ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.16 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސައްތަ މުދާ އެތެރެކޮށްފައިވެއެވެ.
އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު %14 އިތުރުވެފައެވެ. މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 280 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބިފައި ވަނީ 245 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާއެވެ.
ދިވެހިރާއްޖެ އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ 20 އިންސައްތަ ޖަރުމަނުވިލާތަށް އެކްސްޕޯޓް ކޮށްފައިވާއިރު، ތައިލެންޑަށް 15 އިންސައްތަ އަދި އިނގިރޭސި ވިލާތަށް 14 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން، ފަރަންސޭސްވިލާތައަށް 10 އިންސައްތަ ވަނީ އެކްސްޕޯޓް ކުރެވިފައެވެ.
މި އަހަރުގެ ޖޫން މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 223 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.