ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:59
އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް
އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް
ޔޫޓިއުބް
ކުރީގެ އޮޑިޓަރ ޖެނެރަލް
އޭސީސީ އާއި މީރާ އިން އެއްބާރުލުމެއް ނުލިބުނު، ސީދާ ރައީސް ވެސް އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ހުރަސް އެޅުއްވި: ނިޔާޒް
އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ހުރަސްތަކެއް ކުރިމަތިވި
ޓޫރިޒަމް މިނިސްޓްރީން އޭރު އެއްބާރުލުމެއް ނުލިބޭ
އަދީބުގެ ހިޔާނާތުގެ ފައިސާގައި އޭސީސީގެ މެންބަރުން ޖެހިފައިވޭ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށް ސަރުކާރުގެ މުއައްސަސާތަކުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ހުރަސް އެޅުއްވި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އަނެއްކާ ވެސް ތުހުމަތުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ނިޔާޒް އާންމުކުރައްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައި ވަނީ މި މައްސަލަ ބެލުމަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ މުއައްސަސާތަކުން މައުލޫމާތު ހޯދުމަށް ދަތިތައް ކުރިމަތިވުން ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީންނާއި މީރާއިން މައުލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެމައުލޫމާތުތައް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޑިޓް ކުރަން ބޭނުންވެގެން ކުރި މަސައްކަތްތަކުން ބޭނުންވާ މައުލޫމާތު ލިބިފައިނުވޭ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އަށް މައުލޫމާތު ހޯދުމަށް އެތައް ސިޓީއެއް ހުށަހެޅިން. މީޓިންގތަކުގައި ދެންނެވިން. އެމްއެމްޕީއާރްސީ ހިންގުމާ ހަވާލުވެ ހުންނެވި ޒިޔަތަށް ވެސް މައުލޫމާތު ދިނުމަށް އެދުނިން. އެ ފަރާތުން ވެސް ދިނީ ބީރު ކަންފަތެއް. މީރާ އަށް ވެސް އެތައް ފަހަރު މައުލޫމާތު ހޯދުމަށް އެދުނިން،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވެސް އޮޑިޓް ކުރިއަށްގެންދިއުމަށް އެއްބާރުލުންދީފައިނުވާ ކަމަށެވެ. މިފަދަ މަސައްކަތްތައް ކުރުމުގައި އެއްބާރުލުން ދޭންޖެހޭ ފަރާތްތައް ކަމުގައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނާ މިކަންކަން މަޝްވަރާ ކުރަމުންދިޔަ ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި އޭސީސީއާ ހިއްސާކުރި މައުލޫމާތުތައް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ ގުޅައިގެން އެކޮމިޝަންގެ މެންބަރުން ހިއްސާ ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އަދީބުގެ ހިޔާނާތުގެ ތެރެއިން ހޯދި ފައިސާ އިން އޭސީސީގެ ބައެއް މެންބަރުންނަށް ވެސް މަންފާ ލިބިފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"މައުލޫމާތު ހޯދުމުގައި ދިމާވި ދަތިތަކާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފާ ހޯދާ މުއައްސަސާތަކަށް އެކަން އެންގިން. ބަންޑާރަނައިބުގެ ގާނޫނީ ލަފާއާ އެކު ވެސް މުއައްސަސާތަކުން މައުލުމާތު ދިނުމަށް ދެކޮޅު ހެދި. 19 އޮކްޓޫބަރު 2014 ގައި އޮޑިޓް ރިޕޯޓް ޕަބްލިޝްކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކޮށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކޮށްފައި. އެ މަސައްކަތް ކުރުމަށް ދިމާވި ދަތިތަކާ އުނދަގޫތަކުގެ ވާހަކަ ވެސް ހިއްސާކުރިން،" ނިޔާޒް ވިދާޅުވިއެވެ.

އޭރު އާންމުކުރި އޮޑިޓް ރިޕޯޓުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާ ހިޔާނާތުގެ މައްސަލަތައް ފާހަގަކުރެވުނު އިރު އެމްޕީއެލް އިން ނަގާފައިވާ 71 މިލިއަން ޑޮލަރުގެ މައްސަލަ އާއި އެމްޓީޑީސީން އެމްއެމްޕީއާރްސީއަށް އެއް މިލިއަން ޑޮލަރު ނަގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ޓްރާންސްފާ ކުރި މައްސަލައެއް ވެސް ރިޕޯޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު އޮޑިޓް ކުރިއަށް ގެންދިޔަ އިރު ރައްތައް ކުއްޔަށް ގެންދިއުމާ ގުޅޭ ގޮތުން ލިބުނީ ވަރަށް ލިމިޓެޑް މައުލޫމާތުތަކެއް ކަމަށާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ އަމަލުތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތަކުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ހުރަސް އެޅުއްވި ކަމަށް ނިޔާޒް ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް