ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މިލިއަނުން ހުރަސްކޮށް ދާން ފެށި ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަންނަނީ ހޮވަމުންނެވެ. އެގޮތުން މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާ އަށް ތުރުކީވިލާތު ފިރިހެނެއް ވަނީ ހޮވިފައެވެ.
ތުރުކީވިލާތުގެ ފިރިހެން މީހާ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ކައިވެނި ކޮށްގެން، މީރު އައިލެންޑް ރިސޯޓުގައި ހަނީމޫން ހޭދާ ކުރުމަށެވެ. އެމީހާ އަށް މަރުހަބާ ކިޔުމަށްޓަކައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ސަޤާފީ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ދެމަފިރިންނަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރާއި އެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި އެމްއޭސީއެލް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިން ވަނީ ވަޑައިގެންފައެވެ.
ދެ މަފިރިންނަށް ލިބުނު ހާއްސަ ހަދިޔާތަކުގެ ތެރޭގައި މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖާއި ޓީއެމްއޭ އިން ދިން ދަތުރެއްގެ އިތުރުން ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖެއް ވެސް ހިމެނެ އެވެ.