ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 12:25
މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ
މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ހީކުރި ވަރަށް ވުރެ މާ ބޮޑަށް ރާއްޖޭގެ ހާލަތު ގޯސް: އެސްއޭޑީއެފް
ރިޕޯޓް އާންމުކޮށްފައި ވަނީ ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް އިން
ގިނަ ކަންބޮޑުވުންތަކެއް ހިމަނާފައިވޭ

ދިވެހިރާއްޖޭގެ ހާލަތު ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ މާ ބޮޑަށް ގޯސް ކަމަށް ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް (އެސްއޭޑީއެފް) އިން ބުނެފިއެވެ.

ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް (އެސްއޭޑީއެފް)އަކީ ބެލްޖިއަމްގެ ބްރަސަލްސްގައި ގާއިމްވެފައި އޮންނަ ދެކުނު އޭޝިއާ ސަރައްދުގެ ކަންކަން ބެލުމަށް ޚާއްސަވެފައިވާ ތިންކް ޓޭންކްއެކެވެ. އަދި މި ތިންކް ޓޭންކަކީ ޔޫރަޕިއަން ޔޫނިއަނުން ބަލަމުން އަންނަ ބައެއް ކަންކަމުގައި ވެސް ލަފާ ދެމުން އަންނަ ބައެކެވެ.

އެސްއޭޑީއެފް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަށް ޒިޔާރަތްކޮށް ވިމެން އިކޮނަމިކް އެންޑް ސޯޝަލް ތިންކް ޓޭންކް (ޑަބްލިއުއީއެސްޓީޓީ)އާ އެކު ރާއްޖޭގެ ހާލަތު ބަލާފައިވާ ކަމަށެވެ.

އެސްއޭޑީއެފް ރިޕޯޓުގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމާއި އެމުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރެއްގެ އިތުރުން ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓުގައި ވާ ގޮތުން ސިޔާސީ ހަރަކާތްތައް ހިނގުމަށް އިދިކޮޅު ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ހަމަނުޖެހުންތަކާއި، ހައްޔަރުކޮށްފާނެކަމުގެ ބިރަށް ބައެއް އިދިކޮޅު ފަރާތްތަކަށް ރާއްޖެ ދޫކޮށް ދާންޖެހުނެވެ.

 އެސްއޭޑީއެފް ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނުތަކާއި ޝަރޫޢީ ނިޒާމަށް ގެނެވުނު ގިނަ ބަދަލުތަކެއް ގެނެވި ގާނޫނާ ޚިލާފަށް އިތުރު ބާރުތަކެއް ރައީސަށާއި ސަރުކާރު ހިންގާ ޕާޓީއަށް ލިބިދީފައިވާ ކަމަށެވެ.

ރައީސަށް ލިބިދިން ބާރުތަކުގެ ސަބަބަން، ރާއްޖޭގައި ކޮރަޕްޝަނުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ހާމަކަންބޮޑު ދެފުށް ފެންނަހެން ކަންކަން ނުކުރެވުމާއި، ގާނޫނާ އެއްގޮތަށް ވެރިކަންކުރުމަށް ސަރުކާރުންކުރާ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އެސްއޭޑީއެފް ރިޕޯޓުގައި، އުމުރުން 80 އަހަރުފުޅުގައި ރައީސް މައުމޫން ޖަލުގައި ހައްޔަރުކޮށް ސިއްހީ ފަރުވާ ހޯދުމަށް ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ސިޔާސީ ގޮތުން ދިވެހި ސަރުކާރުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ބައެއް ގައުތަކުން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ޗައިނާ ޖެހިލުމެއް ނުވެ، ރައީސް ޔާމީންގެ ހުދުމުހުތާރުކަން ދެމެހެއްޓޭނެހެން އެހީތެރިކަން ފޯރުކޮށްދެމުން ދާދިޔުމާ ގުޅިގެން ރިޕޯޓުގައި ކަންބޮޑުވުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން ނުދާ ކަމަށެވެ. އަދި މިނިވަން އިންތިޚާބެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވެދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިހާރު ވެސް އިންތިޚާބަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އެގޮތުން ރީރަޖިސްޓްރޭޝަންގެ މަރުހަލާގައި އޮޅުވާލުމާއި، އެ ނޫން ވެސް އިންތިޚާބާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފު ކަންކަން ހިނގައިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެފަރާތަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ، އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރަސަތު ބޮޑެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައީސް ޔާމީން ހުންނެވީ ވެރިކަމުގެ ބާރުތައް ދަމަހައްޓަން ބާރުގެ ބޭނުންކޮށް ނަތީޖާ އޮޅުވާލަން ވެސް ތައްޔާރަށް ކަމަށެވެ. ވިޔަފާރިވެރިންނާއި، ދީނީ އިލްމުވެރިންނާއި ފުލުހުން ބޭނުން ކޮށްގެން ރައީސް ޔާމީން ވެރިކަމުގެ ބާރުތައް ދެމެހެއްޓުން އެކަށީގެންވާ ކަމަށް ރިޕޯޓްގައި ވެއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަށް ޒިޔާރަތް ކޮށް ރިޕޯޓު އެކުލަވާލުމުގައި ޔޫރަޕިއަން ޕާލަމެންޓްގެ ތިން މެންބަރުން ކަމަށްވާ ތޯމަސް ޒެކޯސްކީ، މާރިއާ ގެބްރިއެލާ ޒޮއާނާ އަދި ރިޒާޑް ޒަރްނެސްކީގެ އިތުރުން ޔޫރަޕިއަން އިކޮނަމިކް އެންޑް ސޯޝަލް ކޮމެޓީގެ ދެމެންބަރުން ކަމަށްވާ މަޑީ ޝަރްމާ އާއި ހެންރީ މަލޯސީ ވަނީ ރާއްޖެ އަށް ކުރި ދަތުރުގައި ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް