ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 21:36
ރިޔާސީ ކެންޑިޑޭޓް އިބޫގެ ރަނިންގމޭޓް މާރިޔާ އަހުމަދުދީދީ
ރިޔާސީ ކެންޑިޑޭޓް އިބޫގެ ރަނިންގމޭޓް މާރިޔާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުން ސަލާމަތްވުންވެސް އޮތީ މުއައްސަސާތަކުގެ އަތްމަތީގައި: މާރިޔާ
ވޯޓު ކަރުދާހުގެ މައުލޫމާތު ހާމައެއް ނުކުރޭ، ޕްރިންޓް ކުރިކަމެއް، ކުރީ ކޮންތާކުން ކަމެއް، ކުރީ ކިހާ އަދަދެއް ކަމެއް ނޭނގޭ
މަންދޫބުން ސޮއި ކުރި ލިސްޓް މަންދޫބުންނަށާއި އޮބްޒާވަރުންނަށް ދޭން ދެކޮޅު
ބޭރުގެ 85 އޮބްޒާވަރުން އަންނަ ކަމަށް ބުނި، އެކަމަކު އެމީހުންގެ މައުލޫމާތު ދިނުމަށް ދެކޮޅުހަދާ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅުއްވާ ވާހަކަ ރައީސް އަބްދުﷲ ޔާމީން ދައްކަވާއިރު، އެ ދަތިކުރުމުގެ ފިވަޅުން ސަލާމަތްވުން އޮތީީވެސް ހަމަ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އީޔޫއިން އަދި ބޭރު ގައުމުތަކުން ބާރު އަޅަމުން ދަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ކަމަށާއި އެކަން ކުރުމުގެ ބާރު އޮތީ ރައީސް ޔާމީނާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާއާއި އަދިވެސް ކަމާބެހޭ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އަތްމަތީގައި ކަމަށެވެ. 

"މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅާ ނުވަތަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިޔަ ނުދިނުމަށް ބާރުއަޅާ މީހުންނަށް، ބޭރުގެ ފަރާތްތަކުން ޓާގެޓެޑް ސެންކްޝަންސް ނުވަތަ ވަކިވަކި ފަރުދުންނާމެދު ފިޔަވަޅު އަޅާނެކަމަށް ބުނަމުންދާއިރު، ރައީސް ޔާމީންގެ ވާހަކަފުޅުގައި އެބަވިދާޅުވޭ ފިޔަވަޅު އަޅާނެޔޭ. ފިޔަވަޅު އަޅާނެކަމަށް ބޭރުގެ ފަރާތްތަކުން ބުނެފައި އޮތީ މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިއަށް ނުގޮއްސިއްޔާ. އެކަމަކު ރައީސް ޔާމީން ފިޔަވަޅުގެ ވާހަކަ އެހާވަރަށް އެދައްކަވަނީ، އެކަމަކީ ރައީސް ޔާމީންގެ އަތްޕުޅުގައި އޮތްކަމެއް. އިލެކްޝަންސް ކޮމިޝަނުގެ ޝަރީފްގެ އަތްޕުޅުގައި އޮތްކަމެއް، ފުލުހުންގެ މުއައްސަސާގެ އަތްމަތީގައި އޮތްކަމެއް. މިނިވަންކަމާއެކީގައި މިއިންތިހާބު ކުރިއަށް ގެންގޮސް ދެއްވާ އެކަހަލަ ފިޔަވަޅެއް އަޅަން ނުޖެހޭ ގޮތަށް އިންސާފުވެރިކަމާއެކީ، މިނިވަން ކަމާއެކީގައި ދެފުށްފެންނަ ގޮތަށް ރައްޔިތުންނަށް ގަބޫލު ކުރެވޭގޮތަށް މިކަން ކުރިއަށް ގެންގޮސް ދެއްވުން،" މާރިޔާ ވިދާޅުވި އެވެ. 

މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް 10 ވަރަކަށް ދުވަހަށް ވެފައިވާއިރު، ވޯޓު ކަރުދާހުގެ މައުލޫމާތެއް ހާމަ ނުކުރައްވާ ކަމަށާއި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކޮށްފައިވާ ވޯޓަރސް ލިސްޓުވެސް ކެންޑިޑޭޓުންގެ މަންދޫބުންނަށާއި އޮބްޒާވަރުންނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. 

މީގެއިތުރުން މާރިޔާ ވިދާޅުވީ ވޯޓް ފޮއްޓަށް ވޯޓު ކަރުދާސްކޮޅު ލުމަށްފަހު، ދެން އޮންނާނީ ވޯޓު ގުނުން ކަމަށާއި ވޯޓު ކަރުދާސް ސައްހަތޯ ނޫންތޯ ކަށަވަރުކުރާނީ ވޯޓު ފޮއްޓަށް އެކަރުދާސް ކޮޅު ލުމުގެ ކުރިން ކަމަށެވެ. 

މާރިޔާ ވިދާޅުވީ ބޭރުގެ 85 ވަރަކަށް އޮބްޒާވަރުން އިންތިހާބު އޮބްޒާވު ކުރުމުގައި ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ދިނުމަށް ދެކޮޅު ހައްދަވާފައިވާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
13 ސެޕްޓެންބަރ 2018 | ބުރާސްފަތި 04:26
ހަރީޟް
ބޭރުގެ އޮބްޒާވަރުންގެ މަލޫމާތު އެމްޑީޕީ އަށްލިބިއްޖެނަމަ އެމީީހުން މިތަނަށޤ އައުމުގެ ކުރިން އެމީހުން ގަނެލާނެ!