ކ. މާލެ
|
9 ސެޕްޓެންބަރ 2018 | އާދީއްތަ 19:15
ސިނާން އަލީ: އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ބޯޑުން ވަކިކޮށްފައި
ސިނާން އަލީ: އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ބޯޑުން ވަކިކޮށްފައި
ސަން އޮންލައިން
ރިޔާސީ އިންތިހާބު 2018
އެމްޑީއޭގެ ކައުންސިލް މެމްބަރު ސިނާން އައިލެންޑް އޭވިއޭޝަން ބޯޑުން ވަކިކޮށްފި
އެމްޑީއޭ އާއި ޕީޕީއެމްގެ ގުޅުން ވަނީ ގޯސްވެފައި
ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކުރެއްވި
މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވޭ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ އާއި ޕީޕީއެމާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، އެމްޑީއޭގެ ކައުންސިލް މެމްބަރު ސިނާން އަލީ އައިލެންޑް އޭވިއޭޝަންގެ ބޯޑުން ވަކިކޮށްފިއެވެ.

ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަންގެ ބޯޑަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައްޔަން ކުރި ސިނާން އެ ބޯޑުން ވަކިކުރެއްވިކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ބުނެފައެއް ނުވެއެވެ.

ސިނާނަކީ އެމްޑީއޭގެ ކައުންސިލްގެ މެމްބަރެއްގެ އިތުރުން، އޭނާ ގެންދަވަނީ އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރުކަން ވެސް ކުރައްވަމުންނެވެ. އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ސިނާން އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައެވެ. އެ މަގާމަށް އޭނާ ބަދަލު ކުރެއްވުމުގެ ކުރިން ހުންނެވީ އެމްޓީސީސީ ބޯޑުގައެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޑުން ސިނާން ވަކިކުރައްވާފައި ވަނީ އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު އޮތް ގުޅުން ގޯސްވެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުން ސިޔާމް ދުރަށް ޖެހިވަޑައިގެންފައިވަނިކޮށެވެ. ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިޔާ ސިޔާމް ވަނީ އެމްޑީއޭ ހިންގުން ވެސް ދުރަށް ޖެހިވަޑައިގެން، އެ ޕާޓީގެ ހިންގުން ޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފާ ހަވާލު ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ތާއިދު ކުރާނެ ކެންޑިޑޭޓަކު އެމްޑީއޭއިން ކަނޑައަޅާފައި ނުވާއިރު، އެމްޑީއޭގެ ބައެއް މެމްބަރުން ފާޅުގައި ގެންދަވަނީ ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް