ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 00:40
އައްބާސް ޝަރީފު: ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015ގައި
އައްބާސް ޝަރީފު: ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015ގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް
މީގެ ކުރިން ވެސް ރައީސް ޔާމީންގެ ވަކީލަކަށް އުޅުއްވި

ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު މަސައްކަތްޕުޅު ކުރައްވަން ފައްޓަވައިފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި އައްބާސް ޝަރީފު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެން، ޕީޕީއެމުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޕްރެސް ކޮންފަރެންސަކީ ތެލުގެ ވަގު ވިޔަފާރިއާ، ރައީސް ޔާމީނާ ގުޅުން ނެތް ކަމަށް ބުނެ، އެމަނިކުފާނުގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސެކެވެ. އެ މައްސަލާގައި އެމްޑީޕީ އާއި ރާއްޖެޓީވީއާ ދެކޮޅަށް ރައީސް ޔާމީން ކުރައްވަން ނިންމަވާފައިވާ ކަންތައްތައް އެ ޕްރެސް ކޮންފަރެންސްގައި އައްބާސް ޝަރީފު ވަނީ ވިދާޅުވެ ދެއްވާފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް ޔާމީން ހައްޔަރު ކުރުމުން، އެމަނިކުފާނު މިނިވަން ކުރުމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު 2010 ވަނަ އަހަރު ކުރެއްވި މަސައްކަތުގައި އައްބާސް ޝަރީފު އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ ބަންދާމެދު ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ގޮތް ނިންމެވި މަޖިލިސްތަކަށް އައްބާސް ޝަރީފު ވަޑައިގެން، އާޒިމާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. ނަމަވެސް ޝަރީއަތުގެ އެ މަޖިލިސްތަކުގައި އައްބާސް ޝަރީފު ވަކާލާތު ކުރައްވާފައެއް ނުވެއެވެ.

އެއަށްފަހު 2011 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވިއެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު، ހައި ކޯޓުގެ ދެކުނު ގޮފި އުފެއްދުމަށްފަހު، އޭނާ ދެކުނު ގޮތްޕަށް ބަދަލު ކުރިއެވެ. ނަމަވެސް ސިއްހީ މައްސަލަތެއް ދިމާވެ، ހައި ކޯޓުގެ ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވިތާ މިހާތަނަށް ތިން އަހަރު ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް