ. އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ ޝަމީމާއެކު ކިޔަވާ ވިދާޅުވާން މިޞްރުގައި އުޅުއްވި ބޭފުޅެކެވެ.

މީގެއިތުރުން ޝަމީމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް އެންމެ ފަރިތަ އެއް ގާނޫނީ ވަކީލެވެ. ޝަމީމު ވަނީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިންނާއި ފަހުންވެސް އެ ގާނޫނަށް ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް