ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 15:11
ބ. ހިބަޅިދޫ ނެރުކައިރިން ހޯދި ބައެއް ހަތިޔާރު
ބ. ހިބަޅިދޫ ނެރުކައިރިން ހޯދި ބައެއް ހަތިޔާރު
ގޫގުލް
އަދީބުގެ ބަޔާން
ހިބަޅިދޫ ނެރުމައްޗަށް ހަތިޔުާރު ފެއްތުމާއި ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ފަހަތުގައި ވަނީ ޖެނެރަލް ޝިޔާމު: އަދީބު
އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފޭކް ބޮމެއް ހަދާ ކުއްލި ނުރައްކަލުގެ ހާލަތު ހިންގި ކަމަށް އަދީބު ތުހުމަތު ކުރައްވާ

ބ. ހިބަޅިދޫ ނެރުކައިރިއަށް ފައްތާފައިހުރި ހަތިޔާރުތަކާއި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ފަހަތުގައި ހުންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ތުހުމަތު ކުރައްވައިފި އެވެ.

ބުދަ ދުވަހު އަދީބުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިބަޅިދޫ ނެރުކައިރިއަށް ހަތިޔާރު ފެއްތުމާއި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލުމާއި އަދި މާލޭގެ މަގުމަތިން ބޮން ފެނުމުގެ ފަހަތުގައި ހުންނެވީ ޖެނަލް ޝިޔާމު ކަމަށާއި އެކަންކަން ކޮށްފައި ވަނީ ކަހީނަކު ލައްވާ ކިޔެވުމަށް ފަހުގައި ކަމަށެވެ.

އަދީބު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު، އެވަރު ނުވެގެން ސިފައިންގެ ބަޑިގުދަނުން ދަބަރުޖަހާފައި ހުރި ބަޑިތަކާއި، ވަޒަނާއި، ގޮވާތަކެތި ހިބަޅިދޫ ނެރުމަށްޗަށް ކަހީނަކު ގޮވައިގެންގޮސް ކިޔަވައި ފެއްތުމަށް ފަހު ޖެނެރަލް ޝިޔާމް ފުލުހުންނަށް އެކަން އެންގީ ކަމަށެވެ. އަދި އެ ކަހީނު ސިފައިންގެ ޔުނީފޯމެއް ލައްވައިގެން ގޮސް ހިބަޅިދޫ ނެރުމަތިން އެ ހަތިޔާރުތައް ނެގީ ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އެދުމަށް އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މުލިއާގެ ކައިރީގައި "ފޭކް" ބޮމެއް ބާއްވާ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ކަމަށެވެ.

އަދީބުގެ ބަޔާނާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއަށް ގުޅުން ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަދީބުގެ ބަޔާނުގައި އެމްއެންޑީއެފާއި ޖެނަރަލް ޝިޔާމާ ގުޅުން ހުރި ވާހަކަތަކެއް ހިމެނޭތީ ޝިޔާމާއި އެމްއެންޑީއެފްގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް