ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 14:26
މުހައްމަދު އަމީތު
މުހައްމަދު އަމީތު
ރާއްޖެ އެމްވީ
މެމްބަރު އަމީތު
ކެމްޕެއިން ނިމިގެންދާނީ ޔާމިން ހިންގި ހުރިހާ ޖަރީމާތަކަށް އަމިއްލަ ދުލުން އިއުތިރާފްވެގެން: އަމީތު
23 ސެޕްޓެމްބަރަށްފަހު ދެން އޮތީ އިންސާފް ޤާއިމް ވެގެން ދިއުން
ޔާމީންއަށް އޮންނާނީ ހަމަ ޖަލު ގޮޅި

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިމިގެންދާނީ ރައީސް ޢަބްދުﷲ ޔާމީން ހިންގެވި ހުރިހާ ޖަރީމާތަކަށް އެމަނިކުފާނުގެ އަމިއްލަ ދުލުން އިއުތިރާފް ވެގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އަމީތު މިހެން ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް ގެއްލުވާލީ ރައީސް ޔާމީން ކަމަށް ގދ ތިނަދޫގައި އެމަނިކުފާނު ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ.

ގދ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ނިކަމެތި ކަމަކީ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުން ކަމަށާއި އެކަމަކީ އެމަނިކުފާނު ފަސޭހަކޮށް، ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ  އެނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އެމަނިކުފާނު މި ޒައާމަތުގައި ހުރެގެން، ފަސޭހަކަމާ އެކީގައި ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ. ހަމަ އެ ސަބަބަށްޓަކައި، ޕާޓީ ދޫކޮށްލާފައި ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެފަހުން އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ނިމިގެންދާނީ ޔާމީން ހިންގި ހުރިހާ ޖަރީމާތަކަށް އަމިއްލަ ދުލުން އިއުތިރާފް ވެގެން ކަމަށެވެ.

އަލްހަމްދުލިﷲ އޭ ވިދާޅުވެ އަމީތު ވިދާޅުވީ 23 ސެޕްޓެމްބަރަށްފަހު ދެން އޮތީ އިންސާފް ޤާއިމް ވެގެން ދިއުން ކަމަށެވެ. އަދި ޔާމީންއަށް އޮންނާނީ ހަމަ ޖަލު ގޮޅި ކަމަށެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އެންމެ އިސް މަސައްކަތެއް ކުރެއްވިކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނުކަމަށްވެސް ރައީސް އަބްދުﷲ ޔާމީން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ކާނިވަލުގައި މިމަހުގެ 7 ވަނަ ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޖަލްސަގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ފުރުސަތު ނުދެއްވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ޤާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ނުދެއްވީ ސީދާ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް