ކ. މާލެ
|
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:09
ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް
ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް
ރާއްޖެއެމްވީ
ސަރުކާރުގެ ކޮރަޕްޝަން
ނައީމް މަޤާމުން ދުރުކުރީ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަން ފެށުމުން: ނިޔާޒް
އަލަށް ފާސްކުރި އޯޑިޓް ޤާނޫނުގެ ދަށުން ސަރުކާރުގެ މުއައްސަސާތައް އޯޑިޓްކުރުމުން، ގިނަ ކަންތައްތަކެއް ހާމަވެގެން ދިޔަ
ފަޅުރަށްތަކާއި ފަޅުތަކުގެ ހުރިހާ މަސްއޫލިއްޔަތެއް އެމްއެމްޕީއާރްސީގެ ދަށަށް ގެންދިޔައީ ހިޔާނަތްތެރިވުމަށް

ރާއްޖޭގެ އެންމެ ފުރަތަމަ މިނިވަން އޯޑިޓަރ ޖެނެރަލް، އިބްރާހިމް ނައީމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެމަނިކުފާނު މަޤާމުން ދުރުކުރީ އެސްޓީއޯގެ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ މައްސަލަ ބައްލަވަން ފެއްޓެވުމުން ކަމަށް ކުރީގެ އޯޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި ފޭސްބުކްގައި ނިޔާޒް އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ކުރީގެ އޯޑިޓަރ ޖެނެރަލް ނައީމް އޯޑިޓް ރިޕޯޓްތައް ނެރުއްވަމުން ގެންދެވީ "ޓައިމްބޮމްތަކެއް" ފަދައިން ކަމަށް ވިދާޅުވެ ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

އެގޮތުން އެ ދުވަސްވަރަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ސަރުކާރު އޯޑިޓްކުރާނެ ޤާނޫނެއް އަލަށް އުފެއްދުނު ދުވަސްވަރު ކަމުން އޭގެ ކުރިން އުސޫލުން ބޭރުން ކަންތައްތަކެއް ހިންގާފައި ހުރެދާނެ ކަމީ ޤަބޫލުކުރެވޭ ކަމެއް ކަމަށެވެ. އަދި އެހެންކަމުން، އެ ދުވަސްވަރު، އަލަށް ފަސްކުރެވުނު އޯޑިޓް ޤާނޫނުގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކާއި، މުއައްސަސާތައް އޯޑިޓް ކުރުމުން، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ހާމަވެގެން ދިޔަކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ އެކަން އެގޮތަށް އޮއްވައި، 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ނައީމްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައި، އެމަނިކުފާނު މަޤާމުން ދުރުކުރީ އެސްޓީއޯ ސިންގަޕޯރ މެދުވެރިކޮށް ހިނގި ތެލުގެ ވިޔަފާރި އާއި ރައީސް ޔާމީނާ ގުޅުމެއް ވޭތޯ ބެލުމަށް ބޭރުގެ އޯޑިޓް ފަރމެއް މެދުވެރިކޮށް މިނިވަން އޯޑިޓެއް ފެށުމުން ކަމަށެވެ.

"އެމަނިކުފާނު (ރައީސް ޔާމީން) ވިދާޅުވަނީ، އެސްޓީއޯ ސިންގަޕޯރ މެދުވެރިކޮށް ހިންގުނު ތެލުގެ މުޢާމަލާތްތަކާ، އެމަނިކުފާނާ ގުޅުމެއް އޮތްތޯ ބެލުމަށް ބައިނަލްއަޤުވާމީ އޯޑިޓް ފަރމެއް މެދުވެރިކޮށް ތަހުޤީޤުތަކެއް ކުރިއަށް ގެންދެވުނު ކަމަށް. އެހެން ނަމަވެސް އެމަނިކުފާނާ އެއާ ގުޅުމެއް އޮތްކަމަށް އެބޭފުޅުންނަށް ނުހޯދުނު ކަމަށް. އޭގެ ހަޤީޤަތަކީ އޯޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް އޯޑިޓަރ ޖެނެރަލްގެ މަޤާމުގަ ހުންނަވައިގެން. މި ދެންނެވި އޯޑިޓް ފަރމް މެދުވެރިކޮށް ކުރިއަށް ގެންދެވުނު ތަހުޤީޤުގެ މަސައްކަތް ފުރިހަމަ ކުރުމަށް އެމަނިކުފާނަށް ނުލިބުނުކަން. އެ މަސައްކަތް ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން އަދި ކުރިން މި ދެންނެވި ގޮތަށް ޕަބްލިޝް ކުރެވުނު އޯޑިޓް ރިޕޯޓްތަކުގެ ނަތީޖާއެއް ގޮތުން، އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ، އޭގެ އިސް ލީޑަރޝިޕްގަ ތިއްބެވި ބޭފުޅުންނަށް އެ ކަންތައްތަކެއް ޓޮލަރޭޓެއް ނުކުރެއްވުނު. އޭގެ ނަތީޖާއެއްގެ ގޮތުން އޯޑިޓަރ ޖެނެރަލް އިބްރާހިމް ނައީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން އެމަނިކުފާނު މަޤާމުން ބޭރު ކުރެވިގެންދިޔަ. ރައީސުލުލްޖުމްހޫރިއްޔާ ޔާމިން ވިދާޅުވަނީ އޭރުގެ އޮޑިޓާރ ޖެނަރަލް ނައީމް މަގާމުން ވަކި ކުރެވިގެން ދިޔައީ އެމަނިކުފާނު ޕްރޮފެޝަނަލް ނޫންވީމަ ކަމަށެވެ. އަޅުގަނޑު ދަންނަވާނީ އެމަނިކުފާނުގެ ފަރާތުން ކަންތައްތަކެއް ފާހަގަކުރެވުނުކަމުގައި ވިޔަސް އެމަނިކުފާނު މަގާމުން ދުރުކުރެވުނު މައިގަނޑު މަގުސަދަކީ އެމަނިކުފާނު އޭރު ޝައިރު ކުރެވުނު ރިޕޯޓުގައި ނަތީޖާއެއް ގޮތުން އޭރު ސަރުކާރު ތެރޭގައި ހިނގަމުން ދިޔަ ހިޔާނާތުގެ ދިވެހި ދައުލަތުގެ މާލިއްޔަތާއި އިހުމާލުވުމާއި ބައެއް ކަންތައްތައް ފާޅުވުމާއި ގުޅިގެން އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް،" ނިޔާޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ނިޔާޒް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެރަށެއް އަންނަނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ކަމަށެވެ. އަދި ޓޫރިޒަމް ބޭނުމަށް ފަޅުރަށްތަކާއި ފަޅުތައް ދޫކުރުމަށް މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ ކަމަށެވެ. މީގެ އިތުރަށް ނިޔާޒް ވިދާޅުވީ ފަޅުރަށެއް ޓޫރިޒަމް މިނިސްޓްރީއަށް ނެގުމުގެ ކުރިން އެރަށެއް އޮންނަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ނިޔާޒް ވިދާޅުވީ ދޫކުރަމުންދާ ފަޅުރަށްތަކާއި ފަޅުތަކުގެ ފައިސާގެ ހުރިހާ ކަމެއް ކުރުމަށް ހަމަޖައްސާފައިވާ މުއައްސަސާއަކީ މީރާ ކަމަށާއި، ފައިސާއާ ހަވާލުވަނީ ވެސް މީރާ އިން ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު މި ހުރިހާ ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އެމްއެމްޕީއާރްސީގެ ބެލުމުގެ ދަށަށް ގެންދިޔައީ އަދީބު މެދުވެރިކޮށް މިހިޔާނަތް ހިންގެވުމަށް ކަމަށެވެ. އެމްއެމްޕީއާރްސީއަކީ ޓޫރިޒަމް ޕްރޮމޯޓްކުރާ މުއައްސަސާއެއް ކަމަށާއި، އެއީ ފަޅުރަށްތަކާއި ފަޅުތައް ވިއްކާ ފައިސާއާ ހަވާލުވާ ތަނެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް